ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ފެށި މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މަހްލޫފު ވިދާޅުވީ މާލޭގައި ގައުމީ ބިލިއާޑް ސެންޓަރު ތަރައްގީކުރެވުނު ދުވަހު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މުބާރާތް ބޭއްވޭނެ ދުވަހެއް ކަމަށާއި، މިއަދު އެކަން ކާމިޔާބުކުރެވުމަކީ ބޮޑު އުފަލެއް ކަމަށެވެ.
"މިތަން ހުޅުވުނުރޭ އަޅުގަނޑު ދެންނެވިން، ދެން އެންމެ ދެކެން ބޭނުންވަނީ މި ހޯލުގައި ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެ ދުވަހެކޭ. އިރާދަކުރެއްވިއްޔާ މިއަދު އެކަންވެސް ކާމިޔާބުކުރެވިއްޖެ" މަހުލޫފު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ސާލިހުގެ ވިސްނުންފުޅާއި އެކު ކުޅިވަރު ވައުދުތައް ފުރިހަމަކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.
މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތް އިފްތިތާހް ކޮށްދެއްވީ ފޮރިން މިނިސްޓަރު ޝާހިދުއެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ބައިނަލްއަގްވަމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ދިވެހިރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްކަމަށެވެ.
ޝާހިދު ވިދާޅުވީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މުބާރާތްތައް ރާއްޖޭގައި އިންތިޒާމް ކުރުމުގެ ވަސީލަތްތައް ހުރެ، އެ ކަންކަން އިންތިޒާމްކުރުމުގެ ގާބިލްކަން ހުރި ޒުވާނުންތަކެއް ރާއްޖޭގައި އުފެދި އައިސްފައިވާތީ އެއީ ލިބޭ ވަރަށްބޮޑު ޝަރަފެއް ކަމަށެވެ.
މާލޭގައި ގައުމީ ބިލިއާޑް ސެންޓަރުގައި އިއްޔެ ފެށި މި މުބާރާތުގައި ދުނިޔޭގެ 15 ގައުމެއްގެ މަތީ ފަންތީގެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!