6 މޭ 2021 ގައި ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަކީ ގައުމުގައި މިފަހުގެ ތާރީޚްގައި ޖެހުނު ކަޅު ބިރުވެރި ލައްގަނޑެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
6 މޭ 2021 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ނުރައްކާތެރި ހަމަލާއަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ދެ އަހަރު ވެފައެވެ.
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށްވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެހާދިސާ ހިނގީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށެވެ.
މި ހާދިސާއާއި ގުޅުވައި މެންބަރު ރާޢީ އިއްޔެ މީސް މީޑިއާގައި ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އަކީ ދިވެހި ގައުމުގައި މިފަހުގެ ތާރީޚްގައި ޖެހުނު ކަޅު ބިރުވެރި ލައްގަނޑެއް ކަމަށެވެ.
6th May 2021
ކުރީގެ ރައީސް، ޕާޓީގެ ރައީސް، އަދި މިހާރުގެ މަޖްލިސްގެ ރައީސް ދެވުނު ޓެރަރިސްޓް ހަމަލާ އަކީ ދިވެހި ގައުމުގައި މިފަހުގެ ތާރީޙްގައި ޖެހުނު ކަޅު ބިރުވެރި ލައްގަނޑެކެވެ، pic.twitter.com/kjEeLhGiOS— Mohamed Raee / Makunudhoo Constituency (@Mraee12) May 7, 2023
ނަޝީދަށް ދިން މި ހަމަލާއާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ވަނީ 16 ގަޑި އިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ.
އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގަތީ ޖަރުމަނު ވިލާތަށެވެ. ޖަރުމަނު ވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ފަހު ޑޮކްޓަރުންގެ ލަފަޔާއެކު އިތުރު ފަރުވާއަށް އިނގިރޭސި ވިލާތަށް ވެސް ވަޑައިގަތެވެ.
ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ މި ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށް ލާން 14 ޑިސެމްބަރު 2021 ގައި ވަނީ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާއަށް ދެ އަހަރު ފުރުމާއިގުޅިގެން ނަޝީދުގެ އަރިސް ބޭފުޅުން ވަނީ އެމަނިކުފާނަށް އިންސާފު ހޯދައިދިނުން ލަސްކަމަށް ވިދާޅުވެ، ސަރުކާރަށް ތުހުމަތުގެ އިނގިލި ދިއްކުރައްވައި، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިގޮތުން ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދުﷲ ވިދާޅުވެފައި ވަނީ، އެ ބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު ނުހޯދި، ރައީސް ނަޝީދަށް އިންސާފު ލިބުނަނުދީ ހިފަހައްޓާލައިގެން ތިބުން އެއީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވާ ގޮތްކަން ވަރަށް ސާފުކަމަށެވެ. އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެފައި ވަނީ، ސަރުކާރުން އަދިވެސް އެގެންދަނީ ހަދާފައި ހުރި ގޯސްތައް ވަންހަނާކޮށް ފޮރުވުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ރައީސް ޞާލިޙަށް ރައީސް ނަޝީދަށް އިންސާފު ހޯއްދައި ނުދެވޭނެ ކަމަށް ވެސް ހަސަން ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އެސްޓީއޯގެ ކުރީގެ ސީއީއޯ/އެމްޑީ ހުސައިން އަމްރު ވިދާޅުވެފައިވަނީ، 6 މޭ 2021 ގަ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައުލޫމާތު އޭގެ ކުރިން ސަރުކާރަށް އެނގިތިބެ އަޅާނުލާކަމަށެވެ. އަދި ހަމަލާއަށް 2 އަހަރު ވީއިރު އެ ހަމަލާ ރޭވި މީހުން ނުހޯދި ރައީސް ނަޝީދަށް އިންސާފު ނުހޯދައިދިނުމަކީ ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށެވެ. މިކަމާއި ގުޅިގެން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެފައި ވަނީ އެ ހަމަލާއިގުޅިގެން ސީރިއަސް ތަހުގީގެއް ހިންގިފައިނުވާ ކަމަށެވެ. ފަހަތުގައި ތިބި ބަޔަކު ހޯދާކަށް ނޫޅުނު ކަމަށާއި، އިންސާފުގެ އެއްވެސް މިންވަރެއް ވެސް ފޯރުކޮށް ނުދިން ކަމަށެވެ. ނަމަވެސް އަދިވެސް ގަދަޔަށް އެއުޅެނީ ލިބިދީފައިވާ ސެކިއުރިޓީވެސް ކަނޑުވާނުލެވިގެން ކަމަށް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!