ދިވެހި ގައުމުގެ އުއްމީދު ގުޅިފައި ވަނީ ކުރީގެ ރައީސް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ “ޗަ ގޯސް” ނަމުގައި މާލޭގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވި ކޮންމެ ފަހަރަކު ރާއްޖޭގެ އިސްލާމްދީން ހިމާޔަތްކޮށް، މިނިވަންކަން ދަމަހައްޓަން ދިވެހި ދަރިއެއް އިސްވެ ނުކުމެފައިވާ ކަމަށެވެ.
މިގޮތުން އުތީމު މިހައްމަދު ތަކުރުފާނާއި، ދޮންބަންޑާރައިންނާއި އަދި ޝަހީދު ހުސެން އާދަމްގެ ނަން ފާހަގަ ކުރައްވައި އަދުރޭ ވިދާޅުވީ މިއަދު ދިވެހި ޤައުމު އެދި ގޮވަނީ އެފަދަ ދަރިއަކަށް ކަމަށެވެ.
މިއަދު ގައުމު ސަލާމަތް ކުރަން ނުކުނަވާ ހުންނެވީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ކަމަށާއި، ގައުމުގެ ތުއްތު ކުދިންނާއި ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ރައީސް ޔާމީނާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
“މިގައުމުގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައި ވަނީ ރައީސް ޔާމީނާ، އަމާންކަމާއި އިސްތިގުލާލާއި ސިޔާދަތު ގުޅިފައި އޮތީ ރައީސް ޔާމީނާ، މިއީ ދެބަސްނުވެވޭނެ ހަގީގަތެއް” އަދުރޭ ވިދާޅުވިއެވެ.
އަދުރޭގެ ވާހަކާގައި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމީ ދިވެހިން އެދޭގޮތައް ކަމަށް ސަރުކާރުން ބުނިނަމަވެސް އެ މައްސަލަ ނިމުނީ ރައްޔިތުން ބޭނުންވި ގޮތައް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މޮރިސަސް އަށް ޗާގޯސްގެ ސިޔާދަތީބާރު ލިބެންޖެހޭ އެއްވެސް ސަބަބެއް ފެންނަން ނެތް ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!