ހދ. ހަނިމާދޫ "ކެތިއަރާ މަސްރޭސް 2023" ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތަ އިން ހޯދައިފިއެވެ.

ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. އިއްޔެ އަނެހެން ކެޓަގަރީގެ މަސްރޭސް ބާއްވާފައިވާއިރު މިއަދު ފިރިހެން ކެޓަގަރީގެ މަސް ރޭސް އޮންނާނެއެވެ.

Ad
rt

އިއްޔެ ބޭއްވި އަންހެން ކެޓަގަރީ މަސްރޭސް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ "ޒުވާން މަސްވެރިޔާ" ގެ ނަމުން މަޝްހޫރުކަން ހޯދައި ރާއްޖޭގެ އުތުރުން ދެކުނަށް ކުރާ ބޮޑު ދަތުރުގައި މިހާރު ހދ.ހަނިމާދޫގައި ހުރި ހަސަން ސާޖިން އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން 66 ކިލޯ މަސް ބާނައިގެން މާކުން ދައިތަ ހޯދިއިރު، ދެވަނަ ހޯދާފައި ވަނީ 48.2 ކިލޯ މަސް ބޭނި ޓީމް ސިރާނީއެވެ. ތިންވަނަ ހޯދާފައި ވަނީ ބްރެންޒިނޯއެވެ. އެ ޓީމުން ވަނީ 40 ކިލޯ މަސް ބާނާފައެވެ.

މުބާރާތުގެ އެންމެ ގިނަ މަސް ބޭނި ޓީމަށް ހޮވިފައި ވަނީ މާކުން ދައިތައެވެ. އެ ޓީމުން ވަނީ 17 މަސް ބާނާފައެވެ. އެންމެ ބަރު މަސް ބާނައިގެން އަންހެން މާ ކެޔޮޅަށް ހޮވިފައި ވަނީ އާވެސްކޮމްގެ ނާޒްލީންއެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 9 ކިލޯއެވެ.

މި މުބާރާތުގައި ޖުމްލަ 11 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކުން ބާނާފައިވާ މަހުގެ ޖުމްލަ ބަރުދަނަކީ 371.3 ކިލޯ މަހެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ސިރާނީ، ހުސްއަނގަ، ކެޔޮޅު، މާކުން ދައިތަ، ބްލޫފިން، ޓީމް އާވެސްކޮމް، ޓީމް ގާހަކަ، މާރެހި، އެންވަށި، ބްރެންޒިނޯ، ގާދޮށު މަރިޔައެވެ.