ކުރީގެ އަދަދާއިގުޅޭ،

" މަތީގަ ހުސްކޮޓަރިއެއް ހުރި ނަމަ ކިހާ ރަނގަޅުވީސް. ތަނެއް ނެތީމަ ދެން މިނޫން ގޮތެއް ނެތެއްނު! ދެން ކުޑަމީހާ ގޮވައިގެން އަހަރެމެން މިގެއިން ދާނީ ދޯ ޒައިން.."

Ad
rt

ނަދާގެ ރާގު ހުރިގޮތުން އުޝާއަށް ބަހުގެ ހަމަލާތަކެއް ދެނީކަން އުޝާގެ އިތުރުން އެހެން އެންމެންނަށް އެކަން ފާހަގަ ކުރެވުނެވެ.

" ނޫނޭ! ތަނެއް ހިފައިގެން ލާރިތަކެއް ޚަރަދު ކުރާނެކަމެއްނެތް! އުޝާ އަންނާނީ މަންމަމެން ކޮޓަރިއަށް! އޭރުން އުޝާގެ ކޮޓަރީގައި ނަދާގެ މަންމަމެންނަށް އުޅެވޭނެއެއްނު!"

އަމީރާ އެހެން ބުނުމުން އުޝާ ހީލިއެވެ.

" އަހަންނަށް ރަނގަޅުވާނެ ކޮންމެ ގޮތެއްވެސް!" އުޝާ ބުންޏެވެ.

ބޭއިޙްތިޔާރުގައި ޒައިންއަށްވެސް ހިނިތުންވެލެވުނެވެ. އުޝާގެ އިޙްލާސްތެރި ހިތުގެ ހެޔޮކަން އޭނާއަށް އެވަގުތުވެސް އިޙްސާސްކުރެވުނެވެ.އުޝާއާއެކު ޙަޔާތް ވޭތުކުރުމުގެ ނަސީބު ލިބޭނެނަމައޭ ހިތަށް އެރިއެވެ. އޭރުން އޭނާގެ ދިރިއުޅުން ފަސޭހަވެގެން ދާނެކަން އެނގުނެވެ.

" ނަދާގެ މަންމަމެންނަށްވެސް ފަސޭހަވާނީ އޭރުން.." އަމީރާ އިތުރުކޮށްލިއެވެ.

***

ހޮސްޕިޓަލްގައި އެޑްމިޓްވެ، މާގިނައިރުތަކެއްނުވެ ސާމިޔާއާ ނަޒީރުވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ.

" މާމަ ދަރިފުޅު ދެކިލާހިތުން ކިރިޔާ ފްލައިޓުގައިވެސް އިނދެވުނީ!"

ނަދާގެ ބޮލުގައި ފިރުމާލަމުން ސާމިޔާ ބުނެލިއެވެ.

" ގެއަށްވެސް ނުވަދެ މިއައީ ހަމަ މިތަނަށް..." އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ނަޒީރު ބުނެލިއެވެ. އޭރު އެތަނުގައި އަމީރާވެސް ހުއްޓެވެ.

" ކޮބާ ޒައިން؟ " ދޮރާދިމާލަށް ބަލާލަމުން ނަދާ އަހާލީ އޭނާގެ މަންމަ ގާތުގައެވެ.

" ފޮށިތައް ކާރުން ބޭލީމަ މިއައީ ހަމަ އެކާރުގަ މިތަނަށް! ޒައިން ބުނި އެއްޗެހިތައް ވައްދާފަ މި އަންނަނީއޭ ދޯ ނަޒީރު!"

ސާމިޔާ އެހެން ބުނުމުން ނަދާ ކޮންމެވެސް ވަރަކަށް ހިތްހަމަވެސް ނުޖެހުނެވެ.އޭނާ ބޭނުންވަނީ އަބަދުވެސް ޒައިން އޭނާގެ ކައިރީގައި ހުންނާށެވެ.

***

އުޝާއާ ޒައިން ފިޔަވާ ގޭގައި އެކަކުވެސް ނެތެވެ. މިފަދަ ދަނޑިވަޅުތަކަށް ޒައިން އަބަދުވެސް އިންތިޒާރުކުރެއެވެ. މަންމަގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދަރިފުޅު ރީތިކޮށްގެން އުޝާ އިނެވެ.

" ދަރިފުޅު!"

އެތެރެއަށްވަދެ ދޮރު ލައްޕާލަމުން ޒައިން ގޮވާލުމާއެކު ކުޑަކުޑަ ނޫޙުއަށް ބަލާލެވުނީ އަޑުއައި ދިމާލަށެވެ. އަދި އެ މައުސޫމު ދަރިފުޅަށް ހިނިތުންވެލެވުނުތަން ފެނި ޒައިންގެ ހިތެއް އޮތްބެއް ނޯތެވެ. އަވަސް އަވަހަށް ގޮސް އުޝާގެ އުނގުން ދަރިފުޅުނަގާ ބާރުބާރަށް އޭނާގެ ގަޔާލާ ބޮނޑިކޮއްލިއެވެ.

" ބައްޕިގެ ފުރާނަ! ބައްޕި ހާދަ ލޯބިވެޔޭ ދަރިފުޅުދެކެ.."

ނޫޙުގެ ކޮލުގެ އެތަން މިތަނުގައި އޭނާ ބޮސްދެމުންދިޔައެވެ. މަންޒަރުބަލަން އިން އުޝާގެ ހިތަށް ފިނިކަން ލިބުނީ ދަރިފުޅަށް ބައްޕަގެ އިޙްސާސް ކުރުމަށް ކުޑަނަމަވެސް ފުރުޞަތެއް ލިބުނީތީއެވެ.

" ހިތަށް އަރާ، ނޫޙުއަށް ބައްޕިގެ ލޯބި ތިގޮތަށް ކޮންމެ ދުވަހަކުވެސް ލިބޭނެ ނަމައޭ! އަހަރުވާން ދެތިން މަހަށް ވީއިރު ބައްޕައަށް އެސޮރު ގައިގަ ބައްދާލެވުނީ އެންމެ ދެތިން ދުވަހު! ކީއްކުރާނީ.. މީ އަހަރެމެންގެ ތަޤްދީރު!"

އުޝާއަށް ޝަކުވާ ކުރެވުނީ ހިތަށް ކެތްނުވެގެންނެވެ. އެއީ އޭނާ ފަހަރެއްގައިވެސް ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ދަރިފުޅާމެދު ވިސްނޭވަރުން ބައެއްފަހަރު އޭނާގެ ކެތްތެރިކަން ކޮންޓްރޯލް ނުވަނީއެވެ.

" އުޝާއަށް އެނގޭތަ؟ އަހަރެން ނޫޙުދެކެ ހާދަ ލޯބިވެޔޭ! އިތުރު ދަރިޔަކު ލިބެން އުޅޭކަމުގެ އެއްވެސް އިޙުސާސެއް އަދި އުފާވެރިކަމެއްވެސް އަހަރެންގެނެތް! " ދަރިފުޅު ކޮނޑުމަތީގައި ބާއްވާލަމުން ޒައިން ވާހަކަ ދެއްކިއެވެ.

" ތިހެން ނުބުނޭ ޒައިން! ދަރިންނަކީ މާތްﷲ ދެއްވާ ނިޢުމަތެއް! އުފާކުރަންވާނެ! ލޯބިވެސް ވާންވާނެ! މިހާރު ތިހެން ބުންޏަސް ޒައިންއަށް އެދަރިފުޅު ފެނުނީމަ ތި ގޮތްތައް ބަދަލުވާނެ! ނޫޙު ފެނުނީމަވެސް ޒައިންއަށްވީ އެހެންނެއްނު! "

ތެދުވެގެން އައިސް އުޝާ، ނޫޙު އުރާލިއެވެ.

" ކީއްވެ އެސޮރު ތި ނެގީ؟ " އަސަރާއެކު ޒައިން ސުވާލުކުރިއެވެ.

" ދެން ދޭ! ޒައިންގެ އާއިލާ ވީ ހޮސްޕިޓަލްގައެއްނު! އެމީހުން މިހާރު ޒައިންއަށް އިންތިޒާރުކުރާނެ! މިއަދު ނަދާއަށް އެންމެ ބޭނުންވާނީ ޒައިން. ނޫޙް ވިހޭ ދުވަހު އަހަރެން ތަޙައްމަލް ކުރި ވޭނާ ކެކުޅުންތައް، އިތުރު އެއްވެސް އަންހެނަކު އިޙްސާސް ކުރާކަށް ނޭދެން.. މިއަދު ނަދާއަށް އެންމެ ބޭނުންވާނީ ފިރިމީހާގެ ލޯބި."

އުޝާ ޒައިންއަށް ފުރަގަސްދިނެވެ. އެއާއެކު ޒައިން ކުޑަކޮށް އުޝާއާ ކައިރިވެލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.

" ތި ކަންކަމާހެދި އަހަންނަށް އަބަދުއަބަދު އަމިއްލަ ނަފުސު ކުއްވެރި ކުރެވެނީ! މިއަދު އުޝާ އަހަރެންގެ ޙަޔާތުގައި ހުރި ނަމަ....."

" މިހާރު ތީ ބޭކާރު ވާހަކަ! ޒައިން ޕްލީޒް... މިތަނުން ދޭ! "

އުޝާ ތަންކޮޅެއް ބާރަށް އެހެން ބުނުމުން ޒައިންއަށް އިސްޖަހާލެވުނެވެ. އަދި ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނިކުމެގެން ދިޔައެވެ.

***

ހޮސްޕިޓަލުގައި ކުއްޔަށް ހިފާފައިހުރި ކޮޓަރިއަށް ވަނުމާއެކު ޒައިންގެ ލޮލުގައި އަޅައިގަތީ، ބޯމަތީގައި އަތް ބާއްވާލައިގެން އޮތް ނަދާއެވެ.

" ކޮބާ މަންމަމެން؟ "

ޒައިން އެހެން އަހާލުމާއެކު ނަދާ ބޯހިއްލާލުމަށްފަހު އޭނާއާ ދިމާލަށް ބަލާލިއެވެ.

" ޒައިންގެ ބައްޕަ ވެއްޖެ އެންމެން ގޮވައިގެން ސައިބޯން ގޮސް.. ޒައިން ތިއައީ ކޮންތާކުން؟ "

ނަދާގެ ރާގުގައި ހުރީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. އެކަން ޒައިންއަށް ފާހަގަވެސް ކުރެވުނެވެ. އެހެންކަމުން އޭނާ ބޭނުންވީ ނަދާ ހަމައަކަށް އަޅުވާށެވެ.

" މިއައީ ގެއިން.."

" މަންމަމެންގެ ފޮށި ގެއަށް ވައްދަން ހަމަ އެހާ އިރުވޭތަ؟ މަންމަމެން އައި ފަހުންވެސް މިހާރު ގަޑިއެއްގެ އިރު ވެއްޖެ! ގުޅީމަ ފޯނު ނަގާ ނަމަވެސް ރަނގަޅޭ! "

ނަދާ އެއްޗެހި ކިޔަން ފެށުމާއެކު ޒައިން އަވަސް އަވަހަށް ޖީބުން ފޯނު ނަގާ ބަލާލިއެވެ. ތެދެކެވެ. ހައެއްކަ ފަހަރު ނަދާ ގުޅާފައި އޮތެވެ.

" ސައިލެންޓްގައި އޮތީމަ ނޭނގުނީ.. ގެއަށް ގޮސް ކުޑަކޮށް ފްރެޝް ވެލައިގެން މިއައީ! ދެން ތިހާ ވަރަށް ރުޅި ނާދެބަލަ! މީ ރުޅި އަންނަންވީ ވަގުތެއް ނޫނޭ! ބޭބީއާ ދޭތެރޭ ވިސްނަބަލަ! " ޒައިން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

" ފުރަތަމަ މަށާމެދު ވިސްނާލަބަލަ! މަ އުފާކޮށްދީގެން ދޯ މަށަށް ބޭބީ އުފާކޮށްދެވޭނީ! ހީވަނީ މީ މަގޭ އަމިއްލަ ދަރިއެއްހެން..."

ޒައިން ވާހަކަ ދެއްކުމުން ނަދާގެ ރުޅި ހައްތަހާ ގަދަވާކަން ޒައިންއަށް އެނގެއެވެ. އެހެންކަމުން އޭނާ ނިންމީ އިތުރަށް އެއްވެސް އެއްޗެއް ނުބުނުމަށެވެ.

***

ނޫޙު ނިންދަވާލުމަށްފަހު އުޝާ އޮށޯވެލިއެވެ. ނޫޙުގެ ލޯބިލޯބި މޫނަށް ބަލަހައްޓައިގެން އޮވެ، އޭނާ ވިސްނަމުންދިޔައެވެ. އެދަރިފުޅަށް ބައްޕައެއްގެ ލޯތްބާއި އެދެމައިންނަށް އަޅާލާނެ އޯގާތެރިޔަކު ބޭނުންވާކަން އަމިއްލައަށް އިޙްސާސް ކުރެވެން ފެށުނެވެ. ނޫޙް ބޮޑުވެގެން ކުރާނެ ސުވާލުތަކަށް ޖަވާބު ދޭން ދުވަހަކުވެސް އުޝާއަކަށް ތައްޔާރެއް ނުވެވޭނެޔޭ އޭނާގެ ހިތަށް އެރިއެވެ. އުޝާގެ ޙާލަތު ޤަބޫލުކޮށް އޭނާދެކެ ލޯބިވާކަމަށް މާނިޙް ބުނި ބުނުން ހަނދާންވުމާއެކު އުޝާއަށް ދެލޯ މަރާލެވުނެވެ.

" ލޯބި ވެވިދާނެ ކޮންމެ މީހަކު ދެކެވެސް.. ލޯތްބަކީ އޯގާތެރިކަން.. ރަޙުމާ ކުލުނު! "

އުޝާގެ ޟަމީރު އޭނާއަށް ބުނެދީފިއެވެ. ލޯތްބަކީ ކޮބައިކަން ހާމަކޮށްދީފިއެވެ. އުޝާއަށް އެގޮތް ޤަބޫލުވެސް ކުރެވުނެވެ. ލޯބި ނުވިޔަސް އެކުގައި އުޅެވިދާނެކަމަށްވެސް ޤަބޫލުކުރެވުނެވެ.

" މާނިޙްއާ ވާހަކަ ދައްކަން ވީ ކަންނޭނގެ... އަހަރެން މިހާރު ބޭނުންވަނީ މިގެއިން ދާން.... އަހަންނަށް... އަހަންނަށް މިހެންނެއް ނޫޅެވޭނެ.." އުޝާއަށް މަޑުމަޑުން ބުނެލެވުނެވެ. އެތައް ގޮތަކަށް ވިސްނުމަށްފަހު އޭނާ ނިންމީ މާނިޙްގެ ހުށަހެޅުން ޤަބޫލުކުރާށެވެ. އެހެންކަމުން މާނިޙް އެގެއަށް އަންނާނެ ވަގުތަކަށް އޭނާ އިންތިޒާރުކުރަން ފެށިއެވެ.

***

" ބޭބީ ގަރލް އެއް! "

ދަރިފުޅު ދިއްކޮށްލަމުން ނަރސް ބުނެލިއެވެ. އެންމެ ފުރަތަމަވެސް ދަރިފުޅު އުރާލީ ޒައިންއެވެ. އެ ދަރިފުޅު ފެނުމާއެކު ޒައިންގެ ހިތް އުފަލުން ފޮޅިގަތެވެ. ނިދިފައި އޮތް ތުއްތުތުއްތު ދަރިފުޅުގެ މޫނުގައި އޭނާއަށް ބޮސްދެވުނީ ކަރުނައިން ފުރިގެންވާ ޙާލުގައެވެ. އެވަގުތު އެންމެންވެސް ދަރިފުޅު އުރާލަން ބޭނުންވެގެން އުޅެން ފެށުމުން ޒައިން އެދަރިފުޅު ނަދާގެ މަންމަ އަތަށް ދިނެވެ. ދެން އޭނާ އިންތިޒާރު ކުރަމުންދިޔައީ ނަދާ ފެންނާނެ ވަގުތަކަށެވެ.

އެތައް އިރެއްވީފަހުން ނަދާވެސް ހެޔޮ ޙާލުގައި ކޮޓަރިއަށް ބަދަލުކުރިއެވެ.

" ހަމަ އަހަރެން ދޯ! "

ދަރިފުޅަށް ބަލަހައްޓައިގެން އޮވެ ނަދާ ބުނެލިއެވެ. ޒައިން މަޑުމަޑުން ނަދާގެ ބޮލުގައި ފިރުމާލަމުން ހީލިއެވެ.

" އާނ! މަންމިއާ ވައްތަރުހެން ހީވޭ! އެކަމަކު މަންމިގެ ރުޅިގަނޑު ނެތިއްޔާ ކިތަންމެހާވެސް ރަނގަޅު! "

" ދެން...ޒައިން! ވަރަށް ފޫހިވޭ!! "

ހެމުން ހެމުން ނަދާ ބުނެލިއެވެ. އެއާއެކު ދަރިފުޅު ކުކުރާލިއެވެ.

" ކޮބާކޮބާ! މަންމައަށް އެއްޗެހި ކިޔަނީކަން މިހާރުވެސް ދަރިފުޅަށް އެނގިއްޖެ! އަލަތު ދަރިފުޅު ލިބުނީމަވެސް ބައްޕަ ނޫޅޭ ބޮޑުވާކަށް ދޯ! "

ނަދާ އެހެން ބުނުމާއެކު ޒައިންގެ ހިތަށް ނޫޙުގެ ސޫރަ ސިފަވެގެން ދިޔައެވެ. އޭނާގެ އަލަތު ދަރިފުޅަކީ އެއީއެވެ.

" ދެން އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ! " ޒައިންއަށް މަޑުމައިތިރި ވެވުމާއެކު ނަދާ ބުނެލިއަޑު އިވުނެވެ.

" އަބަދުވެސް ތިހެން މަޖަލަށް އެއްޗެހި ބުނާނަމަ.. ދެން ރުޅި އައިސްގެން ނޫޅެއްޗޭ! "

ޒައިން ނަދާގެ އަތުގައި ފިރުމާލުމުން ނަދާ ހީލިއެވެ. އަދި ޒައިންގެ މޫނުގައި މޫނު ޖައްސާލީ އުފަލާއެކުއެވެ.

****

ހަލުވިކަމާއެކު ދުވަސްތައް ދައުރުވަމުންދެއެވެ. މާނިޙްއާމެދު ވިސްނި ދުވަހުއްސުރެ އުޝާއަށް އަދިވެސް މާނިޙްއެއް ނުފެނެއެވެ. އެހެންކަމުން އުޝާގެ ހިތް، ކޮންމެވެސް ވަރަކަށް ނުތަނަވަސްވަމުންދިޔައެވެ.

" އެސޮރު ވެކްސިން ޖަހަން ދާންވީނު ޒައިންމެންނާއެކު.."

އަމީރާ އެހެން ބުނުމާއެކު ފުން ވިސްނުމެއްގައި އިން އުޝާ ދިޔައީ ސިހިގެންނެވެ. ފަހަރެއްގައިވެސް އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް އެއީ އަމީރާ ބޭނުންވާގޮތެވެ. އުޝާއަށް ނޭނގުނަސް އަމީރާ ބޭނުންވަނީ ނޫޙުއާ ޒައިން ގާތްކުރުމަށް، ޒައިންއަށް ފުރުޞަތު ފަހިކޮށްދޭށެވެ.

" އެމީހުންވެސް އެދަނީ ވެކްސިން ޖަހަން ދާން! މަންމަ އެބަޖެހޭ މިގަޑީގަ ނަދާގެ މަންމައާއެކު ވިޔަފާރިކޮށްލަންދާން! ޒައިންމެން ދާ ކާރުގައި ދޭބަލަ!"

އަމީރާ އެހެން ބުނުމުން އުޝާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭރު އުޝާ ހުރީވެސް ތައްޔާރު ވެގެންނެވެ. ނޫޙު އުރާލައިގެން އޭނާ ނިކުތް އިރު ޒައިންއާ ނަދާވެސް، ޒަޔާ ގޮވައިގެން ސިޓިންރޫމުގައި ތިއްބެވެ.

" ޒައިން! އުޝާމެންވެސް ގޮވައިގެން ދޭ! އެއްތަނަކަށްނު ދާންޖެހޭނީ! " އަމީރާ ބުނެލިއެވެ.

ޒަޔާއޮތީ ޒައިންގެ އަތުގައެވެ. އުޝާއަށް ބަލާލެވުނީ އެދަރިފުޅަށެވެ. އޭރު އުޝާގެ ކޮނޑުމަތީގައި ނޫޙު އޮތީ ނިދާފައެވެ. ޖަރީވެގެން ހުރި ނަދާ، އުޝާއާ ދިމާލަށް ބަލަން ހުރީ މަލާމާތްކުރާފަދަ ގޮތަކަށްކަން އުޝާއަށް ދެނެގަނެވުނެވެ.

" އެހެންވެޔޭ އަހަރެން ބުނަނީ އުޝާގާތު އަވަހަށް މެރީ ކުރަން އުޅޭށޭ! ގައިމު ދަރިފުޅު ކޮނޑަށް ލައިގެން ތިހެން ވަރުބަލިވެފަ ހުންނާކަށް ނުޖެހޭނެއެއްނު! ކިހާ ފަސޭހަވެސް ވާނެ! "

ކާރަށް އެރުމާއެކު ނަދާގެ ތޫނު ބަސްތަކުން އުޝާގެ ހިތް މިލުވާލައިފިއެވެ. ނަދާ އެހެން ކިޔަން ފެށުމުން ޚުދު ޒައިންވެސް ލަދުގަތެވެ.

" ނޫހުގެ މަންމައަކީވެސް، ބައްޕައަކީވެސް ހަމަ އަހަރެން. އެހެންވީމަ އަހަރެންގެ އެހިތްވަރު އެބަހުރި.."

މިފަހަރުވެސް އުޝާ ނަދާއަށް ރައްދު ދިނެވެ.

" ތިހެން ބުނެވިދާނެ! އެކަމަކު އަހަރެމެންނަށް ފެނޭ އުޝާ އެކަނިމާއެކަނި އުޅޭ ޙާލު! ހެޔޮ އެދޭތީ ހަމަ ބުނެވެނީ! "

މިފަހަރު އުޝާ އެއްވެސް އެއްޗެއް ނުބުންޏެވެ. ނަމަވެސް މިފަހަރު ޒައިންއަކަށް މަޑަކުން ނުހުރެވުނެވެ.

" އެމީހެއްގެ ދިރިއުޅުމާމެދު އެމީހަކު ވިސްނާނެ! ނަދާ ދެން ތިހެން ވާހަކަ ނުދައްކަބަލަ! "

ޒައިން ތަންކޮޅެއް ހަރުކަށި ވުމުން ނަދާ މައިތިރިވިއެވެ. އޭރު ކާރުވެސް މަޑުކޮށްފިއެވެ. ރަޖާގަނޑަކަށް ލައިފައި އޮތް ކުޑަކުޑަ ޒާޔާ ގޮވައިގެން ޒައިން ހިނގައިގަތުމާއެކު ނަދާވެސް ޒައިންގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ހިނގައިގަތެވެ. އެމަންޒަރު ފެނި އުޝާގެ ހިތަށް ކުރުވީ ވަރަށް ފުން އަސަރެކެވެ. އޭނާގެ ދެލޮލަށް ކަރުނަ ޖަމާވާކަށް ގިނައިރުތަކެއްވެސް ނުނެގިއެވެ. ނަމަވެސް ވަރަށް ހިތްވަރުން އޭނާ ކެތްތެރިކަން އިސްކުރިއެވެ. ނޫޙު ބޮޑުވަމުން އަންނާތީ އުރާލައިގެން ގިނައިރު އުޅެން އުޝާއަށް ވަރަށް އުނދަގުލެވެ. އަބަދު އުރައިގެން އުޅެން ވަރުބަލިވެސް ވެއެވެ. ނަމަވެސް ބޭރު ތަނަކަށް ފިރުކޭން ދޫކޮށްލަން ނުކެރޭނެތީ އުޝާ ހުރީ ނޫޙު އުރައިގެންނެވެ.

ޒަޔާގެ ގަޔަށް ވެކްސިން ޖަހަން ޒައިންއާއެކު ނަދާވެސް ވަނެވެ. ނޫޙު އޭރުވެސް ހުރީ ވަރަށް ބޮޑަށް ބޮޑާވެފައެވެ. އެހެންކަމުން އުޝާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭރު އުޝާއަށް މާނޭވާ ލެވެމުންދިޔައީ ވަރުބަލި ކަމުންނެވެ.

" އޫހ މަންމަ ލޯބި! އަވަހަށް ހުއްޓާލާ! "

ރޮމުން ދިޔަ ޒަޔާ މައްސަލާކުރަން ނަދާ މަސައްކަތްކުރަމުން ދިޔައެވެ. އެމީހުން ނިކުތުމާއެކު އުޝާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.

" އަހަރެން އެބަ އަންނަން އެތެރެއަށް ވަދެލާފަ އުޝާއާއެކު.."

ނަދާ ގާތު ޒައިން ބުނެލި އަޑު އުޝާގެ ކަންފަތުގައި ޖެހުނެވެ.

" ދެން ޒަޔާ ރޯއިރަކު ޒައިންއަކަށް ނުދެވޭނެއެއްނު! އަހަރެން އެކަނި ކިހިނެއް މިކުއްޖާ ހުއްޓުވާނީ.."

ނަދާ އަވަސް އަވަހަށް ބުނެލިއެވެ. އެއަޑުވެސް އުޝާއަށް އިވުނެވެ. އެމީހުންނާއެކު ނާދެވުނު ނަމައޭ އުޝާގެ ހިތަށް އެރިއެވެ. ފެނުނު މަންޒަރު ތަކުންނާ އިވުނު އަޑުތަކުން އޭނާގެ ހިތަށް ލިބުނު ވޭން މާ ބޮޑުވެއްޖެއެވެ. ނޫޙު ގަޔަށް ވެކްސިން ޖަހައިގެން ނިކުތް އިރުގައިވެސް ބާރަށް ރޮމުން ދިޔައެވެ. ނަމަވެސް އުޝާ އެސޮރު ހުއްޓުވަން އުޅޭ މަންޒަރު ބެލުން ނޫން އިތުރު ކަމެއް ޒައިންއަކަށް ނުކުރެވުނެވެ. އެންމެ ފަހުން އެތަނުން އުޝާ މަގުމައްޗަށް ނިކުތެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭރުވެސް އޭނާގެ ހިތުގައި ޝަކުވާތައް އުތުރެމުން ދިޔައެވެ. ރޮއިރޮއި ގޮސް އަތްދަނޑިމައްޗަށް ނޫޙު ދެމުނު އިރު އުޝާގެ ދެފައިގައި އެއްވެސް ވަރެއް ނެތްކަހަލައެވެ. އެއާއެކު ފަހަތުން އައިސް ދާދި ގާތުގައި ޒައިންމެން ހުއްޓުނެވެ.

( ނުނިމޭ)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (27)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (27)

(ނިމުނީ)