އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އިތުރު މެންބަރުން އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުވާ މަޖިލިސް އަލުން އެކުލަވައިލުމުގެ ކަންކަން ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މިޢުވާން މުހައްމަދު ވިދާޅުވެފައި ވަނީ ފަތުވާ މަޖިލިހަށް ހަތަރު މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިހާރު އައްޔަން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ކަމަށް ވިދާޅެއް ނުވެ އެވެ.

Ad
rt

ފަތުވާ މަޖިލީހަށް ހަތަރު މެންބަރުން އައްޔަނު ކުރެއްވިއިރު އެ މަޖިލިސްގައި ހުންނެވީ އެ މަޖިލީހުގެ ރައީސްގެ މަގާމު ފުރުއްވާ ޑރ. މުހައްމަދު ރަޝީދު އިބްރާހިމް ގިނިކަންޏާއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަތުވާ މަޖލީހަށް ރައީސް ޞާލިޙް އައު ދައުރަކަށް އައްޔަން ކުރައްވާފަައި ވަނީ، ޑރ މުހައްމަދު ރަޝީދު އިބްރާހިމްގެ އިތުރުން ޑރ. އަބްދުއްސައްތާރް އަބްދުއްރަހްމާން އާއި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ޝައިހް އިލްޔާސް ހުސެއިނެވެ.

މިނިވަން، މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ވުޖޫދުވެގެން އައީ، ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު 2016/06 ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުންނެވެ. މިގޮތުން ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ގެ ނަމުގައި މަޖިލީހެއް އުފައްދާފައި ވަނީ 25 އޭޕްރިލް 2016 ވީ ހޯމަ ދުވަހުއެވެ.

މި މަޖިލީހަކީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ބެލެނިވެރިކަމުގެ ދަށުން ހިނގަމުންދާ ވަކި އިދާރާއެކެވެ.