އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޕޮއިންޓް ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަންއާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވެ، ލީގު ހޯދުމުގެ އަމިއްލަ ބާރު ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިއްޖެއެވެ.

ޕްރިމިއާ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިމިފައި ވަނީ އެއްވަރު ވެގެންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ދެވަނާގައި އޮތް ސިޓީއަށް ވުރެ އިތުރަށް ދެ މެޗު އިތުރަށް ކުޅެ ފަސް ޕޮއިންޓްގެ ލީޑަކާއި އެކުގައެވެ. އާސެނަލްއަށް 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް 30 މެޗުން ވަނީ 70 ޕޮއިންޓް ލިބިފައެވެ.

Ad
rt

ކުރިއަށް އޮތް ދެ މެޗު ސިޓީން ކާމިޔާބުކޮށް އެ ޓީމަށް ތާވަލުގެ އެއްވަނައަށް ޖެހިލެވެން އޮތްއިރު، އެ ދެ މެޗުގެ ތެރެއިން އެއް މެޗުގައި ސިޓީން އާސެނަލްއާއި ވާދަ ކުރަން ޖެހޭނެއެވެ. މި ހަފްތާ ބުދަދުވަހުގެ ރޭ ކުޅޭ އެ މެޗަކީ ލީގު ކާމިޔާބު ކުރާނެ ޓީމް ކަނޑައެޅިގެންދާނެ މެޗުގެ ގޮތުގައި މިހާރު ވަނީ ސިފަކުރެވިފައެވެ. އެ މެޗު ކާމިޔާބު ކޮށްގެން އާސެނަލަށް ވެސް ތާވަލުގެ އެއްވަނާގައި ހަމަޖެހިލުމުގެ ފުރުޞަތު އެބައޮތެވެ.

ރޭ ސައުތެމްޓަންއާއި އާސެނަލް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ރޭ މެޗުގައި ސައުތެމްޓަން އިން ވަނީ ފުރަތަމަ ފަނަރަ މިނެޓްގެ ތެރޭ އާސެނަލް ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު އެއްވަނަ މިނެޓުގައި އަލްކަރާޒް ޖެހިއިރު ދެވަނަ ލަނޑު 14 ވަނަ މިނެޓުގައި އަލްކަރާޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވޮލްކޮޓެވެ. އާސެނަލްގެ ފުރަތަމަ ލަނޑު 20 ވަނަ މިނެޓުގައި ޖެހީ މާޓިނޭލީއެވެ.

އެއް ލަނޑަށް ފަރަގު ކުޑަކޮށްފައި ވަނިކޮށް އާސެނަލްއަށް އިތުރު މައްސަލަ ކުރިމަތިވީ 66 ވަނަ މިނެޓުގައި ސައިތެމްޓަނުން ލަނޑު ޖަހައި ލީޑު ފުޅާ ކުރުމުންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކާރ އެވެ. އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ކާމިޔާބު ކުރި ދެ ލަނޑުންނެވެ. އާސެނަލްގެ ދެވަނަ ލަނޑު 88 ވަނަ މިނެޓުގައި އޮޑެގާޑް ޖެހިއިރު ތިންވަނަ ލަނޑު އިތުރު ވަގުތުގެ ތެރޭ ކާމިޔާބު ކޮށްދިނީ ސަކާއެވެ.