" ކަލޭ އާޝޯހް ވާނެ ކަމެއްނެތް. ކަލެއަކަށް އެކަމެއް ނުކޮށްދެވުނެއްނު.. މިރޭ މަ މިއައީ އިންނަން އަހަން.."
ހިނިގަނޑެއް ޖަހާލަމުން މާނިޙް އެހެން ބުނުމުން ޒައިން އިތުރަށް ހާސްވިއެވެ.
" ދެން އަވަހަށް ބުނެބަލަ.. ގޭތެރޭގައި ބަޔަކު އުޅޭތަ؟ "
ޒައިން ކުރު ހިނިގަނޑެއް ޖަހާލަމުން ނޫނެކޭ ބުނެލިއެވެ.
" މަންމަމެން ވީ ޝޮޕިންއަށް ގޮސް.."
" އޭ.. އެހެންވިއްޔާ މަ ގޮވައިގެން ހިނގާބަލަ އުޝާގެ ރޫމަށް. ވަރަށް ބިރުވެސް ގަނޭ.. ކުޑައިރު އަލަށް ބިޓެއް ސެޓު ކުރަން އުޅޭކަހަލަ ހަމަ..." ހެމުން ހެމުން މާނިޙް ހިނގައިގަތެވެ. ދެމީހުން ސިޑިން އަރައިގެން ދިޔައީވެސް ނުހަނު ބާރަށެވެ.
" އޯކޭތަ މަ އެކަނި ވަދެލިޔަސް... ކަލޭ ހުރިއްޔާ މަ ދައްކަން ބޭނުންވާ ވާހަކަތައް ނުދެއްކޭނެ... މަށަށް ހެވިއްޖެއްޔާ ކަމަކު ނުދާނެ.."
އުޝާގެ ކޮޓަރި ދޮރުމަތީގައި މަޑުކޮށްލަމުން މާނިޙް ބުނެލިއެވެ. އެކަމާ ދެކޮޅު ހަދާކަށް ޒައިން އަކަށް ނުކެރުނެވެ.
" ހޫމް.. އެންމެ ރަނގަޅޭ... މަ މިދަނީ ސޯފާގައި މަޑުކޮށްލަން.."
ހިތާ ދެކޮޅަށް ޒައިން ބުންޏެވެ. ފައިބައިގެން އައި އިރުގައިވެސް ޒައިންގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައެވެ. އުޝާ މާނިޙްއަށް ދޭނެ ޖަވާބަކާމެދުގައިވެސް ޒައިންއަށް ވިސްނެނީއެވެ. އުޝާ މާނިޙްއަށް ޙަޤީޤަތް ކިޔައިނުދީ އާނބަހެއް ނުބުނާނެޔޭ ހީވަނީއެވެ. ތަފާތު ޚިޔާލްތަކުން ޒައިންގެ ހިތް ކިލަނބުވާން ފަށައިފިއެވެ. ސޯފާގައި އިށީން އިރުގައިވެސް އޭނާއަށް ހުރެވުނީ ނެގިމަޑުވެފައެވެ.
ދެފަހަރު ޓަކި ޖަހާލުމަށްފަހު މާނިޙް އިންތިޒާރު ކުރަމުންދިޔައީ ދޮރު ހުޅުވާނެ ވަގުތަކަށެވެ. އަތުގައި އޮތް މާ ފުރަގަހަށް ލައި ފޮރުވައިގެން އޭނާ ހުރީ އުޝާ ފެންނާނެ ވަގުތަކަށް ކެތްމަދުވެފައެވެ. ނުވެސް ވިސްނާ ހުއްޓާ ކުއްލިއަކަށް އުޝާ ދޮރު ހުޅުވައިފިއެވެ. އަދި މާނިޙް ފެނުމުން، ފުޅާ ހިނިތުންވެލުމަކުން މާނިޙްއަށް ގޮވާލިއެވެ.
" މާނިޙް؟؟ "
" ދަރިފުޅު ދެކިލާހިތުން..."
މާނިޙް އެހެން ބުނީ އެތެރެއަށް ވަންނަން ބޭނުން ވެގެންނެވެ. އޭރު ކޮންމެވެސް ވަރަަކަށް އޭނާ ތުރުތުރު ލާކަން އޭނާއަށް އެނގެއެވެ.
" އެހެންތަ؟ އަވަހަށް އެތެރެއަށް ވަދޭ. އެކަމަކު މިވަގުތު ބޭބީއަށް ނިދިފަ އޮތީވެސް. އުރާވެސް ނުލެވުނީނު.."
އުޝާ އެތެރެއަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ. އުޝާގެ ހުއްދަ ލިބުމާއެކު މާނިޙް އެތެރެއަށް ދެމިގަތީ ނުހަނު އަވަހަށެވެ. ތަންމަތީގައި ނިދާލާފައި އޮތް ދަރިފުޅަށް ބަލާލުމަށްފަހު އުޝާ ފަހަތަށް އެނބުރިލީ މާނިޙްއަށް ބޭބީ ދައްކާލުމަށެވެ. ނަމަވެސް އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ފަހަތުގައި ހުރި މާނިޙް ހުރީ ރަތްކުލައިގެ ރީތި ފިނިފެންމަލަކާއި ޗޮކްލެޓެއް ހިފައިގެންނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ އުޝާގެ މޫނަށެވެ. އޭރު މާނިޙްގެ މޫނުމަތީގައިވާ ނުތަނަވަސް ކަމާއި ޖެހިލުންވުން، އުޝާއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން އެއްފަހަރު މާނިޙްގެ މޫނަށް، އަނެއްފަހަރު އެ ފިނިފެންމަލަށް ބަލާލަ ބަލާލަ އުޝާއަށް ވެސް ހުރެވުނީއެވެ. އަހާނެ އެއްޗެއް ނޭނގިފައެވެ. އޭރުވެސް ދެމީހުންގެ ދެމެދަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެހެން ހުރެ، މާނިޙް މަޑުމަޑުން އައިސް އެނދުކައިރީގައި ހުއްޓުނެވެ.
" މާޝާﷲ..ވަރަށް ލޯބި ބޭބީ.."
މާނިޙް އެހެން ބުނެލުމުން އުޝާއަށް ގަދަކަމުން ހީލެވުނީ ނުތަނަވަސް ވެފައިވާލެެއް ބޮޑުކަމުންނެވެ. މީގެ ކުރިން ޒައިން މާނިޙްއާ ބެހޭގޮތުން ދެއްކި ވާހަކަތައްވެސް ކުއްލިއަކަށް އޭނާ ހަނދާން ވިއެވެ. ޒައިން އެވާހަކަ ދެއްކި ދުވަހު އޭނާއަށް އާނބަސް ބުނެވުނު ހަނދާންވެސް ވެއްޖެއެވެ.
" އަނެއްކާ އަހަރެން އާނއެކޭ ބުނި ވާހަކަ ޒައިން މާނިޙްގާތު ބުނީބާ؟ ނޫން.. ޒައިންއެއް ނުބުނާނެ.."
ހިތާހިތުން އުޝާއަށް ބުނެލެވުނެވެ.
" އުޝާ.. މީ އަހަރެން ބޭބީއަށް ދިން ކުޑަކުޑަ ހަދިޔާއެއް."
ބާލީސް ކައިރީގައި ފައިސާގެ ނޫޓްތަކެއް ބަހައްޓަމުން މާނިޙް ބުނެލިއެވެ. އެމަންޒަރު ފެނި އުޝާއަށް ތެޅިގަނެވުނެވެ.
" ދެން ރަނގަޅުވާނޭ އެއްޗެއް ނުދިނަސް..." ލަދުން ހުރެ އުޝާ ބުނެލިއެވެ.
" ނޫނޭ.. ދޭހިތުން މީހަކު އެއްޗެއް ދިނީމަ، ޤަބޫލު ކުރަންވާނެ.." އޭރުވެސް މާނިޙްގެ އެއް އަތުގައި އެ ފިނިފެންމަލާއި ޗޮކްލެޓް އޮތެވެ. އުޝާ ބަލަހައިގެން ހުއްޓާ، މާނިޙް ދެތިން ފިޔަވަޅު ކުރިއަށް ޖެހިލުމަށްފަހު އުޝާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ވަރަށް ނުކެރިގެން ހުންނަ ފަދަ ގޮތަކަށް އުޝާއަށް ބަލާލިއެވެ.
" މީ އަހަރެން .... އަހަރެން... އުޝާއަށް ގެނައި ރޯސްއެއް.."
ރޯސްއޮތީ މާނިޙްގެ އަތުގައެވެ. އޭނާ ހުރީ ދިއްކޮށްލަންވެސް ނުކެރިފައެވެ. ދެއަތުގެ އިނގިލިތައް މޮޑެލަމޮޑެލާ އުޝާއަށް ހުރެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ޒައިން އެވާހަކަ ބުނިކަމެއް، ނޫނީ ނުބުނާކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
" ކީ..ކީއްވެ ރޯސްއެއް؟"
ނުސީދާ ގޮތަކަށް އުޝާ އަހާލިއެވެ.
" އެއީ.. ދެން.. އަސްލު އަހަރެން އުޝާއާ މެރީ ކުރަން ބޭނުންވާތީ.." ނުހިފެހެއްޓިގެން އެ ޖުމްލަ މާނިޙް ބޭރުކޮށްލީ ނުހަނު އަވަހަށެވެ. އޭރުވެސް އުޝާއަށް ހަމަ ހުރެވުނީއެވެ.
" ވަރަށް ދުވަސް ވެއްޖެ އިންތިޒާރު ކުރަނީ...." އަނެއްކާވެސް މާނިޙް ބުންޏެވެ.
" ކީއްވެ އަހަރެން؟؟؟ މާނިޙްއަށް އެނގެއެއްނު އަހަރެންގެ މި ޙާލަތު.."
އުޝާ އެބުނަނީ ދަރިފުޅުގެ ވާހަކަ ކަން މާނިޙްއަށް އެނގުނެވެ. އެހެންކަމުން ނިދިފައި އޮތް ބޭބީއަށް މާނިޙް ބަލާލީ ހިނިތުންވެލުމަކުންނެވެ.
" އެއީ އަހަރެންގެވެސް އުފާ.. އުޝާއާ ގުޅިފައިވާ ކޮންމެ ކަމަކީ އަހަރެންގެ އުފާ.. އަހަރެންގެ ޒިންމާ.."
މާނިޙްގެ ޖުމްލައިން އުޝާއަށް އުނދަގޫ ކުރުވަމުން ދިޔައެވެ.
" އަހަންނަށް ޓްރަސްޓް ކުރައްޗޭ.. ހުރިހާ ފިރެހެނުން ނުވާނެ އެއްގޮތެއް.. އެންމެ މީހަކު ކަންތައްތައް ކުރިގޮތުން އެހެން އެންމެން ކުއްވެރި ނުކުރައްޗޭ.."
މާނިޙް މިފަހަރު ވާހަކަ ދެއްކީ އުޝާއާ ދިމާލަށް އެ ފިނިފެންމާ ދިއްކޮށްލަމުންނެވެ. ހަމައެއާއެކު އުޝާއަށް ބަލާލެވުނީ އެ މަލަށެވެ.
" އެއްބަސް ވާނަމަ..." މާނިޙް ބުމައިން މަލަށް އިޝާރާތްކޮށްލިއެވެ. އެއްބަސް ވާނަމަ އެމަލުގައި ހިފާށޭ ބުނާކަހަލަ ގޮތަކަށެވެ. އުޝާއަށް މާނިޙްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލެވުނެވެ.
" ޕްލީޒް.. ޕްލީޒް"
އަނެއްކާވެސް މާނިޙް ބުނެލިއެވެ. މިފަހަރު އުޝާއަށް ހިނިތުންވެވުނެވެ. ނަމަވެސް މަލުގައި ހިފާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.
" ތީ ވަރަށް ރަނގަޅު މީހެއްކަމުގައި އަހަރެން ދެކެފިން. އެކަމަކު.. އަހަންނަކީ އަދިވެސް މީހެއް ދެކެ ވެވުނު ލޯތްބެއްގެ ސަބަބުން އިތުރު މީހެއްދެކެ ލޯބިވުމުގެ ހިތްވަރު ގެއްލިފައި ހުރި މީހެއް..އެއީ މި ދަރިފުޅުގެ ބައްޕަ.. އޭނަ އަހަންނާ މެދު ކިތަންމެ އިހާނެތިކޮށް ކަންތައް ކުރިނަމަވެސް އަހަންނަކަށް އޭނާ ދެކެ ވެވުނު ލޯބި ހަނދާންނައްތައެއް ނުލެވުނު.. ކިތަންމެ ހިތާމަ ކުރަން ޖެހުނު ކަމުގައިވިޔަސް އަހަންނަށް އަދިވެސް އޭނާއަށް އެދެވޭ.. މާނިޙް!! އެއްވެސް އުފަލެއްނެތް ޙަޔާތެއް އަހަންނާއެކު ވޭތުކުރަން މާނިޙް ބޭނުންތަ؟ ކިތަންމެ ގިނަ ދުވަހެއް ވިޔަސް އަހަރެންގެ ހިތް އެހެން މީހަކަށް ދޫލިގެން ހިނގައިދާނެހެން ހިއެއް ނުވޭ.."
އުޝާގެ ޖުމްލަތައް އަޑުއިވި، އޭނާ އަވަހަށް އެ ފިނިފެންމާ ތިރިކޮށްލިއެވެ.
" އެއީ.. އެއްވެސް މައްސަލަ ނޫން.. އުޝާއަށް އުނދަގޫ ކޮށްގެން ގަދަކަމުން ލޯބި ޙާޞިލް ކުރާކަށްވެސް ބޭނުމެއްނޫން.. ދެން މީ ނުދައްކާ ވާހަކައަކަށް ހަދާ.."
ހިތަށް ކުރި އަސަރާއެކު މާނިޙް ހީލީ ގަދަކަމުންނެވެ.
" އަހަންނާމެދު ގޯސްކޮށް ނުދެކެއްޗޭ..އަސްލު އަހަރެންގެ ހިތަކީ އެހެން މީހަކަށް ދޭ ވަރަށް ވުރެ ބޮޑަށް ހަލާކުވެފައި އޮތް ހިޔެއް. މާނިޙް ކަހަލަ ރީތި، ކިޔަވައިގެން ތިބި މީހުންނަށް އަހަންނަށްވުރެ، މާ ރަނގަޅު ކުދިން ވާނެ.."
އުޝާ ބުންޏެވެ. އެއާއެކު މާނިޙް އަނެއްކާވެސް ހީލިއެވެ.
" ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް..އާނ! ގަދަބާރުން ވެވޭ އެއްޗެއް ނޫން އެއީ.. އެހެން ނޫން ނަމަ އަހަރެން އުޝާ ދެކެ ލޯތްބެއް ނުވިސްތާ.."
އެއްމިޔަކަނުން ހީލަމުން މާނިޙް އެހެން ބުނެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އެބުނި ޖުމްލައިން އުޝާގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އޭނާގެ އަގު ދަށްކަމުގައި އިޙްސާސް ކުރެވުނެވެ. މާނިޙް އެބުނީ ކިތަންމެ އަގެއްނެތް މީހަކުދެކެ ވެސް ލޯބިވެވިދާނޭ ކަމުގައި އުޝާއަށް ހީވިއެވެ. އެހެންކަމުން އިތުރަށް އޭނާގެ ހިތް ނުތަނަވަސް ވިއެވެ.
މާނިޙްގެ އިންތިޒާރުގައި ސޯފާގައި އިން ޒައިން ސިހުނީ ބާރުބާރަށް މާނިޙް ސިޑިން ފޭބުމުންނެވެ.
" އޭ! އޭ! އާދެބަލަ.."
ކެތްތެރިކަމެއްނެތި ޒައިން ގޮވާލިއެވެ. ޒައިން އެހެން ބުނުމާއެކު މާނިޙް އެނބުރި ޒައިން ގާތަށް އައެވެ.
" ކިހިނެއްވީ؟ "
މާނިޙްގެ އަތުގައި އޮތް މަލާއި ޗޮކްލެޓް ޓީވީ ރެކްގައި ބޭއްވުމުން ޒައިން އަހާލިއެވެ. އެއާއެކު މާނިޙް ސޯފާގައި އިށީނދެ އެއްމިޔަކަނުން ހީލިއެވެ.
" އުޝާ އަދިވެސް ލޯބިވަނީ އޭނާއަށް އެ ލަނޑުދިންމީހާ ދެކެ..އަދިވެސް އެ އިންތިޒާރު ކުރަނީވެސް އޭނާއަށް..މާނިޙް އެހެން ބުނުމުން ޒައިންގެ ހިތަށް ފިނިކަން ލިބުނެވެ. އިންތިހާއަށް އޭނާ އުފާވިއެވެ.
" އުޝާ ބުނީތަ ތިހެން؟" ޒައިން އަހާލިއެވެ. އެއާއެކު މާނިޙް ބޯޖަހާލަމުން ބުންޏެވެ.
" ހޫމް.. އޭނަ ބުނީމަތާ މަށަށް އެނގޭނީ..އޯކޭ ދެން އެކަމެއްވެސް ނުވިތާ.."
އަތުގައި އޮތް ފޯނުން ގަޑި ބަލާލަމުން މާނިޙް ތެދުވިއެވެ.
މާނިޙް ދިޔުމުން ޒައިން ގުންފައި ޖަހާފައި ސިޑިން އެރިއެވެ. އުޝާގެ ކޮޓަރި ދޮރުމަތީ ހުރެ، ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ޓަކި ޖަހާލުމަށްފަހު ދޮރު ހުޅުވާލި އިރު އުޝާ އޮތީ ބޭބީ ކައިރީ އޮށޯވެލައިގެންނެވެ. ޒައިން ފެނުމާއެކު އޭނާ ފުންމައިގެން ތެދުވެ ހިތްހަމަނުޖެހޭ ގޮތަކަށް ބަލާލިއެވެ.
" މާނިޙްއަށް ނޯ ޖެހީ އަހަރެން ދެކެ ލޯބިވާތީ ތަ؟"
ޒައިން އެހެން ބުނުމާއެކު އުޝާ އިސްޖަހާލަމުން ވާހަކަ ދެއްކިއެވެ.
" މާނިޙް އަހަންނަށް ފިނިފެންމަލެއްވެސް ދިން..."
އުޝާގެ ކޮޓަރި ދޮރު ކައިރީގައި ހުއްޓުނު އަމީރާގެ ކަންފަތުގައި ޖެހުނު އަޑުން އޭނާ ބޭރުގައި މަޑުކޮށްލިއެވެ.
" އަހަރެން ކިހިނެއް އެމަލުގައި ހިފާނީ؟ އިންނަން އެއްބަސްވާނީ ކިހިނެއް؟ އަހަރެންގެ ހިތް މިހާރު މާ ބޮޑަށް ޒަޚަމް ވެއްޖެ.. އަހަރެން އުޅުނު ޙާލެއް މާނިޙްއަކަށް ވެސް ނޭނގޭނެ.. އޭނާއަށް އިތުބާރުކުރާށޭވެސް ބުނި. އަހަރެން ކިހިނެއް އިތުބާރު ކުރާނީ..؟ "
އުޝާގެ ވާހަކަތަކުން އެދަރިފުޅުގެ ބައްޕައަކީ މާނިޙްކަމުގައި އަމީރާއަށް ވިސްނުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ތިރިއަށް ފައިބަންފެށީ ފަހުމީ ގާތު އެވާހަކަ ދައްކާށެވެ.
" ދެން އެއްވެސް ފިރެހެނަކަށް އިތުބާރެއް ނުކުރެވޭނެ. ޒައިން އަހަންނަށް ދިން އަނިޔާގެ ވޭން އަދިވެސް އަހަރެން ތަޙައްމަލް ކުރަމުން މިދަނީ.. އާނ އަހަރެން ބުނިން ބޭބީގެ ބައްޕަ ބޭނުންވާ ވާހަކަ.. އެހެން ބުންޏަސް އަހަރެން ޒައިންގެ ލައިފް ހަލާކު ކުރާކަށް ބޭނުމެއްނޫން."
އުޝާ ހުރީ ކޮންމެވެސް ވަރަަކަށް ހިތްހަމަނުޖެހިފައިކަން ޒައިންއަށް އެނގުނެވެ.
" އަހަރެންގެ ދިރިއުޅުން ހަލާކު ނުވިޔަސް އަހަރެންގެ ހިތް ވަނީ މިހާރު ފުނޑުފުނޑުވާން ކައިރިވެފަ އުޝާ.. އަހަރެން ބޭނުންވަނީ ތި ދެމައިން.. ތި ނޫން އެހެން މީހެއް އަހަރެން ބޭނުމެއްނޫން.."
ބޭއިޙްތިޔާރުގައި ޒައިންއަށް ބުނެލެވުނީ އުޝާގެ އަތުގައި ހިފާލަމުންނެވެ. އެއާއެކު އުޝާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އުޝާގެ އަތުގައި ހިފާ، ޒައިންގާތަށް ބާރަށް ދަމައިގަތުމާއެކު އުޝާ ދެލޯ ހުޅުވާލިއެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުގައި އޭނާގެ ހިތް އެދެންފެށީ ޒައިންގެ މޭގައި ބޯއަޅާލުމަށެވެ. ޒައިންގެ ގައިން ދުވާ މީރު ވަހުން، އުޝާއަށް ވެސް ހައްތަހާ އޭނާއާ ގާތްވެވެނީއެވެ.ޒައިންގެ ދެއަތުން އުޝާގެ ބުރަކަށީގައި ހިފަހައްޓާލަމުން އޭނާގެ މޫނާ މޫނު ގާތްކޮށްލިއެވެ. އުޝާ އަނެއްކާވެސް ދެލޯ މަރާލިއެވެ. އޭރު އުޝާގެ ދެތުންފަތް ތުރުތުރު އަޅަމުންދެއެވެ.
" އައ...ލަވް...ޔޫ...."
އުޝާގެ ކަންފަތް ދަށުގައި ސިއްރުސިއްރުން ޒައިން އެހެން ބުނެލުމާއެކު އުޝާއަށް ދެލޯ ހުޅުވާލެވުނެވެ. އަދި އަވަސް އަވަހަށް ތެޅިގަނެ ޒައިންގެ މޭގައިއޅާ ދުރަށް ކޮއްޕާލިއެވެ. އުޝާގެ އެ ޢަމަލުތަކުން ޒައިންއަށް ލިބުނީ ކުއްލި ހައިރާން ކަމެވެ.
" ޕްލީޒް ޒައިން... ތިހެން ނޫޅޭ... ޕްލީޒް . އަހަރެން ކޮންޓްރޯލެއް ނުވާނޭ.. ދޭ މިތަނުން.."
އުޝާ އެހެން ބުނުމުން ދެވަނަ ފަހަރަށްވެސް ޒައިން އުޝާއާ ގާތްވާން މަސައްކަތް ކުރިއެވެ. މިފަހަރު އުޝާއައީ ރުޅިއެވެ.
" އަހަރެން އެތައް ފަހަރަކު ބުނެފިން އަހަންނާ ބޭބީ އަމިއްލަ ޙާލަށް ދޫކޮށްލާށޭ.."
ތަންކޮޅެއް ބާރަށް އުޝާ އެހެން ބުނުމުން ޒައިން އެއްވެސް އެއްޗެކޭ ނުބުނެ މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. ޒައިން ދިޔުމުން ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ އުޝާ އިށީނެވެ.
***
" ކީކޭ؟ މާނިޙޭ؟ ނުވާނެ އެހެންނެއް.."
ފަހުމީއަށް އަޑު އިވުނީ ޤަބޫލު ކުރަން ދަތި ވާހަކައެކެވެ.
" އަޅެ އަހަރެން މިދެކަންފަތުންނޭ އަޑު އެހީ.. މާނިޙް ބުންޏޭ އިތުބާރުކުރާށޭ.. އަދި ކީ އިންނަން އެހިޔޯވެސް..ޒައިންގަތު ދައްކަނިކޮށް މަ އަޑުއެހީ.. ފަހުމީ ހަނދާންވޭތަ ތަންކޮޅެއް ކުރިންވެސް މާނިޙް އުޝާއާ އިންނަން ބޭނުންވާ ވާހަކަ ޒައިން ކިއެއްނު.. އެއްކަހަލަ ދުވަހުވެސް މާނިޙް އައިސް ބުންޏެއްނު ބޭބީ އެއްޗެހި ގަންނަންދާން ހިނގާށޯ.. އަޅެ މަކަރު ހުރެ އެއްނު. އުޝާއަށް އެ ހިތްދަތިކަން ދީފަ ދެން އެއުޅެނީ މަތިޖަހަން.. އެއުޅެނީ ދަރިފުޅު ބޭނުމުގަ މިހާރު"
އަމީރާ ހުރީ މާނިޙްދެކެ އިންތިހާއަށް ރުޅި އައިސްފައެވެ.
" މަމަމަޑުކޮށްބަލަ.. ދެން ކީއްވެ އުޝާ ސިއްރު ކުރަންވީ ؟ އެދުވަހު ވެސް އުޝާ އިނީ ހަމަ ހެވިފަ.. މަށަކަށް ހިއެއް ނުވޭ މާނިޙް ހެންނެއް.."
ފަހުމީ އެހެން ބުނުމުން އަމީރާ ފުންކޮށް ވިސްނަންފެށިއެވެ.
" ޒައިންއަށް ގުޅާފަ ބުނޭ ބައްޕަ ބުންޏޭ މި ކޮޓަރިއަށް އަންނާށޭ މިހާރު."
ފަހުމީ ތަންކޮޅެއް ހަރުކަށިކޮށް އެހެން ބުނުމުން އަމީރާ ފޯން ނަގާ ޒައިންއަށް ގުޅިއެވެ.
(ނުނިމޭ)
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (25)
*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!