" ޒައިންއަށް ގުޅާފަ ބުނޭ ބައްޕަ ބުންޏޭ މިކޮޓަރިއަށް ހަމަ މިހާރު އަންނާށޭ! "
ފަހުމީ ތަންކޮޅެއް ހަރުކަށިކޮށް އެހެން ބުނުމުން އަމީރާ އަވަސް އަވަހަށް ޒައިންއަށް ގުޅިއެވެ.
" ދެން ފަހުމީ ޒައިންގާތު ކީކޭ ކިޔަންތަ ތިއުޅެނީ؟ "
އެނދުމަތީގައި އިށީނދެލަމުން އަމީރާ އަހާލިއެވެ. އޭރުވެސް ފަހުމީ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލިގޮތަށް ދެއަތް އުރާލައިގެން އޭނާ ހަމަ އިނީއެވެ. މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުމެވެ.
" އަހަރެން ދައްކާނެ ވާހަކައެއް ދައްކަންދެން، އެއްޗެކޭ ނުކިޔާ އަމީރާއަށް ހުރެވިދާނެތަ؟ "
ފަހުމީއަކީ މީގެ ކުރިން އެހާ ރުންކުރުކޮށް އޭނާއާ ވާހަކަ ދައްކާ މީހެއް ނޫނެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް އަމީރާ މިފަހަރު ޖެހިލުންވިއެވެ.
" އަހަރެން ހުރެދާނަން މަޑުން!"
އެހެން ބުނުމާއެކު އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޒައިން އެތެރެއަށް ބޯދިއްކޮށްލިއެވެ. މަންމައާ ބައްޕަގެ މޫނުމަތީގެ ކުލަވަރުން، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޒައިންއަށް އެނގުނެވެ. އެހެންކަމުން އޭނާގެ ހިތް ނުހަނު އަވަހަށް ނުތަނަވަސްވެގެން ދިޔައެވެ.
" ކިހިނެއްވީ ބައްޕާ؟ މަންމަ ގުޅާފަ އަންނާށޭ..... "
" ކޮޓަރި ތަޅުލާފަ އައިސް މިތާ އިށީނދެބަލަ! "
ޒައިންއަށް ރަނގަޅަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް، އެނދުކައިރީގައި ހުރި ގޮނޑިއެއް ދައްކާލަމުން ފަހުމީ ބުނެލިއެވެ. އެއާއެކު ޒައިންއަށް ބަލާލެވުނީ އަމީރާގެ މޫނަށެވެ. ކޮޓަރި ތަޅުލުމަށްފަހު ޒައިން އައިސް ފަހުމީ ދެއްކި ގޮނޑީގައި އިށީނެވެ. އޭރުވެސް ޒައިންއަށް ހުރީ ވާނުވާ ނޭނގިފައެވެ.
" ބައްޕަ މިކުރާ ސުވާލުގެ ޖަވާބު ތެދުތެދަށް ދީބަލަ! "
މޫނުމަތީގައިވާ ނުތަނަވަސްކަން އިތުރުކޮށްލަމުން ފަހުމީ ޒައިންއަށް ބަލާލިއެވެ. އޭނާގެ ޖުމްލައިން ޒައިންގެ މޭ ތެޅިގަނެގެން ދިޔައެވެ.
" އުޝާގެ ދަރިފުޅަކީ މާނިޙްގެ ދަރިއެއްތަ؟ "
" ނޫން.."
ފަހުމީ ތަންކޮޅެއް ބާރަށް އެހެން ބުނުމާއެކު ބޭއިޙްތިޔާރުގައި ޒައިންއަށް ބުނެވުނެވެ.
" ނޭނގެ! ނޭނގެ ބަ...ބައްޕާ! "
ބުނެވުނު އެއްޗަކާމެދު ވިސްނާލެވުމާއެކު ޒައިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އެހާމެ އަވަހަށެވެ. އޭނާގެ ރާގު ހުރިގޮތުން ކަމެއް ފޮރުވަން އުޅޭކަން ފަހުމީގެ އިތުރުން އަމީރާއަށްވެސް ޔަޤީންވިއެވެ.
" ދަރިފުޅާ! ބައްޕައަކީ ދަރިފުޅަށްވުރެ ގިނަ ދުވަސްވެފައިވާ މީހެއް! ދުނިޔޭގައި ހޭދަކުރަމުންދާ ދުވަސްތައްވެސް ދަރިފުޅަށްވުރެ ގިނަ ވާނެ! ކުރެވިފައިވާ ތަޖުރިބާތައްވެސް މާ ގިނަވާނެ! ބައްޕައަށް ހުންނާނީ ދަރިފުޅަށްވުރެ ގިނަ މީހުންނާވެސް ދިމާވެފަ!ގިނަ ގޮންޖެހުންތަކާވެސް ކުރިމަތިވެފަ! އެހެންވީމަ ދަރިފުޅުގެ މޫނުމައްޗަށް ތި އަންނަ ބަދަލުތަކުންވެސް ބައްޕައަށް އެތައް ވާހަކައެއް އެބަ ފެނޭ! "
ފަހުމީ އެހެން ބުނުމުން ޒައިން އިސްޖަހާލިއެވެ. ނަމަވެސް ފަހުމީ ހުރީ ހުއްޓާ ގޮތަކަށް ނޫނެވެ.
" ދަރިފުޅުގެ އެންމެ ގާތް ބަޔަކީ ކޮންބައެއް؟ "
މިފަހަރު ފަހުމީ އަހާލީ ނުހަނު ލޯތްބާއެކުއެވެ.
" މަންމައާ ބައްޕަ! " ޒައިން ޖަވާބުދިނީ ކުޑަކުއްޖަކު ފަދައިންނެވެ.
" އެހެންވިއްޔާ ދޮގު ނުހަދާ ބުނެބަލަ! އެ ދަރިފުޅުގެ ބައްޕައަކީ ޒައިންތަ؟ "
ފަހުމީ ދޫކޮށްލި ތޫނު ތީރުގޮސް މިފަހަރު ހެރުނީ ސީދާ ޒައިންގެ މެޔަށެވެ. ސިހިފައި ބައްޕަގެ މޫނަށް ޒައިންއަށް ބަލާލެވުނެވެ. ޒައިންގެ މޫނުމައްޗަށް އެރި ކުލަވަރުން އަމީރާގެ ހިތްވެސް ނެގިނެގިފައި ޖެހެން ފެށިއެވެ.
" ބުނެބަލަ! ޒައިންގެ ދަރިއެއްތަ އެއީ ؟ "
ދެވަނަ ފަހަރަށްވެސް ފަހުމީ އެސުވާލު ތަކުރާރު ކޮށްލުމުން ޒައިންއަށް އިސްޖަހާލެވުނެވެ. އަދި މަޑުމަޑުން ބޯޖަހާލިއެވެ. އެއާއެކު ފަހުމީއަށް މަޑުމަޑުން ދެލޯމަރާލެވުނެވެ. އަމީރާއަށް ފުންމައިގެން ތެދުވެވުނެވެ. އަނގަމަތީގައި އަތް ޖައްސާލައިގެން ހުރެ އޭނާ ގޮސް ޒައިންގާތު ހުއްޓުމާއެކު ޒައިންއަށް މަންމަގެ މޫނަށް ބަލާލެވުނީ ކަރުނައިން ފުރިގެންވާ ޙާލުގައެވެ. ހިތަށް އެރި އެއްޗެހި ގިނަކަމުން ކެތްނުކުރެވިގެން އަމީރާއަށް ޒައިންގެ މޫނުމަތީގައި ނުހަނު ބާރަށް އެތިފަހަރެއް ޖެހިއެވެ. އެއާއެކު ދެލޯމަރާލަމުން ޒައިންއަށް މޫނުގައި އަތްޖައްސާލެވުނެވެ.
" ކީއްވެ ސިއްރުކުރީ؟ ކީއްވެ ނަދާއާ ކައިވެނިކުރީ؟ ކިޔައިދީ! ހުރިހާ އެއްޗެއް ކިޔައިދީ! "
އޭރު އަމީރާ ރުޅިއައިސްގެން ތުރުތުރުއަޅައެވެ. ފަހުމީ ތެދުވެގެން ގޮސް އަމީރާގެ ގައިގައި ހިފަހައްޓައިގެން ހުރެ ޒައިންއަށް ބަލާލިއެވެ.
" ލިބުނު ހަމައެކަނި ދަރިފުޅު ރަނގަޅު މަގުން ކަހާލައިގެން ދިޔައިރު އަހަރެމެންނަށް މިތިބެވުނީ ނިދިފަތަ؟ އޭނަ ނުބައި މަގު އިޙްތިޔާރުކޮށް އެމަގުގައި މަޖާނަގަމުން ދާއިރު އަހަރެމެންގެ މަޤާމަކީ ކޮބާ؟ އަމީރާ! އަހަރެމެން ފެއިލް ވެއްޖެ! އަހަރެމެންނަށް މާތް ރަސްކަލާނގެ ޙަވާލުކުރި އަމާނާތަށް ޚިޔާނާތްތެރި ވެވިއްޖެ! އަހަރެމެންނަށް އެދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތެއް ނުކުރެވުނު! އެކަލާނގެ ޙަރާމް ކުރެއްވި އެންމެ ބޮޑެތި ފާފައަށް އަރައިގަންނާކަށް އެދަރިފުޅު ބިރުވެތިއެއްނުވި! އަހަރެމެންނަށް އެ ދަރިފުޅަށް ރަނގަޅުގޮތް ބުނެ ނުދެވުނީމަ ވީ ގޮތް މީ! މިދުވަސް ދެކެން އަހަރެން ދުނިޔޭގައި ނެތްނަމަ.... "
ބެދިފައިވާ އަޑަކުން ފަހުމީ ވާހަކަ ދެއްކިއެވެ.
" ނޫން ބައްޕާ! ތިހެން ނުބުނޭ! ތިހެން ނުބުނޭ! މަންމައާ ބައްޕަގެ ތަރުބިއްޔަތަކީ އަހަންނަށް މިދުނިޔެއިން ލިބުނު އެންމެ ބޮޑު ނަސީބު! އެކަމަކު އަހަންނަށް މަގު އޮޅުނީ! އަހަރެން މިހުރީ އެކަމަށް ތަޢުބާވެގެންނޭ ބައްޕާ! "
އެހިސާބަށް ވާހަކަ ދިޔުމާއެކު ޒައިންއަށް ރޮވުނެވެ. އޭރު ފަހުމީގެ މޭގައި ލައްވެ ހުރެ އަމީރާވެސް ގިސްލަމުންދިޔައެވެ. ޒައިން ވަގުތުން މަންމައާ ބައްޕައަށް ފުރަގަސްދިނެވެ. އަދި ހުރިހާ ވާހަކައެއް ކިޔައިދޭންފެށިއެވެ.
" މިހެން ވެދާނެ ކަމަކަށް ހިއެއްވެސް ނުކުރަން..މިކަން ސިއްރު ކުރުމުގައި އުޝާގެ އެއްވެސް ކުށެއް ނޯންނާނެ މަންމާ! އަހަންނަށް އޭނައަށް ވަރަށް ހިތްދަތިކަން ދެވިއްޖެ! އަހަރެންގެ އާދޭހަށް އޭނަ މިކަން ސިއްރުކުރީވެސް.. އަހަންނާ މަންމަމެންގެ އަގު ވެއްޓުނަ ނުދޭން އޭނަ މިކަން ސިއްރުކުރީ! އަހަރެން އޭރުވެސް އުޝާދެކެ އެއްވެސް ވަރަކަށް ލޯތްބެއްނުވެ! އެކަމަކު މިހާރު އަހަރެން ބޭނުމެއް ނޫން އެދަރިފުޅާ އުޝާ، ބީވެގެންދާކަށް.. އަހަރެން އެ ދެމީހުންވެސް ބޭނުން! "
ހުރިހާ ވާހަކައެއް ދެއްކުމަށްފަހު ޒައިން ފުންނޭވާއެއް ދޫކޮށްލިއެވެ.
" ބޭނުން ވިޔަކަސް ނުލިބޭނެ! އަހަރެންގެ ދަރިފުޅަކީ ތިހާ ރަޙުމުކުޑަ ކުއްޖެއް ކަމަކަށް ހިއެއްނުކުރަން! ޒައިންއަށް އެނގޭތަ އުޝާ އުޅުނު ޙާލު! އަހަރެމެން އޭނަޔާ އަޅާނުލިނަމަ މިއަދު އޭނަ ދުނިޔޭގައި ހުންނާނެކަމާމެދު ޝައްކު! "
އަމީރާގެ ރުޅިވެރި ބަސްތަކުން ޒައިންއަށް ފަސްއެނބުރި ބަލާލެވުނެވެ.
" ނަދާ ކަހަލަ ޒީލަގަދަ އަންހެނަކާއެކު މުޅި ޢުމުރު ވޭތުކުރުމަކީ ފަސޭހަ ކަމެއްނޫން! ޒައިން އުޝާއަށް ޖެއްސި ޙާލުން ތީ މާތް ރަސްކަލާނގެ ޒައިންއަށް މިންވަރުކުރެއްވި ގޮތްކަމަށްވެސް ވެދާނެ! ނަދާއަށް ތިކަންތައްތައް އެނގޭ ދުވަސް އެއީ.... ނޭނގެ ކަންތައް ވާނެގޮތެއްވެސް! ކޮންމެ ގޮތެއްވިޔަސް ނަދާ ދޫކޮށްލެވޭކަށެއްވެސް ނޯންނާނެ! ޒައިންގެ ދަރިއަކަށް އޭނަ އެއިނީ ބަލިވެ! "
އަސަރާއެކު ފަހުމީ ބުނެލިއެވެ. އަމީރާ އަނެއްކާވެސް އިށީނެވެ. ދެން ކަންތައްކުރާނެގޮތް ނޭނގޭ ޙާލު އޭނާވެސް އިނީ ފުން ވިސްނުމެއްގައެވެ. އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ނުކެރިފައި ޒައިންއަށް ހުރެވުނެވެ.
" އަހަރެން އުޝާއާ ވާހަކަ ދައްކާނަން! މާނިޙްއާ އިންނަން ބުނާނަން! އެއަށްވުރެ ވަކި ރަނގަޅު މީހެއް އުޝާއަކަށް ނުލިބޭނެ! "
އަމީރާ ބާރުބާރަށް ބުނެލިއެވެ. އެއާއެކު ޒައިންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
" މާނިޙް އުޝާ ގޮވައިގެން ދާނެ ތާކަށް ދާންވީ! މީހަކާ އިނުމަށްފަހު އަހަރެމެން ނުޖެހޭނެ އަންހެން ދަރިފުޅާމެދު ވިސްނާކަށް! އޭނަ އެ ހިތްދަތިކަމުގައި މުޅި ޢުމުރު ހޭދައެއް ނުކުރެވޭނެއެއްނު! ޒައިންއާ ނަދާ ޖަހާ ސަކަރާތް ބަލަބަލާ އުޝާ ކިހިނެއް މިގޭގަ އުޅޭނީ؟ "
އަމީރާގެ ރާގު އަދިވެސް ބަދަލެއް ނުވެއެވެ. އޭނާ އަދިވެސް ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ.
" ނޫން މަންމާ! އަހަންނަށް މިހާރުވެސް ނަދާ ދޫކޮށްލެވިދާނެ! އަހަރެން މިހާރު ލޯބިވަނީވެސް ހަމައެކަނި އުޝާދެކެ..."
އަވަސް އަވަހަށް ޒައިން ބުނެލިއެވެ. ފުރަގަހަށް ދެއަތް ލައިގެން ހުރި ފަހުމީއަށް ބަލާލެވުނީ ޒައިންގެ މޫނަށެވެ. އެމޫނުމަތީގައިވާ ހިތާމައިގެ ކުލަވަރު ފަހުމީ ދެނެގަތެވެ. ޒައިންގެ ދިރިއުޅުމުގައި އުފާވެރިކަމެއްނެތްކަންވެސް ފަހުމީއަށް އެނގުނެވެ. ނަމަވެސް އިތުރަށް އެއްވެސް ވާހަކައެއް ދައްކާނެ ހިތްވަރު އޭނާގެ ނެތްކަހަލައެވެ.
" ނަދާ ދޫކޮށެއް ނުލެވޭނެ! ޒައިން ތިއުޅެނީ ޒައިންގެ ހުރިހާ ދަރިންތައް ބިކަ ޙާލުގައި ޖައްސަންތަ؟ "
ފުންމައިގެން ތެދުވެ އަމީރާ ގޮސް ހުއްޓުނީ ފަހުމީގެ ގާތުގައެވެ. އައިސްފައިވާ ރުޅިންނާ ވެފައިހުރި ދެރައިން އޭރު އޭނާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.
" އަމީރާ! ދެން އަހަރެމެން މިކަމާ ބެހޭނެކަމެއްނެތް! އެއީ ޒައިންގެ ދިރިއުޅުން.. ކަންތައްކުރަންވާ ގޮތާ ނުކުރާނެ ގޮތް އެނގޭނީވެސް ޒައިންއަށް! އެއީވެސް ބޮޑުވެފައިހުރި ފިރެހެނެއް! ދެން އިތުރަށް އެއްވެސް އެއްޗެއް ކިޔާނެކަމެއްނެތް! ޒައިން! ދެން ދޭ މިތަނުން... "
ފަހުމީ އެހެން ބުނުމުން ޒައިން އަނެއްކާވެސް މަންމައާ ބައްޕައަށް ބަލާލިއެވެ.
" މަންމަމެންނަށް މިކަން އެނގޭކަން އުޝާއަށް ނާންގާތި! ޕްލީޒް ބައްޕާ! "
ޒައިން އެހެން ބުނުމަށްފަހު ފަހުމީގެ ޖަވާބަކަށް މަޑުކުރުމެއްނެތި ނިކުމެގެން ދިޔައެވެ. ޒައިން ނިކުތުމާއެކު އަމީރާ އަނެއްކާވެސް ފަހުމީގެ މޭމަތީގައި ތަތްވެގަތެވެ.
" ދެން މިވާހަކަ ނުދައްކާ! ޒައިން އެބުނިހެން އުޝާއަށް އެނގޭކަމަށް ހަދާނެކަމެއްނެތް! ދެން އެކަމާ ނުވިސްނާ! ކުރިންވެސް އުޅުނު ގޮތަށް އުޅޭ! އަޅާވެސް ލާނެކަމެއްނެތް! "
އަމީރާގެ ބުރަކަށީގައި ފިރުމާލަމުން ފަހުމީ ބުނެލިއެވެ. ފަހުމީގެ ވާހަކައިން އަމީރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުކަހަލައެވެ.
***
ދުވަސްތައް ފާއިތުވަމުންދެއެވެ. މާނިޙްގެ ހުށަހެޅުމަށް އުޝާ ނޫނެކޭ ބުނިފަހުން މާނިޙް އެގެއަކަށް ނާދެއެވެ. އެކަމާ ޒައިންވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ.އޭނާއަށް ރަނގަޅީވެސް މާނިޙް އެގެއަށް ނައިއްޔާއެވެ.
" މިމަހު ވަރަށް ރަނގަޅަށް ޖެހުނު.. އެ އިމާރާތުން ލިބުނު ވަރަށް ބޮޑު އެއްޗެއް! މީހަކަށް ފަނަރަ ހާސްޖެހޭނެ މިމަހު.. ރަނގަޅެއްނު! "
އުފާވެރި ރާގެއްގައި މާނިޙް ބުނެލިއެވެ. ޒައިންއާއެކު މާނިޙް އިނީ ކެފޭއެއްގައެވެ.
" އެހެންތަ؟ އެހެންވީމަ މާ ބޮޑަށްވެސް ރަނގަޅު! ދެން އޮތީ ކޮން ޕްރޮޖެކްޓެއްތަ؟ "
" ފޭސްޓޫގެ އަލަށް ހަދާ އިމާރާތްތަކެއްގެ މަސައްކަތް އެބައޮތް ލިބިފަ! އެމީހުން ބުނި ވަރަށް ރިސްކީ ގޮތަކަށޯ ވައިރު އަޅަން ޖެހޭނީ! މިބުނީ ރައްކާތެރިވާންޖެހޭނެޔޯ! ވަރަށް ހަނިތަންތަންކޮޅަށް އަރައިގެން އެތަނުން ވާން އޮތީ! ސޭފްޓީ ވަރުގަދަވާންޖެހޭނެ.. މިއަދު އެތަން ބަލާލަން ދާންވާނެއެއްނު! "
މާނިޙް އެހެން ބުނުމުން ޒައިން ކުޑަކޮށް ޖެހިލުންވިއެވެ.
" މިއަދު ނަދާ ޑޮކަށްވެސް ދާންޖެހޭނެ! މިއަދު ދޭނެ ޑޭޓްވެސް.. މަ ގުޅާނަން ފްރީވެގެން.."
ޒައިން ބޯކަހާލަމުން ބުނެލިއެވެ. އެއާއެކު މާނިޙް ހީލިއެވެ.
" ވަރަށް ދުވަސްވެއްޖެ ނަދާ ނުދެކޭތާ! ކީއްކުރާނީ؟ އުޝާ ނޯ ޖެހިފަހުން ލަދުން މަށަށް ނުކެރެނީ ތިގެއަށް ވަންނަަންވެސް.."
ފާޅުގައި މާނިޙް އެހެން ބުނުމުން ޒައިން ޖަހާލީ ހިނިގަނޑެކެވެ.
" ތީ ހަމަ ފިނޑިއެއް! ދެން އުޅެބަލަ އެހެން ކަމެއް ކުރަން!"
" އާނ! ދެން ކޮންމެ ގޮތެއް ވިޔަސް އުޝާއެއް ނުލިބޭނެދޯ! އެހެން ކަމެއް ކުރަން އެބަ ވިސްނަން މަވެސް! އަދި އަތުވާގޮތް ނުވެގެން މިއުޅެނީ..."
މާނިޙްގެ ޖުމްލައާއެކު ދެމީހުންނަށް އެއްކޮށް ހިނިގަނޑެއްޖަހާލެވުނެވެ.
***
" ނޫޙް! ދަރިފުޅާ! ބަލާބަލަ މަންމިއަށް..."
ބޭބީ ގޮނޑިއަށް ލައިގެން އިނދެ އުޝާ މަސައްކަތްކުރަމުން ދިޔައީ ނޫޙް ހެއްވާލުމަށެވެ. ސިޓިންގރޫމުގައި އިނދެގެން އޭނާ ސަކަރާތްޖަހަމުންދާތަން ބަލަން ދުރުގައި ހުރި ޒައިންއަށް ހިނިތުންވެވުނެވެ. ބޭއިޙްތިޔާރުގައި ޒައިންއަށް އެދިމާލަށް ދާން ހިނގައިގަނެވުމާއެކު ފަހަތުން އިވުނު ނަދާގެ އަޑަށް އުޝާއަށްވެސް ބަލާލެވުނެވެ.
" އާދޭ ދާން! އަހަރެން ރެޑީ ވެއްޖައީމޭ! "
ނަދާ އައިސް ޒައިންގެ އަތުގެ މުލައްދަނޑީގައި ހިފަމުން އުޝާއަށް ބަލާލިއެވެ. އޭރު އުޝާއަށްވެސް އިނދެވުނީ އެމީހުންނަށް ބަލަހައްޓައިގެންނެވެ. އެއާއެކު ނޫހުވެސް ރޯން ފަށައިފިއެވެ.
" ނޫޙު މިއަދު މަޖާކުރާގޮތަކަށް ނޫން އުޅެނީ ދޯ ދަރިފުޅޫ! "
ގޮނޑިން ދަރިފުޅު ނަގަމުން އުޝާ ބުނެލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ނަދާގެ ތިންފަތްމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވެގަތެވެ.
" ނޫޙުއަށް އަބަދުވެސް އިވޭނީ މަންމަގެ އަޑެއްނު! އަބަދު އެއް އަޑެއް އިވެންޏާ ބައެއްފަހަރު ކުދިން ފޫހިވެސްވާނެ! ބައްޕަގެ ލޯތްބަކީ ކުއްޖާއަށް ވަރަށް މުޙިއްމު އެއްޗެއް! "
ނޫޙް ގޮވައިގެން އުޝާ ހިނގައިގަތުމާއެކު ނަދާ ބުނެލިއެވެ. އެއަޑަށް އުޝާއަށް ހުއްޓެވުނީ ސީދާ އެމީހުންނާ ދާދި އެއް ހަމައެއްގައެވެ.
" ބައެއް މީހުންނަށް ދުނިޔޭގެ އުފަލަކީ ވަރަށް މުޙިއްމު އެއްޗެއް! އެކަމަކު އަހަންނަށް މާތްﷲ މިންވަރު ކުރެއްވި ކޮންމެ ގޮތެއް ފުދޭ! އަދި ކެތްތެރިވަން! "
މިފަހަރު އުޝާ ނަދާއަށް ރައްދު ދިނީ ހިތަށް ކުރި އަސަރަކުންނެވެ. ޒައިންއާ ވާހަކަ ދެއްކުން އެއްކޮށް ހުއްޓާލައިގެން ހުރެމެ، އޭނާއަށް އިއްވާލަން އެފަދަ އެއްޗެއް ބުނެލުމަކީ އުޝާގެ ހިތަށް ލިބޭ ފިނިކަމެކެވެ.
" އޭނަ މިހާރު ވަރަށް ގަދަވެގެން އުޅެނީ! އަހަންނާ ޖައްސާލައިގެން އުޅޭތީތަ ޒައިންއާވެސް މިހާރު ވާހަކަ ދައްކާ ނުހަދާދޯ! ދެން މިގޭ މީހުންނާ ރުޅިން އުޅެންޏާ އޭނަ ދާންވީނު ކޮންމެވެސް އެހެންތާކަށް!"
އުޝާ ދިޔުމާއެކު ނަދާ ބުނެލިއެވެ. ނަދާގެ ޖުމްލަތަކުން ޒައިންގާތަށްވެސް ރުޅިއައެވެ.
" ދެން ތީ ކޮންވާހަކައެއް؟ އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކަށް ނަދާ އެއްޗެހި ކިޔާއަޑު އަހާކަށް! އެއީ އަހަރެން ވަރަށް ފޫހިވާ ސިފައެއް! އަދި އަހަރެންގެ އަނތްބެއްގެ ގައިގަ ހުންނަން ބޭނުން ނުވާ ސިފައެއް އެއީ! ކަންކަމުގައި އަހަރެން އުޝާއަށް އެހީތެރިވާންވެސް ނަދާ ޤަބޫލެއްނުވޭ! އެހެންވެ އަހަރެން އުޝާއާ ދުރުވީ! އުޝާއެއްނޫން އަހަންނާ ދުރުވީ! ނަދާ ރުޅި އަންނާތީ އަހަރެން އުޝާ ދުރުކޮށްލީ! ނަދާ ނޫނީ މިގޭގަ ނުހުންނާނެ ތިހެންވެސް އޭނައަށް އެއްޗެހި ކިޔާ މީހެއް! ދެން ކީއްކުރަން އުޅޭ ގޮތެއްތަތީ! އޭނައާ ގުޅިގެން އުޅެންވީނު!"
ލިފްޓް ތެރޭގައި ހުރެގެން އެއް ނޭވާއިން ޒައިން ކިޔާލިއެވެ. އޭރު ނަދާގެ މޫނުމަތިވަނީ ރުޅިއައިސްގެންގޮސް ރޫ ޖެހިފައެވެ.
" ނޭނގެ ކީއްވެގެންކަމެއް އަހަރެން ވަރަށް ފޫހިވާ މީހެއް އެއީ! ޒައިންއާމެދު ބޭބެ އެއްގޮތަކަށް ދެކޭ ހެންނެއްވެސް ހިއެއްނުވެ! އޭނަ ޒައިންއަށް ބަލަނީ ލޯބިވެރިޔަކަށް ބަލާހެން. އެހެންވެ އަހަރެން ފޫހިވަނީ!"
ނަދާ އެހެން ބުނުމުން ޒައިންގާތަށް ހިނިވެސް އައެވެ.
" ސާބަސް ނަދާއަށް! ޝައްކު ނުކުރާނެ ކަމެއް ނޯންނާނެ! "
" ބައެއް ފަހަރު ހީވޭ ޒައިންވެސް އެހެން އުޅޭހެން.. އުޝާއާހެދި މާ ވަރަކަށް އުޅޭހެން ހީވަނީ..."
އަނެއްކާވެސް ނަދާ ބުނެލިއެވެ. މިފަހަރު ޒައިން ބޭނުންވީ އެމައުޟޫ އެއްކޮށް ހުއްޓާލާށެވެ.
" ހޫމް.. ދެން ތިވާހަކަ ހުއްޓާލާ! ހިތަށް ފަސޭހައެއް ވޭތަ ތިހެން ވާހަކަ ދައްކައިގެން.. އަހަންނަކަށް ނޭނގެ އަހަންނަށް ގޯސްކޮށް އުޅެވޭހެންނެއް!"
ޒައިން އެހެން ބުނުމުން ނަދާ ޒައިންގެ އަތުގައި ހިފާލުމަށްފަހު ހީލިއެވެ.
***
" އަހަރެންގެ މަންމަމެން މާދަމާ އަންނާނެ! މިގޭގަ ހުންނާނެ ތަނެއްވެސް ނެތެއްނު! އަނެއްކާ ޖެހޭނީ ތަނެއް ހިފަން!"
އަމީރާއާ ފަހުމީގެ އިތުރުން އުޝާވެސް އިނީ އޭރު ކާށެވެ. ޑޮކްޓަރަށް ދައްކައިގެން އައިސް ނަދާ ވަތްގޮތަށް އެހެން ބުނެ އެންމެންގެ މޫނުމަތީގެ އުޖާލާކަން ގެއްލުވާލިއެވެ.
" އެޑްމިޓްކުރާ ދުވަސް ބުނީތަ؟ "
ޒައިންއަށް ބަލާލަމުން އަމީރާ ސުވާލުކުރުމާއެކު ޒައިން ބޯޖަހާލިއެވެ.
" އާނ! މާދަމާ ހަވީރު އަންނާށޯ ބުނީ! ނަދާގެ މަންމައާ ބައްޕަ އަންނާނަމޯ ހެނދުނު ފްލައިޓުން.." މޭޒުކައިރީ އިށީންނަމުން ޒައިން ބުނެލިއެވެ.
" މަންމަމެން އައިސް އެހެން ތާކު އުޅެންޏާ އަހަންނަށް ލިބޭނީ ކޮން އުފަލެއް؟ މަންމަގާތު ބުނަންވީ ދެކޮޓަރީގެ ތަނެއް ހިފާށޭ! އޭރުން ހޮސްޕިޓަލުން ދޫކޮށްލީމަ އަހަރެމެން ދެމީހުންނަށް އެތަނަށް ބަދަލު ވެވޭނެއެއްނު! "
އެއްވެސް ރޭވުމެއްނެތި ކަންތައްކުރާނެ ގޮތް ނަދާ ކިޔަން ފެށުމުން ޒައިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ޒައިން އެހެންތާކަށް އުޅެންދާކަށް މަންމަމެން ޤަބޫލު ނުވާނެކަންވެސް ޒައިންއަށް އެނގެއެވެ.
" މަތީގަ ހުސްކޮޓަރިއެއް ހުރި ނަމަ ކިހާ ރަނގަޅުވީސް. ތަނެއް ނެތީމަ ދެން މިނޫން ގޮތެއް ނެތެއްނު! ދެން ކުޑަމީހާ ގޮވައިގެން އަހަރެމެން މިގެއިން ދާނީ ދޯ ޒައިން.."
ނަދާގެ ރާގު ހުރިގޮތުން އުޝާއަށް ބަހުގެ ހަމަލާތަކެއް ދެނީކަން އުޝާގެ އިތުރުން އެހެން އެންމެންނަށް އެކަން ފާހަގަ ކުރެވުނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (26)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!