ކުރީގެ ޢަދަދާއިގުޅޭ،

" ޒައިންއަށްވުރެ ބޮޑަށް މާނިޙްއަށްވެސް އަހަރެން މުޙިއްމުވެއްޖެ! މިޙާލަތުގައިވެސް އޭނަ އަހަރެން ބަލައިގަނެފި! އަހަރެންގެ ދަރިފުޅުގެ ބައްޕައަކަށްވާންވެސް ފަރުވާލެއްނެތް!"

Ad
rt

އުޝާގެ ވާހަކައާއި ރާގު ހުރިގޮތުން ޒައިންއަށްވެސް ކޮޅަށް ތެދުވެވުނެވެ.

" ޒައިން އަހަންނާ އިންނާނަންތަ؟ "

އުޝާ ސުވާލުކޮށްލީ ނުހަނު އަވަހަށެވެ. އޭރު ޒައިންހުރީ އޭނާއާ ދާދި ގާތުގައެވެ. ދޭނެ ޖަވާބެއް ނޭނގިފައި ޒައިންއަށް ހުރެވުނީއެވެ. އެހެން ހުއްޓާ އަނެއްކާވެސް އުޝާ ހަމަ އެސުވާލު ތަކުރާރު ކޮށްލިއެވެ.

" އަހަރެން... ކިހިނެއް؟ އަހަރެން... ކީކޭ ބުނާނީ؟ "

ދައްކަންވީ ވާހަކަވެސް ޒައިންއަކަށް ނޭނގުނެވެ. ކިތަންމެ ބޭނުންވި ނަމަވެސް އެއީ ޒައިންއަށް ކުރެވޭނެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ.

" ދެން؟ ޒައިންގެ މީހަކަށް އަހަރެން ހަދާނެ ހިތްވަރެއް ނެތެއްނު! އަދިވެސް އަހަރެންވީ ޒައިންއަށް އިންތިޒާރު ކުރަންތަ؟ ނޫނީ މިހެން އެކަނިވެރި ކަމުގައި މުޅި ޙަޔާތް ބޭކާރުކޮށްލަންވީތަ؟ މިދަރިފުޅަށް ލިބެން ޖެހޭނީ ހަމައެކަނި މަންމަގެ ލޯބިތަ؟ "

ހަރުކަށި ރާގަކަށް އުޝާ ދައްކަމުން ދިޔަ ވާހަކަތައް ޒައިންއަށް އިވެމުންދިޔައީ ބިރުވެރި ގޮތަކަށް ކަހަލައެވެ. އުޝާ ބުނެލާ ކޮންމެ ޖުމްލައަކުން އޭނާގެ ހިތަށް ތަދުވެއެވެ. އަޑުއަހަން އުނދަގޫވެއެވެ. އެ ސުވާލުތަކަށް ދޭނެ ޖަވާބެއް މިފަހަރުވެސް ޒައިންއަކަށް ނޭނގުނެވެ. އުޝާގެ މޫނަށް ބަލަހައްޓައިގެން ހުއްޓާ މިފަހަރުވެސް ވާހަކަ ދެއްކީ އުޝާއެވެ.

" ބުނޭ.. މާނިޙް ގާތު ބުނޭ އަހަރެން ރުހެމޭ! ކައިވެންޏަށް އަހަރެން ރުހެމޭ ބުނޭ! ޒައިންގެ މައިންބަފައިންގެ ރުހުން ހޯދަން ޚުދު މާނިޙް އަންނާށޭވެސް ބުނާތި! "

އެހެން ބުނުމަށްފަހު ޒައިން ބުނާނެ އެއްޗަކަށް ބެލުމެއްނެތި އުޝާ ހިނގައިގަތެވެ. ބަރުހެލިކަމާއެކު އޭނާ ދާ މަންޒަރު ބަލަން ޒައިންއަށް ހުރެވުނީ ހާސްވެފައެވެ. މާނިޙްގެ ހުށަހެޅުން އުޝާ ފަހަރެއްގައިވެސް ޤަބޫލު ކޮށްފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ލިބުނު ހިތްދަތިކަމާއެކު ޒައިންއަށް ސޯފާ މައްޗަށް ތިރިވެވުނެވެ.

***

ނަދާގެ ކަމަކީ ލޯގަނޑު ކުރިމަތީގައި ހުރެގެން ހަށިގަނޑަށް ބެލުމެވެ. މިއަދުވެސް ޒައިން ކޮޓަރިއަށް ވަތް އިރު ނަދާ ހުރީ އާދައިގެ މަތިން ލޯގަނޑު ކުރިމަތީގައެވެ. އެތެރެއަށް ވަތް ޒައިންވެސް އޭނާއަށް ފެނުނީ ލޯގަނޑުންނެވެ.

" ޒައިން... މިހާރު މޫނުގަ ފާޑެއްގެ ބިހިތަކެއްވެސް އެބަ ނަގާ! ކޮންމެވެސް ވަރަަކަށް ފަލަވެސް ވާހެން އެބަ ހީވޭ! "

ޝަކުވާގެ ރާގަކަށް ނަދާ ވާހަކަ ދެއްކުމުން ޒައިން ގާތަށް އައީ ރުޅިއެވެ. ގައިގައޮތް ގަމީސް ބޭލުމަށްފަހު ފަރުވާކުޑަ ގޮތަކަށް ދާވަށިގަނޑާދިމާލަށް އެއްލަމުން ޒައިން ވާހަކަ ދެއްކިއެވެ.

" ދެން ނަދާ! ތިއުޅެނީ ރީތީގެ ރާނީންގެ މުބާރާތެއްގައިތަ؟ އަޖައިބެއްނު ދެން! މާބަނޑު ދުވަސްވަރު މައިމީހާގެ ސިފައަށް ބަދަލު އައުމަކީ އާ ކަމެއްތަ؟ ތީ ޝަކުވާ ކުރަންޖެހޭ ކަންކަމެއްނޫނޭ! ތީ ޝުކުރުވެރިވެ, ތިމާ ކެތްތެރިވާންވީ ކަންކަން.. އެކަން ނޭނގޭ ވަރުގެ ކުޑަކުއްޖެއްތަތީ؟"

ފޫހި ގޮތަކަށް ޒައިން ވާހަކަ ދެއްކުމުން ނަދާ ދެރަވިއެވެ. ނަމަވެސް އާދައިގެމަތިން އޭނާ އިސްކުރީ މިފަހަރުވެސް ރުޅިއެވެ.

" ޒައިންގެ ތި ރީތި ސިފައަށް ބަދަލު އަންނަންޏާ ޒައިން ވެސް ދެރަވާނެ ހަމަ.. ގައިމު ކުރީ ދުވަހެއްގައިވެސް ކީ ތިމަންނަގެ ބުރަކަށީގައި އިން ކަޅު ލަފެކޭތޯ އެއްޗެކޭ! އެ އުފަންލައް ނުފެންނަ ތަނެއްގައި އިންކަން ނަސީބޭ ކީ. ޒައިންވެސް ހަމަ ރީތިވާން ބޭނުންވޭތާދޯ! "

ނަދާ ދައްކާ ވާހަކައަކަށް ބެލުމެއްނެތި ޒައިންވަނީ ފެންވަރާށެވެ. މޫޑު ގޯސްވެގެން ނަދާ އައިސް އޮށޯތީއެވެ. ކުއްލިއަކަށް އޭނާގެ މަންމަގެ ކޯލެއް އަންނަތަން ފެނުމުން ފޯނު ހިފައިގެން އޭނާ ހަމަޖެހިލިއެވެ.

" ދަރިފުޅު އަންނަންވީނު މަންމަގާތު މަޑުކޮށްލަން! މަންމާ ބޭނުމެއް ނޫން ދަރިފުޅު ލައްވާ އެއްވެސް ކަމެއް ކުރުވާކަށް.." ސާމިޔާ އެހެން ބުނުމުން ނަދާ ހީލިއެވެ.

" ދެން ނޫން މަންމާ! އަހަރެން މިގޭގައި އެއްވެސް މަސައްކަތެއް ނުކުރަމޭ. ޒައިންގެ މަންމަ ހަމަ ވަރަށް ރަނގަޅޭ!"

މިޙާލަތުގައި ނަދާ ޒައިންއާ ދުރަށް ދާކަށް ބޭނުމެއްނޫނެވެ. މިހާރު ޒައިންއާ ނުލާ އޭނާއަކަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭ ކަހަލައެވެ.

މަންމަގެ ކޯލްގައި އޮއްވާ ކުއްލިއަކަށް ވަރަށް ބާރަށް އަމީރާ ޒައިންއަށް ގޮވާ އަޑު ނަދާގެ ކަންފަތުގައި ޖެހުނެވެ. ފުންމައިގެން އޭނާއަށް ތެދުވެވުނީ އަމީރާގެ އަޑުގައިވާ ހާސްކަމުގެ އަސަރު ދެނެގަނެވުމުންނެވެ. ފޯން ކަނޑާލުމަށްފަހު ނަދާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީ އެހާމެ އަވަހަށެވެ. އޭރު އުޝާގެ ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. ހަމަ އެބާރު މިނުގައި ގޮސް ނަދާ އެކޮޓަރިއަށް ވަނެވެ. އޭރު އެނދުމަތީގައި އަމީރާ އިނީ އުޝާގެ ގައިގައި ހިފަހައްޓާލައިގެންނެވެ. އުޝާއަށް ވާ އުނދަގޫތައް ފެނުމާއެކު އޭނާ ބަނޑުގައި ރިއްސަނީކަން ނަދާއަށް އެނގުނެވެ.

" އަވަހަށް ޒައިންއަށް ގޮވާބަލަ! ހޮސްޕިޓަލަށްދާން.." ނަދާ ފެނުމާއެކު އަމީރާ ބާރުބާރަށް ބުންޏެވެ. އަމީރާގެ އަމުރު އިވުމާއެކު ނަދާ ނިކުމެގެން ދިޔައެވެ.

" ޒައިން! އުޝާ ބަނޑުގައި ރިއްސައިބަ އަވަހަށް އަންނާށޯ! "

ފެންވަރައިގެން ނިކުމެ ގައިގައި ލޯޝަންލާން ހުރި ޒައިން ސިހުނީ ނަދާގެ އަޑުންނެވެ. އަވަސް އަވަހަށް އެއްޗެހި ލައިގެން އޭނާ ބާރު ފިޔަވަޅުތަކުގައި ގޮސް އެކޮޓަރިއަށް ވަނެވެ. އޭރު ވެސް އުޝާ އިނީ އަމީރާގެ ގައިގައި ލެނގިލައިގެންނެވެ.

" ބައްޕަ ވެސް އެބައާދޭ! ނޭނގެއެއްނު ތިރީގަ ބައްޕަ ނެތްކަމެއްވެސް! ކާރެއްގައި މިއަންނަނީއޭ ބުނި.." އަމީރާ ވެސް ވާހަކަ ދެއްކީ އެހާމެ އަވަހަށެވެ. އޭރުވެސް އުޝާއިނީ ދެލޯ މަރައިގެން ކުކުރާލަކުކުރާލާއެވެ. ޒައިން ކައިރީ ވުމާއެކު އަމީރާ ތެދުވިއެވެ. އެއާއެކު ޒައިން އުޝާގެ އެއް އަތުގައި ހިފާ އޭނާގެ ކޮނޑުގައި އަޅުވާލިއެވެ.

" މަންމަ މިދަނީ ތިރިއަށް އެއްޗެހިތައް ނަގަން. ދެމީހުން ވެގެން އުޝާ ތިރިއަށް ގެނެވޭތޯ ބަލާ! "

އެހެން ބުނުމަށްފަހު މަޑުކުރުމެއްނެތި އަމީރާ ގޮއްސިއެވެ.

" މަޑުމަޑުން ތެދުވެލާ! "

އުޝާގެ އުނަގަނޑުގައި ހިފާލަމުން ޒައިން ބުނެލިއެވެ. އެއާއެކު ޒައިންގެ މޭގައި އުޝާއަށް ބޯ ޖައްސާލެވުނެވެ. ނުހަނު ގާތުގައި ހުރި ނަދާއަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ.

" އުޝާ އަހަރެންގެ އަތުގައި ހިފައިގެން ތެދުވެވޭތޯ ބަލާލަބަލަ! "

އުޝާއާ ޖެހިގެން އިށީންނަމުން ނަދާ ބުނެލިއެވެ. ނަދާ އެހެން ބުނުމުން ނަދާ އެހުރީ ހިތްހަމަ ނުޖެހިފައިކަން ޒައިންއަށް އެނގުނެވެ. ނަމަވެސް އޭނާ އެކަމާ އެއްވެސް ފަރުވާލެއްނެތް ކަހަލައެވެ.

" ދެމީހުން ހިފައިގެން އުނދަގޫވާނެ.. "

ޒައިން ކުއްލިއަކަށް ތެދުވެއްޖެއެވެ. އެހިސާބުން ނަދާގެ މޫނުމަތީގެ ކުލަވަރު ވެސް މުޅިން ބަދަލުވެއްޖެއެވެ. ޒައިން އުޝާގެ ގައިގައި ހިފަހައްޓާލައިގެން އޭނާ ކޮޅަށް ނެގުމަށް ފަހު އަތުލަފިކޮށްގެން، ހިނގައިގަތެވެ. ފަހަތުން ނަދާވެސް ދިޔައެވެ. ޒައިންގެ އަތުގައި އުޝާ ހިފައިގެން ހުރީ ނުހަނު ބާރަށެވެ.

" ހިތްވަރުގަދަ ކުރޭ! ތީ ވަރަށް ކެތްތެރި ކުއްޖެއްނު "

އެހާ ލޯބިން ޒައިން ވާހަކަ ދައްކާ އަޑެއް ކުރިއަކުން ނަދާ ނާހައެވެ. އެހެންކަމުން އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ.

***

އައިޖީއެމްއެޗްގެ ވިއްސާ ކޮޓަރިއަށް އުޝާ ވެއްދުމަށް ފަހު ބޭރުގައި އެންމެން އިންތިޒާރު ކުރަންފެށިއެވެ. އޭރުވެސް ނުބައި ވަސްވާސް ތަކުން ނަދާގެ ހިތް ރޫޅިގެންދާ ކަހަލައެވެ.

" ވިހައިފި! ފިރެހެން ކުއްޖެއް! "

ނަރުހެއް ބޭރަށް ނިކުތުމަށް ފަހު ދޮރު ކައިރީގައި ހުއްޓި ހުރި އަމީރާ ގާތު ބުނެލިއެވެ.

" އަލްޙަމްދު ލިއްލާހި" އަމީރާ ބުނެލިއެވެ.

" ދެމައިން ވެސް ރަނގަޅުތަ؟ ބޭބީ ކޮބަ؟"

ގޮނޑިބަރިން ތެދުވެގެން ގޮސް ޒައިންއަށް އަހާލެވުނެވެ.

" ދެމައިންވެސް ރަނގަޅު. ބޭބީ އެބަ ނެރެން.."

ނަރުސް ދިޔުމާއެކު ޒައިންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭރުވެސް އަމީރާއާ ފަހުމި ތިބީ ދޮރުކައިރީ ކޮޅަށެވެ. ގޮނޑިބަރިން ގޮނޑިއެއްގައި އިން ނަދާ ފޫހި ކަމާއެކު ފޯނާ ކުޅެން އިނެވެ. ނަމަވެސް ޒައިން އެތަނަށް ދިޔުމުން މާ ގިނައިރަކު އޭނާ އަކަށް ނީނދެވުނެވެ.

" ޒައިން! އަހަރެން ވަރަށް ބަނޑުހައި.. މިހާރު ކިހާ އިރެއް ވެއްޖެ މިތާ މިތިބެނީ! އެހާ ގިނައިރު އަހަރެން ނުކައި ހުންނާކަށް ނުވާނެ އެއްނު.."

ނަދާ ބުނެލީ އަމީރާއާ ފަހުމީއަށްވެސް އިވޭހާ ބާރަށެވެ. އެދެމީހުންނަށްވެސް ޒައިންގެ މޫނަށް ބަލާލެވުނީ އެއްފަހަރާއެވެ. އޭރުވެސް ދަރިފުޅު ދެކިލާހިތުން ކެތްތެރިކަމެއްނެތި ޒައިންގެ ހިތް ތެޅިފޮޅެނީއެވެ.

" ތެދެއް ދަރިފުޅާ! އަވަހަށް ދޭ ނަދާއަށް އެއްޗެއް ދީގެން އަންނަން! "

ފަހުމީ އެހެން ބުނުމުން ދެކޮޅު ހަދާކަށް ޒައިންއަކަށް ނުކެރުނެވެ. ހިތާދެކޮޅަށް އޭނާ ނަދާއާއެކު ހިނގައިގަތެވެ. އޭރު ޝަކުވާ ކުރާ ހިތުން ނަދާއަށްވެސް ހަމަ ހުރެވެނީކީ ނޫނެވެ.

" ބޭބީ ނެރެންދެން މަޑުކޮށްލިނަމަ.."

ރުޅި އާދެވުނުލެއް ބޮޑު ކަމުން ޒައިންއަށް ބުނެވުނެވެ. އޭނާ ހުރީ ނަދާގެ މޫނަށް ބަލާލާހިތްވެސް ނުވެފައެވެ. ޒައިންގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ހުރި ނަދާ އަވަސް ރާގެއްގައި ވާހަކަ ދައްކަން ފެށިއެވެ.

" ދެން އެދެމީހުން އޯކޭ އޭ ބުންޏެއްނު.. ޒައިން އުޅޭ ގޮތުން ހީވަނީ އެއީ ޒައިންގެ އަނބިމީހާހެން.. ހާދަ ވަރެކޭ ތިވަނީ.. ޒައިން އަކަށް ނުޖެހޭނެ އޭނައާ އެހާ ގާތްވެ ގަނެގެން އޭނާ ސިޑިން ބާލާކަށް. އެމްބިއުލާންސްއަށް ގުޅީމަ އެމީހުން އައިސް އަށިގަނޑަށް ލައިގެން ގެންދާނެކަން ނޭނގޭތީބާ ގަޔާލައި ތަތްކޮށްގެން، ދެމީހުން ތަތްތެޅިގެން ސިޑިން ފޭބީ؟ "

ނޭވާ ހިފަހައްޓާލައިގެން ހުރެ ހުރިހާ ޝަކުވާތަކެއް ނަދާ ބޭރުކޮށްލުމާއެކު، ޒައިން ނަދާގެ އަތް އޭނާގެ އަތުން ނައްޓުވާލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ އައިޖީއެމްއެޗްގެ ބޭރަށް ނިކުމެވިފައެވެ.

" އަހަރެން ހިއެއް ނުކުރަން ތީ އެހާ ރަޙުމް ކުޑަ މީހެއް ކަމަކަށް. އަންހެނަކަށްވެ ހުރެ އަދި އަމުދުން ތި ޙާލަތުގައި އިނދެ، ތިކަހަލަ ވާހަކަ ދައްކަން ލަދެއްވެސް ނުގަނޭތަ؟ އަހަރެން ނެތިން އިތުރަށް އެއްޗެއް ބުނެ ޒުވާބު ކުރާކަށް. ނަދާއާ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް.."

ކެންޓީނާ ދިމާލަށް ދާން ޒައިން ހިނގައިގަތެވެ. އެއާއެކު ނަދާ ބުނެލިއެވެ.

" ނޫޅެން ކާކަށް. އަހަރެން ގެއަށް ހިނގައިދާނަން.."

ނަދާ އެހެން ބުނުމުން ޒައިން އިތުރަށް ރުޅި ގަދަވިއެވެ. އޭނާ އެނބުރި އައިސް ނަދާއާ ދާދި ގާތުގައި ހުރެ ބުންޏެވެ.

" ދެން ކޮން ފާޑަކަށް ތިއުޅެނީ؟ ކަންޏާ ކާން އާދޭ.. ނުކައި ދިޔައީމަ މަންމަމެން ވެސް ސުވާލު ކުރާނެ"

" އެމީހުން ސުވާލު ކުރާނެތީ ދޯ ކަންބޮޑުވީ؟ އަހަންނާ އަހަރެންގެ ބަނޑުގައި މިއޮތް ޒައިންގެ ދަރިފުޅާމެދު ނުވިސްނަންދޯ!"

އިތުރަށް މަޑުކޮށްލުމެއްނެތި ނަދާ ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ދެފަރާތަށް ބޯހޫރާލަމުން ޒައިންވެސް ނަދާގެ ފަހަތުން ހިނގައިގަތީ އޭނާ ގެއަށް އެކަނި ފޮނުވާލަން ނުކެރިގެންނެވެ.

" އަހަރެން ގޮސް ދާނަން ކާރެއްގަ. ޒައިންގެ ލޯބިވާ މީހުން ގާތަށް ޒައިންދޭ! އެތާ އެތިބީ ޒައިންގެ މީހުން. އަހަންނާ އަހަރެންގެ ބަނޑުގައި މި އޮތް ޒައިންގެ ދަރިފުޅަކީ އެއްވެސް ބައެއްނޫން.."

ނަދާ އެހެން ބުނުމުން ޒައިންއަށް ޗޮކެއް ކަނޑާލެވުނެވެ.

" އަބަދުއަބަދު އަހަރެންގެ ބަނޑުގައި މިއޮތް ޒައިންގެ ދަރިފުޅޭ ނުކިޔަސް އަހަރެން ހަނދާން ހުރެޔޭ ތީ މަގޭ ދަރިއެއްކަން "

މަލާމާތުގެ ރާގަކަށް އެހާމެ ފޫހިގޮތަކަށް ޒައިން އެހެން ބުނުމުން ނަދާ ގާތަށް އަނެއްކާވެސް ރުޅި އަތުވެއްޖެއެވެ.

" މިބުނީނު މަ އެކަނި ގޮސްދާނަމޭ.. "

ކާރެއް ހުއްޓުވުމަށް ފަހު ނަދާ ބުނެލިއެވެ. ނަދާއާއެކު ދާކަށް ޒައިން އިތުރަށް މަސައްކަތެއް ނުކުރިއެވެ. އޭނާ ކާރަށް އަރަންދެން މަޑުކުރުމަށްފަހު ޒައިން އެނބުރި ހޮސްޕިޓަލަށް ވަންނަން ހިނގައިގަތެވެ. ހަމަ އެވަގުތެވެ. މާނިޙް ޒައިންއަށް ގުޅަން ފެށިއެވެ. ފޯން ސައިލެންޓަށް ލުމަށްފަހު ޖީބަށްލީ އެ ކޯލަށް ޖަވާބު ދޭހިތް ނުވެގެންނެވެ.

އުޝާގެ ދަރިފުޅު އުރާލުމަށްފަހު ހިނިތުންވެލަމުން އަމީރާ އެދަރިފުޅަށް ބަލާލިއެވެ. ފަހުމީއަށްވެސް ހުރެވުނީ އެ ތުއްތު މޫނަށް ބަލާށެވެ.

" ފަހުމީ؟ "

ސުވާލުން ފުރިގެންވާ ރާގަކަށް އަމީރާ ގޮވާލުމުން ފަހުމީއަށް ބަލާލެވުނީ އަމީރާގެ މޫނަށެވެ.

" އަހަރެން ހަނދާންވީ ހަމަ އެންމެ ފުރަތަމަ ޒައިން އުރާލި ދުވަސް. އަހަންނަށް ހީވަނީ މީ ހަމަ ޒައިންހެން. ތުއްތު ޒައިންއާ ހާދަ ވައްތަރޭ.. އެސޮރުވެސް އޮތީ ހަމަ މިހެން.."

މަޑުމަޑުން އަމީރާ ބުނެލިއެވެ. އެއާއެކު ފަހުމީ ފެށީހޭށެވެ.

" ތުއްތު ކުދިން ތިބޭނީ ހަމަ މިހެން.. އަހަންނަށްވެސް އެކަމަކު ތިހެން ބުނީމަ ވައްތަރު ވެއްޖެ! "

އާދައިގެ ރާގަކަށް ފަހުމީ އެހެން ބުނި ނަމަވެސް އަމީރާގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސް ވެއްޖެއެވެ.

( ނުނިމޭ)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (23)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (23)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)