އިދިކޮޅު ކޯލިޝަނުން ދެއްކި ވާހަކަ ހަނިމާދޫ ކައުންސިލުން އަޑު ނޭހިކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހދ. ހަނިމާދޫން މީހުން ބާލާ ހިސާބަށް އަދި ކަންތައްތައް ދާނެކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Ad
rt

ހަނިމާދޫ ކައުންސިލްގެ މި ކަންބޮޑުވުމަށް އިޝާރާތް ކުރައްވައި ޝުޖާޢު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،ހަނިމާދޫ ކައުންސިލުން ކަންބޮޑުވާނެ ކަމެއްނެތް ކަމަށެވެ. އަދި އިދިކޮޅު ޕްރެގްރެސިވް ކޯލިޝަނުން ދެއްކި ވާހަކަ އެ ކައުންސިލުން އަޑުއަހާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“ކަލޭމެން ބުނީ ކޮޗިން ފެރީންވެސް ލިބޭނީ ހިލޭ މޭބިސްކަދުރޭ. ތާހިރު ވެއްޖެއްނުން. ދެން ބާލާނީ ހަނިމާދޫއިން މީހުން. އެހިސާބަށް ދާނެ. އަވަސް ފިޔަވަޅު އަޅާ ކަންބޮޑުނުވެ.” މިދިޔަ ދައުރުގައި ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ސުޖާޢު ވިދާޅުވެފަވެއެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން އެ ސަރަހައްދުން ނެގި ބައެއް ބޮޑެތިގަސްތައް ކައުންސިލުގެ ހުއްދަ ނުހޯދައި އެ ރަށުން ބޭރުކުރާ މައްސަލައެއް މިދިޔަ މާޗު މަހުގެ ފަހުކޮޅު ވެސް ވަނީ ފެންމަތިވެފައެވެ. މި މައްސަލަ އެ ކައުންސިލުން ވަނީ އީޕީއޭގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެތަނުން ނަގާ ގަސްތައް ހަނިމާދޫ ކައުންސިލުން ދައްކާ ތަނެއްގައި އިންދުމަކީ ޕްރޮޖެކްޓް ހިންގާ ފަރާތުގެ ޒިންމާއެއްކަން ހަނިމާދޫ ކައުންސިލުން ފާހަގަ ކުރައްވާފަވެއެވެ.