ހަގީގަތުގައި އެޓާނީޖެނެރަލް އިބްރާޙީމް ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހްދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ.
މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މިއަދު ވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހަށް ހުށަހަޅާފައެވެ.
މިކަމާއިގުޅިގެން މަހްލޫފް ވަނީ ހަގީގަތް އޮޅުވާނުލުމަށް އެދިވަޑައިގެންފައެވެ. އަދި ޗާގޯސް މައްސަލައިގަ ރާއްޖެއަށް ލިބުނީ ބޮޑު ކާމިޔާބެއްކަމަށާއި ރާއްޖެއަށް ލިބުނީ ބޮޑު ބައެއް ކަމަށް ވިދާޅުވިއެވެ.
’’މޮރިޝަސްގެ މައްޗަށް ގަދަވީ މިކުޑަކުޑަ ދިވެހި ރާއްޖެ. ހަގީގަތުގައި އެޓާނީ ޖެނެރަލް ރިފްއަތުގެ ކަރުގައި އަޅުވަންވީ މާފައްޗެއް”މީސް މީޑިއާގައި ހިޔާލުފާޅު ކުރައްވަމުން މަހްލޫފް ވިދާޅުވެފަވެއެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ނެތި، މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަކީ ޗާގޯސް މައްސަލައިގަ ކުޅެނީ ޑްރާމާއެއްކަން އިތުރަށް ރައްޔިތުންނަށް ޔަގީންވާކަމެއް ކަމަށެވެ.
“ތިޔަ އިތުބާރު ނެތްކަމުގެ މައްސަލައާއި ޖަމަލު ފޮޑިއަކާ އެއްވެސް ތަފާތެއްނެތް.” މަހްލޫފް ވިދާޅުވެފަވެއެވެ.
ޗާގޯސް މައްސަލައާއި ގުޅުވައި އެކަމަށް އެއްވެފައިވާ އިއްތިހާދުން އޭޖީ ރިފްއަތުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދިނަމަވެސް މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ އިއްތިހާދުގެ މައި ޕާޓީ އެމްޑީޕީ އަށެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 68 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ 13 މެމްބަރުން އުނި ކުރި ނަމަވެސް ރައީސް ޞާލިޙާއެކު 55 މެންބަރުން އެބަތިއްބެވިއެވެ. އެހެންކަމުން ސަރުކާރުން ބޭނުންނުވާގޮތައް މަޖިލިސްއިން ކަމެއް ފާސްކުރުމަކީ ނާދިރުކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!