ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ޒަމާނީ ކުނިކޮށި ހެދުމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހަނިމާދޫއާއި ގުޅުންހުރި މުހިންމު ކަންތައްތަކާއި މަޝްވަރާ ކުރެއްވުމަށް، ބައެއް މިނިސްޓްރީތަކާއި ބައްދަލުކުރެއްވުމަށް ރަސްމީ ދަތުރެއްގައި ހަނިމާދޫ ކައުންސިލުގެ ހުރިހާ މެމްބަރުން މިވަގުތު ތިއްބެވީ މާލޭގައެވެ.
ހަނިމާދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް މަޝްވަރާކުރެއްވުމަށް އެ ކައުންސިލުން ވަނީ އިއްޔެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެޖްނޮލޮޖީ އާމިނަތު ޝައުނާއާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުމަށް ފަހު މި ނޫހަށް މަޢުލޫމާތި ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާޤް މުޙައްމަދު ވިދާޅުވެފައި ވަނީ ސަރުކާރުން ރަށްރަށުގައި ޒަމާނީ ކުނިކޮށިތައް ހެދުމަށް ހިންގާ ޕްރޮޖެކްޓްގެ ދަށުން ހަނިމާދޫގައި ވެސް ޒަމާނީ ކުނިކޮށްޓެއް ޤާއިމް ކުރުމަށްޓަކައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ހަނިމާދޫ ކައުންސިލުން މީގެ ކުރިން ވަނީ އިޢުލާން ކޮށްފައި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގެންދެވިފައި އޮތީ އެކަމަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު ހަރަދެއް އެތަނަށް ހިނގާތީ، އެކަމަށް ބޭނުންވާ ފައިސާ މުޅިން ހަމަ ނުޖެހޭތީ ކަމަށެވެ.
ފިރާޤް އިތުރަށް ވިދާޅުވެފައި ވަނީ ކުނިކޮށި މިހާރު ތަރައްޤީ ކުރުމަށް ނިންމާފައިވާވަރަށް ތަރައްޤީ ކުރުމަށް ހަތަރު މިލިއަނަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާ ކަމަށާއި، ނަމަވެސް ފުރަތަމަ މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާން ކުރިއިރު މި މަސައްކަތަށް ހަމަޖެހިފައި އޮތީ ދެ މިލިއަނެއްހާ ރުފިޔާ ކަމަށެވެ. މި ސަބަބާއިހުރެ އެކަން މަޑުޖެހިފައި އޮތްއޮތުން އިއްޔެ މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.
"މިނިސްޓަރ ވަނީ މަދުވާ ފައިސާ ފުރިހަމައަށް ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި" ފިރާގު ވިދާޅުވިއެވެ.
ހަނިމާދޫގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޒަމާނީ ކުނިކޮށީގައި އޮފީހަކާއި ސެކިއުރީ ޕޯސްޓެއްގެ އިތުރުން ވެހިކަލް ގަރާޖެއް ހިމެނެއެވެ. މީގެއިތުރުން އެތަނުގެ ވަށައިގެން ފެންސް ޖަހައި ގޭޓް ހަރުކޮށް އެކި ބާވަތުގެ ކުނި ވަކިވަކިން އެޅޭނޭހެން ބައިތައް ވަކިކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަނިމާދޫ ކައުންސިލުން ވަނީ މިދިޔަ މާޗް މަހު ރައްކާތެރި ގޮތުގައި ކުނި މެނޭޖްކޮށް ނައްތާލުމުގެ އުސޫލް ވެސް އާންމުކޮށް އެޔަށް އަމަލުކުރަން ފަށާފައެވެ. ނަމަވެސް މިހާރު ބޭނުންކުރަމުން އަންނަ ކުނިކޮށީގައި ގިނަ ކަންކަން ހަމަޖެހިފައި ނުވާތީ އެ އުސޫލަށް ފުރިހަމައަށް އަމަލުކުރެވެމުން ނުދެއެވެ. އެ އުސޫލަށް ފުރިހަމައަށް އަމަލުކުރެވޭނީ މިހާރު ތަރައްޤީ ކުރުމަށް ނިންމާފައިވާ ޒަމާނީ ކުނިކޮށި ތަރައްޤީކޮށް ނިންމައި ބޭނުން ކުރަން ފެށިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!