ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށާއި ބިލް ފާސްކުރަމުން ދަނީ ސަރުކާރުން ބުނާ ގޮތަކަށް ކަމަށް ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޕްލާސްޓިކް ކޮތަޅުގެ އަގަށް އައި ބަދަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހަށް އަމާޒުކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.
މޮސްޓާގެ ޓްވީޓުގައިި ވިދާޅުވީ އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ، ރައީސް ގަރާރެއް ނެރުއްވައިގެން ވެސް ކޮތަޅުގެ އަގަށް ގެނައި ބަދަލު ހައްލުލުރެވޭނެ ކަމަށެވެ.
ބިލު ތަސްދީގުކުރުމަށްފަހު، ކައިރި ކައިރީގައި ބިލުތަކަށް ބަދަލުތަކެއް މީގެ ކުރިންވެސް ގެނެސްފައިވާކަން ފާހަގަކުރައްވާ މޮސްޓާ ވިދާޅުވީ ކޮތަޅުގެ އަގަށް އައި ބަދަލުތަކާއި ގުޅިގެން ރައްޔިތުން އުފުލަމުންދާ ތަކުލީފު ހައްލުކުރުމުގެ އިޚްލާސްތެރި ނިޔަތެއް ނެތްކަން އެނގޭ ކަމަށެވެ.
އެހެންނަމަވެސް ސަރުކާރުން ހުއްޓުވަން ބޭނުންވާ ބައެއް ކަންކަން ރައީސްގެ ގަރާރަކުން މީގެ ކުރިން ވެސް ހުއްޓުވާފައިވާކަން މޮސްޓާ ވަނީ ފާހަގަކުރައްވާފައެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ ޕްލާސްޓިކް ކޮތަޅުން ނަގަންފަށާފައިވާ 2 ރުފިޔާގެ ފީގެ ސަބަބުން ކޮތަޅު ބޮނޑީގެ އަގު މަތިވެފައިވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ބިލު ފާސް ވެގެން އައިއިރު މާއްދާއެއް އުނިކޮށްފައި ވުމުން ކަމަށެވެ.
ކުނި ޤާނޫނުގެ 35 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ކުރިން އޮތީ 50 ކޮތަޅު ނުވަތަ އެއަށްވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ބިލް ޤާނޫނަކަށް ބަދަލުވިއިރު 50 ކޮތަޅު ބޮނޑީގެ މާއްދާވަނީ އުނިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!