ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ދިނުމަށް ފާސްކޮށްފިއެވެ.
އެ މައްސަލައަށް އާސަންދަ މެދުވެރިކޮށް ފަރުވާ ލިބޭ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ލަފާދީފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ގަރާރު، ދިރާސާކުރުމަށް ފަހުއެވެ.
އެ ގަރާރުގައި ވަނީ އާސަންދަ އާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދިވެހިންނަށް ހަމަހަމަކަމާ އެކު ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ދޭން ޖެހޭނެ ކަމަށް އޮތް ނަމަވެސް، ދަރިމައިނުވުމުގެ މައްސަލައަށް ބޭސްކުރުމުގެ ފުރުސަތުތައް ހަނިވެފައިވާ ކަމަށެވެ.
އެގޮތުން ދަރިމައިނުވުމުގެ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ގަވައިދުން ބޭނުންވާ ބައެއް ބޭސް ހޯދުމަށް ދަތިވުމާއި އެ ބައްޔަށް ބޭނުންވާ އަސާސީ ބައެއް ބޭސް އާސަންދައިގެ ދަށުން ނުލިބުން މިކާއީލް ވަނީ ގަރާރުގައި ފާހަގަކުރައްވާފައެވެ. އަދި އެ ބައްޔަށް ހާއްސަ ސްޕެޝަލިސްޓުންގެ ހިދުމަތް ހޯދުން ދަތިވުމާއި އެ ބައްޔާ ގުޅޭ އެއްވެސް ފެންވަރުގެ ދިރާސާ އެއް ހެދިފައި ނެތުން ވެސް ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން އެ ބައްޔާ ގުޅޭ ރަނގަޅު ދިރާސާ އެއް ހެދުމާއި، އެ ބައްޔަށް ބޭނުންކުރާ އަސާސީ ބައެއް ބޭސް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ފަދަ ކުދި ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ. އަދި އެ މައްސަލަ އަށް ބޭސްކުރަމުންދާ ފަރާތްތަކަށް އާސަންދައިގެ ދަށުން ފޯރުކޮށްދެވޭނެ ހިދުމަތްތައް ދެނެގަނެ، ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލެއް ކަނޑައެޅުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!