އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަންއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް 1-0 ގެ ނަތީޖާއިން ބްރައިޓަން މޮޅުވެއްޖެއެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބްރައިޓަން އަށް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޕެނަލްޓީ ލިބިފައިވަނީ ބްރައިޓަން އިން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭ ޔުނައިޓެޑްގެ ޑިފެންޑަރ ލުކާ ޝޯގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މި ޕެނަލްޓީ ރެފްރީ ދީފައިވަނީ ވީއޭއާރުން ބެލުމަށް ފަހުއެވެ.

Ad
rt

މި ޕެނަލްޓީ ގޯލުގެ މަތީކަނަށް ވައްދާލައިގެން ބްރައިޓަން މޮޅުކޮށްދީނީ މެކް އެލެސްޓާއެވެ. އޭނާ މި ސީޒަންގައި މިހާތަނަށް ފޮނުވާލި ހުރިހާ ޕެނަލްޓީއެއް ވެސް ވަނީ ކާމިޔާބު ކޮށްފައެވެ.

މި މޮޅާއިއެކު ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވާން ބްރައިޓަން އިން ކުރަމުން އަންނަ މަސައްކަތަށް އުންމީދެއް ވަނީ ލިބިފައެވެ. މިވަގުތު އެ ޓީމް އޮތީ ކުޅުނު 32 މެޗުން ލިބުނު 55 ޕޮއިންޓާއިއެކު ހަވަނާގައެވެ. ފަސްވަނާގައި އޮތް ލިވަޕޫލުން ބްރައިޓަންއަށް ވުރެ ދެ މެޗު އިތުރަށް ވަނީ ކުޅެފައެވެ. ލިވަޕޫލް ފަސްވަނާގައި އޮތީ 34 މެޗުން ލިބުނު 59 ޕޮއިންޓާއި އެކުގައެވެ. މެޗު ހަމަވާއިރު ދެން ކުރިއަށް ހުރި މެޗުތަކުން ބްރައިޓަން ރަނގަޅު ނަތީޖާއެއް ނެރެފިނަމަ އެ ޓީމަށް އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުޞަތު ލިބޭނެއެވެ.

ގަދަ ހަތަރެއްގައި ނިންމައި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑަށް ރޭ ގެއްލުނު ތިން ޕޮއިންޓްގެ ސަބަބުން އިތުރު މަސައްކަތް މިވަނީ ކުރަން ޖެހިފައެވެ. މިވަގުތު ޔުނައިޓެޑް ހަތަރުވަނާގައި އޮތީ 33 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ. ފަސްވަނާގައި އޮތް ލިވަޕޫލަށް 34 މެޗުން ލިބިފައި ވަނީ 59 ޕޮއިންޓެވެ.

ރޭ މެޗުގައި މެންޗެސްޓާގެ އެންތަނީއަށާއި މާޝިއަލްއަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތައް ބޭނުން ނުކުރެވުނެވެ. ރޭ މެޗުގައި ބްރައިޓަންގެ މިޓޯމާއަށް ވެސް ވަނީ ހުސް ފުރުޞަތެއް ލިބި ބޭކާރުވެފައެވެ.