" ޒައިން އުފަލެއްވެސް ނުވޭތަ؟ އަހަރެމެން ދެމީހުންނަށް ކުއްޖަކު ލިބޭކަށް ޒައިން ބޭނުމެއް ނުވޭތަ؟ "

ދެއަތުން ޒައިންގެ މޫނުގައި ހިފަހައްޓާލަމުން ނަދާ ބުނެލީ ވީ ދެރައިންނެވެ. ނަދާގެ އަތުގައި ހިފާ، ދެއަތް ތިރިކޮށްލަމުން ޒައިން ނަދާއަށް ފުރަގަސްދިނެވެ.

Ad
rt

" އަހަރެން ބޭނުންވަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެގެން ބޭބީއެއް ހޯދަން! އަހަންނަށް އެނގޭ ނަދާގެ އުއްމީދުތައް ހުންނާނެ ހިސާބު! ކަންތައްތައް ޚިޔާލުކޮށްލާފައި ހުންނާނީ އުޑަށްވުރެ އުހަށް! އެކްސްޕެކްޓޭޝަން އެހާވެސް ހައިވާނެ! ނަދާ ބޭނުންވާ ފެންވަރަށް އަހަންނަށް ކަންތައްތައް ނުކޮށްދެވުނިއްޔާ، ނަދާގެ ބައްޕަގާތު ބުނެގެންވެސް ނަދާ ފައިސާ ހޯދާނެކަން އަހަންނަށް އެނގޭ! މިހާރުވެސް އެގޮތަށްވެފަ އޮތީ! ދަރިފުޅުގެ ކަމެއްގައި އަހަރެން ބޭނުމެއްނޫން ނަދާގެ ބައްޕަގެ ފައިބުޑަށް ވެއްޓި ސަލާން ޖަހާކަށް!"

ޒައިން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. އޭނާދެއްކީ މުޅިންވެސް އޭނާގެ ހިތަށް އަރާ ފައިބަމުންދިޔަ ޝަކުވާތަކުގެ ވާހަކައެވެ. ކަންތައްތައް ވެދާނެކަމަށް އޭނާއަށް ލަފާކުރެވޭ ވާހަކަތަކެވެ. ޒައިންގެ ވާހަކަތައް ނިމުނުއިރު ނަދާ އައިސް ހުރީ ޒައިންގެ ކުރިމަތީގައެވެ. އޭނާގެ މޫނުމަތީގައިވަނީ ފުސްކަމެވެ. ހިތްހަމަނުޖެހުމެވެ. ފޫހިކަމެވެ.

" ދަރިން އުފަންވާނީ އެދަރިންގެ ރިޒްޤާއެކު! ތިހާ ކިޔަވައިގެން ހުރި މީހަކަށް އެވަރު ނޭނގުނު!؟ ކޮންމެ ގޮތެއް ވިޔަސް ޒައިންއަށް ފައިސާ ނުދެވެންޏާ އަހަރެން ދާނީ ބައްޕަގެ ގާތަށްދޯ! ފައިސާ ހޯދުމަކީ ޒައިންގެ ކަމެއް! ކޯސް ދޫކޮށްލާފަ އައިސް މާލޭގަ މަޑުކުރީނު! ކިޔަވައިގެން އައިނަމަ މިއަދު ފިނިކޮޓަރީގަ ބޮޑު ގޮނޑީގައި އިނދެވުނީސްދޯ! ގައިމު މިހާރު ތިއުޅެނީ ގޭގޭ ފުރާޅުމަތިން ހަރުގަނޑުމަތިން.. ދެން އަހަންނަކަށް ނޭނގެ! މިރޭ ކިޓެއް ނެގެސްދޭތި! އަހަރެން ބޭނުން ޔަޤީންކުރަން!"

އިޙްތިރާމެއްނެތި، ޒައިންގެ މޫނުމަތީގައި ވާހަކަތައް އަމުނާލުމަށްފަހު ނަދާ ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަދާ ނިކުތުމާއެކު ޒައިންއަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ކުރިމަތިވަމުންދާ އިމްތިޙާނުތަކުން އަރައިނުގަނެވި އުޅެނިކޮށް ފަހަރަކު ކަމެއް ދިމާވެޔޭ އޭނާގެ ހިތަށް އެރިއެވެ. އަދިވެސް ޒައިންއަށް އެންމެ ބޮޑަށް ވިސްނެނީ އުޝާއާމެދުގައެވެ. އުޝާއަށް ދެވުނު ދެރަޔާމެދުއެވެ. ޒައިންގެ ފަރާތުން ދެވުނު ހިތްދަތިކަމާމެދުއެވެ. ޒައިންއަށް އަދިވެސް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެއެވެ.

***

މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. އުޝާއިނީ ކާމޭޒުކައިރީގައި ފިނި ޖޫސްތައްޓެއް ހިފައިގެންނެވެ. އެއް އަތުން ބަނޑުގައި ފިރުމާލަ ފިރުމާލަ އޭނާ އިނީ އުނދަގޫވާތީއެވެ. އެއް ގޮނޑިއަށް ފައި ދަމާލައިގެންވެސް އިނދެވުނީ ފައިގައި ރިއްސާތީއެވެ.

" ދަރިފުޅު ތި ޖޫސްތަށި އަދިވެސް ހުސްނުވޭތަ؟ "

މެންދުރު ނަމާދުކޮށްލައިގެން ނިކުތް އަމީރާގެ ލޮލުގައި އަޅައިގަތީ އުޝާގެ އަތުގައި ހުރި ޖޫސްތައްޓެވެ. އަމީރާ އެހެން ބުނުމާއެކު އުޝާ ހީލިއެވެ.

" އާނ މަންމާ! ހަމަ ކުރިއަށް ނުގޮސްގެން މިއުޅެނީ! ދެން މިއަދު ނުވެސް ކެވޭނެ މަންމަ މާ ބޮޑު ތައްޓެއްގަ ވިއްޔަ މިހުރީ ގިރާފަ! "

ތައްޓަށް ބަލާލަމުން އުޝާ ބުނެލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ނަދާއާ ޒައިން ސިޑިން ފައިބައިގެން އަންނަތަނެވެ. ނަދާގެ މޫނުގައިވާ އުފާވެރިކަމަކީ މީގެ ކުރިން ދުަވަހަކުވެސް ފެނިފައިނުވާފަދަ އުފާވެރިކަމެކެވެ. ނަދާ ޒައިންއަށް ބަލާލާ ކޮންމެ ފަހަރަކު ޒައިންވެސް ހީލާތަން އޭނާއަށް ފެނުނެވެ. އައިގޮތަށް އައިސް ނަދާވެސް އިށީނެވެ. ނަމަވެސް ޒައިން ހުރީ މޭޒުކައިރީ ކޮޅަށެވެ. މޭޒުމަތީގައި ހުރި މޭވާ ވަށިގަނޑުން މޭބިސްކަދުރުކޮޅެއް ނަގަމުން އޭނާ އުޝާއަށް ބަލާލިއެވެ. ކަތި ނަޒަރަކުންނެވެ. އެވަގުތު އުޝާއަށް ވެސް ބަލާލެވުނީ ޒައިންގެ މޫނަށެވެ. އަވަސް އަވަހަށް އުޝާ އިސްޖަހާލީ ޒައިން އޭނާއަށް ބަލަމުންދާގޮތުން އުނދަގޫވެގެންނެވެ.

" މަންމާ! " ބަދިގޭގައި ހުރި އަމީރާއަށް ނަދާގެ އަޑު އިވުމާއެކު އަވަސް އަވަހަށް އޭނާ ނިކުތެވެ. އަމީރާ ހީކުރީ ނަދާ އަދިވެސް ހުންނާނީ އޭނާދެކެ ހިތްހަމަ ނުޖެހިފައިކަމަށެވެ. ނަމަވެސް އަމީރާއަށް ނަދާގެ ހިނިތުންވެފައިވާ މޫނު ފެނުމުން އޭނާގެ ހިތުގައިވާ ޝައްކު ފިލާދިޔައެވެ.

" މަންމާ! "

އަމީރާ ފެނުމާއެކު ނަދާ އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު އޭނާ ބަލާލީ ކޮޅަށް ހުރެގެން މޭބިސްކަދުރު ކަމުންދިޔަ ޒައިންގެ މޫނަށެވެ. އަދި ބުމައިގެ އިޝާރާތުން ކޮންމެވެސް ވާހަކައެއް އެމީހުން ދައްކަމުންދިޔަކަން އުޝާއަށްވެސް ފާހަގަކުރެވުނެވެ.

" ކިހިނެއްތަ ވީ؟ ހާދަ އުފަލުން ދެކުދިން މިއުޅެނީ؟ "

އަމީރާ އައިސް ނަދާއިން ގޮނޑިކައިރީ ހުއްޓި ޒައިންއަށް ބަލާލިއެވެ. ޒައިން ހީލީ ދެނެވެ.

" މަންމައަށް އަލަތުު މާމަ ދަރިފުޅު ލިބެން އުޅޭތީ ދެން އުފާވާނެއެއްނު! "

ޒައިންއަށް ބަލަން ހުރެ ނަދާ ބުނެލިއެވެ. އެއާއެކު އަމީރާގެ ދެލޯ ތަންމިނަށް ބޮޑުވެ އަނގަވެސް ހުޅުވުނެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނައިން ފުރުނެވެ. އުފާވެރިކަމުގެ ކަރުނައެވެ. ނަމަވެސް އުޝާއަށް ކުރުވީ ފުންއަސަރުތަކެކެވެ. ސިހިފައި އޭނާއަށްވެސް ބަލާލެވުނީ ޒައިންއަށެވެ. އުޝާގެ މޫނުމަތިން ތަފާތު ސުވާލުތައް ޒައިންއަށް ފެންނަމުންދާކަހަލައެވެ. އުޝާގެ ހިތުގައި މިހާރު ހިނގަމުންދާ ހުރިހާ ވާހަކަތަކެއް އޮޅުންފިލުވާހިތުން ޒައިން ހުރީ ކެތްމަދުވެފައެވެ.

" އަލްޙަމްދުލިﷲ! ވަރަށް އުފާވެއްޖެ! މަންމަ ވަރަށް އުފާވެެއްޖެ! ދުަވަހަކުވެސް އަދި މިހާ އުފަލެއްނުވޭ! "

އަމީރާއަކަށް ކެތްކުރެވޭ ގޮތެއް ނުވިއެވެ. މޫނުމަތީގައި އަތްއަޅާ ރޮވިއްޖެއެވެ. އެމަންޒަރުފެނި ޒައިން ބާރުބާރަށް ގޮސް މަންމަގެ ގައިގައި ހިފަހައްޓާލުމަށްފަހު ގޮނޑީގައި ބޭންދިއެވެ.

" މަންމައަށް މާމަ ކިޔާ ދަރިޔަކު ލިބެނީތަ ހަމަ..؟" ޒައިންގެ ބޮލުގައި ފިރުމަމުން ފިރުމަމުން އަނެއްކާވެސް އަމީރާ ވާހަކަ ދެއްކީ ރޮވެމުންނެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރުތަކުން އުޝާގެ ހިތަށް އުނދަގޫކުރަމުންދެއެވެ. މީގެ ކުރިން އޭނާ އުއްމީދުކުރީ ޒައިންގެ ފަރާތުން އޭނާގެ ދަރިފުޅަށް ވަރަށް ލޯބި ލިބޭނެކަމަށެވެ. ބައްޕަކަން ދަރިފުޅަށް ނޭނގުނަސް ޚާއްސަ ގުޅުމެއް ޒައިންއާ ދަރިފުޅުގެ މެދުގައި އުފައްދަން އޭނާ ހުރީ ނުހަނު ބޭނުންވެސް ވެފައެވެ. ނަމަވެސް މަންޒަރު ބަދަލުވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އުޝާގެ ދަރިފުޅު ބާކީވާނެވަރު ހިތަށް އެރުމާއެކު އުޝާއަށް ރޮވޭގޮތްވިއެވެ. އެދަރިފުޅަށްޓަކައި އެންމެންގެ ލޯތްބާއި އަޅާލުން ލިބޭނެކަމަށް ހީކޮށްގެން ހުއްޓާ، ތަޤްދީރު ރޭވިފައިވާގޮތް އެނގުމުން އިތުރަށް އޭނާ ދެރަވިއެވެ.

" މަންމަ ހަމަޖެހިލަބަލަ! ކޮބާތަ ބައްޕަ؟"

ޒައިން ބުންޏެވެ. ޒައިން އެހެން ބުނުމުން އަމީރާ ކުޑަކޮށް މައިތިރިވިއެވެ. އަދި ނަދާގެ ބޮލުގައި އަތްޖައްސާލަމުން އޭނާ ހީލިއެވެ.

" ދަރިފުޅު ދެން ވަރަށް ބަލައިގެން އުޅެންވާނީ! މަންމައަށް އިޙްސާސްކުރެވުނީ ޒައިންއަށް ބަލިވެއިން ދުވަސް ހަމަ.. ބައްޕައަށް ގުޅާލަން މަންމަ މިދަނީ ކޮޓަރިއަށް އިނގޭ!" އަމީރާ އަވަސް އަވަހަށް ތެދުވެ، ކޮޓަރިއަށް ދިޔައެވެ. އެއާއެކު ޒައިން ވާހަކަ ދައްކަން ފެށިއެވެ.

" މާނިޙްއާއެކު ބޭރަށް މިދަނީ! އޭނަ އެބަހުރި ތިރީގަ! އޯކޭތަ؟ "

ޒައިން އެހާ ލޯބިން އަހާލުމުން ވީ އުފަލުން ނަދާ ބޯޖަހާލިއެވެ. އަތުގައި އޮތް ފޯނާ ކުޅެމުން ޒައިން ދޮރާއިދިމާލަށް ދިޔައީވެސް އުޝާއަށް ބަލާލަމުންނެވެ. ޒައިން ނިކުތުމާއެކު ނަދާގެ ނަޒަރު ހުއްޓުނީ ސީދާ އުޝާގެ މޫނަށެވެ.

" އުޝާ ހިއެއްނުވެ އުފާވި ހެންނެއް! " މޭޒުމަތީގައި ހުރި ފެންފުޅި އެއްފަރާތްކޮށްލަމުން ނަދާ ބުނެލީ މަލާމާތުގެ ރާގުގައެވެ. ރައްދުގައި އުޝާ ހީލިއެވެ.

" ކީއްވެދޯ އުފާވާންވީ! ތިމާއަށް ލިބެމުންދިޔަ އުފާތަކާ އެއްޗެހިތައް އެހެން މީހަކަށް ބައި އަޅަންޖެހުނީމަ..."

ނަދާ މިފަހަރު ބުނެލީ ވަރުގަދަ ޖުމްލައެކެވެ. ހިނިތުންވެފައި އިން އުޝާގެ މޫނުމަތި މިލައިގެންދިޔައީ ނަދާ އެހެން ބުނުމުންނެވެ. އޭނާ އެހެން ބުނަން ޖެހުނީ ކީއްވެގެންތޯ އަހާލާ ހިތްވިނަމަވެސް އިތުރަށް އެއްޗެއް ނުބުނީ ނަދާއަކީ ޒުވާބުކުރާ މީހެއްކަން އުޝާ ހަނދާންވުމުންނެވެ.

" ،ޒައިންއަށް ދަރިޔަކު ލިބެން އުޅޭ ވާހަކައިން މަންމަ ވީ އުފާ އުޝާއަށް ފެންނާނެ! އުޝާ ބަނޑުބޮޑުވީމަވެސް މަންމަމެން ހަމަ މިހާ އުފާވިތަ؟ އުފަލުން ރުއިތަ؟ "

ނަދާ ބޭނުންވަނީ އުޝާ ދެރަކޮށްލަންކަން އުޝާއަށް އެނގުނެވެ. އެހެންކަމުން އޭނާ ހުރީ ވަރަށް ހިތްވަރުކޮށްގެންނެވެ.

" ތިހެން އަހާއިރުވެސް ނަދާއަށް އެނގޭނެ ކަންތައްތައްވީގޮތް! ދެން ކީއްކުރަން ތި އަހަނީ ؟ "

" އައްދެ ހާދަ މައްޗަކަށް ތިދިޔައީ! ތިހާ އަވަހަށް ރުޅިއަންނާނެކަމެއް ނޭނގެ! ކޮންމެ ގޮތެއް ވިޔަސް މަންމަމެންނަށްވެސް އިސްކަންދެވޭނީ އަމިއްލަ.... ދަރިފުޅަށްދޯ! "

ނަދާގެ ރާގުގައި އަދިވެސް ވަނީ މަލާމާތެވެ. އޭނާ ބޭނުންވަނީ އުޝާ އެއާއިލާއިންވެސް ބޭރުކޮށްލާށެވެ. އަމީރާމެން އުޝާއާމެދު ކަންތައްތައް ބަހައްޓާގޮތުން އެންމެ ފުރަތަމަ ދުވަހުވެސް ނަދާގެ ހިތުގައިވަނީ އުޝާއާމެދު ހަސަދައާ ނަފްރަތު އުފެދިފައެވެ.

" އެއީ އެއްވެސް މައްސަލައެއްނޫން! އަހަރެން މި ދަރިފުޅު އުފަންކުރަން ބޭނުންވަނީ އަހަންނަށް ބެލޭނެތީ! "

އެހެން ބުނުމަށްފަހު ވަރަށް އުނދަގުލުން އުޝާ ތެދުވިއެވެ. އޭރުވެސް ނަދާއިނީ ލާނެތް ފާޑަކަށް އުޝާއަށް ބަލަހައްޓައިގެންނެވެ.

***

" މިއަދު އަހާބަލަ! "

ކެތްތެރިކަމެއްނެތި އުޝާގެ އާނ ބަހަށް އިންތިޒާރުކުރަމުންދާ މާނިޙް ބުނެލިއެވެ. އޭރުވެސް ޒައިންގެ މޫނުމަތީގައިވަނީ މާޔޫސްކަމެވެ. އެންމެ ގާތް އެކުވެރިޔާއަށްވެސް އެކަން ސިއްރުކުރީ ސަބަބެއް ނެތިއެއް ނޫނެވެ. ނަމަވެސް އޭނާ އުޝާއާ ކައިވެނިކުރަން ބޭނުންވެދާނެކަމަށް ފަހަރެއްގައިވެސް ޒައިން ހިއެއް ނުކުރެއެވެ.

" އޭ! އަނެއްކާ އުޝާ ނޯ ޖެހިއްޔާ މަށަށް ނުކެރޭނެ ތިގެއަށް ދާންވެސް! އެހެންވީމަ ޒައިންގެ އައިޑިއާއެއްކަމަށް ހަދާފަ ބުނެބަލަ! ދެން ޒައިންވެސް ބައްޕައަކަށްވަނީނު! އެހެން ކިޔާފަ ބުނެބަލަ އުޝާގެ ދަރިފުޅަށްވެސް ބައްޕައެއް ހޯދަން ޖެހޭނެޔޭ! މިހެން މިހެން ފަށާބަލަ ނިކަން!"

މާނިޙްގެ ރާގުވެސް ހުރީ ވަރަށް އަވަސްކޮށެވެ. އޭރުވެސް ޒައިން އިނީ ކޮފީތަށި ގިރާލަ ގިރާލައެވެ.

" އޯކޭ! މަ ބަލާނަން ތި ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ލިބޭތޯ! ދެން އެވާހަކައެއް ނޫނޭ! މާދަމާ މަސައްކަތުދާގަޑިވެސް ނުބުނަމެއްނު! "

ޒައިން އަނެއްކާވެސް މައުޟޫ ބަދަލުކޮށްލިއެވެ.

***

ޒައިންގެއަށް ދިޔައިރު އުޝާއިނީ ސޯފާގައެވެ. އުޝާ ފެނުމުން ޒައިން އެކި ދިމަދިމާލަށް ނަޒަރުހިންގާލީ މީހަކު ފެނޭތޯއެވެ. އިތުރު މީހަކު ނެތްކަން ޔަޤީންވުމާއެކު ޒައިން ސޯފާއާދިމާލަށް ހިނގައިގަތެވެ. ޒައިން އައިސް ސޯފާގެ އެއްކޮޅުގައި އިށީނުމާއެކު އުޝާއަށް ބަލާލެވުނެވެ. ޒައިން ފެނުމުން އުޝާގެ ހިތަށް އިތުރަށް އުނދަގޫކުރުވި ނަމަވެސް މޫނުމަތިން އެކަން ނުދައްކަން އޭނާ ވަރަށް މަސައްކަތްކުރިއެވެ.

" މަރުޙަބާ! "

ކިތަންމެ ހަަމަޖެހިލާފައި ބުނެލި ނަމަވެސް އުޝާގެ އަޑުގައި އެކުލެވިފައިވާ އަސަރުތައް ޒައިން ދެނެގަނެފިއެވެ. އުޝާ ދެރަވާނެކަންވެސް ޒައިންއަށް ހަމަ ރަނގަޅަށް އެނގެއެވެ. އެހެންކަމުން އޭނާ ބޭނުންވީ ކަންތައްވީގޮތް އުޝާއަށް ކިޔައިދޭށެވެ.

" އަސްލު އަހަރެން ރެޑީއެއްނޫން! އަހަރެންވެސް ހަމަ ސަޕްރައިޒްވީ! ނަދާ ބޭބީއެއް ބޭނުންވެގެން ބޭސްނުކެއީ! އޭނަ އަހަރެންގާތު ނުވެސް ބުނެ!"

ޒައިން ވާހަކަ ދައްކަން ފެށުމުން އުޝާ ޒައިންއަށް ބަލާލިއެވެ.

" އަހަންނަށް ތި ހުރިހާކަމެއް ކިޔައިތިދެނީ ކީއްވެ؟ އަހަރެން އެއްވެސް ޝަކުވާއެއް ކުރިންތަ؟ "

" ޝަކުވާއެއް ނުކުރިޔަސް އަހަންނަށް އެނގޭ އުޝާ ދެރަވާނެކަން!" ޒައިން ޖެހިލުމެއްނެތި ބުނެލިއެވެ. އެއާއެކު އުޝާ ކުޑަގޮތަކަށް ހީލިއެވެ.

" އަހަރެން ކޮންކަމަކާ ދެރަވާންވީ؟ ފާޅުގައި ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިޔަކު ލިބޭތީ ޒައިންވެސް އުފާވާނެއެއްނު! އަދި ބުނަންތަ؟ އަހަރެން މިދަރިފުޅަށް ބަނޑުބޮޑުވީ އިރު އަހަރެންވެސް ރެޑީއެއް ނޫނޭ! މަންމައަކަށް ވާކަށް ރެޑީއެއްނޫން! ކައިވެންޏެއް ކުރާކަށް ރެޑީއެއްނޫން! މީހުންގެ މަލާމާތާ ފުރައްސާރައާ ވާނެބޭޒާރަކަށް އަދި ގަންނާނެލަދަކަށްވެސް ރެޑީއެއްނޫނޭ!...."

އެހިސާބަށް ބުނެވުނުއިރު އުޝާއަށް ހުރި ރޮވޭގޮތްވެފައެވެ. އެހެންކަމުން އޭނާ ތެދުވެ ހިނގައިގަތީ ކޮޓަރިއަށްދާށެވެ. އިތުރަށް މަޑުކުރަން ބޭނުން ނުވީ ޒައިންގެ ކުރިމަތީގައި ފިނޑިމީހަކަށްވާން ބޭނުންނުވާތީއެވެ. ހިތްދަތިކަމުން ފުރިގެންވާ ހިތުގެ އުދާސްތައް ޒައިންއަށް އަންގައިދިނުމަކީ މުޙިއްމުކަމެއްގެ ގޮތުގައި މިހާރު އުޝާއެއް ނުދެކެއެވެ. ޒައިންގެ ކުރިމަތިން ގޮސްގޮސް ހުރި އުޝާގެ އަތުގައި ޒައިން ހިފީ، އުޝާ އެކަމަށް ނުވިސްނާ ހުއްޓައެވެ.

" އަދި މަޑުކޮށްލަދީބަލަ! " އެެހެން ބުނުމަށްފަހު ޒައިން އުޝާގެ އަތުން ދޫކޮށްލިއެވެ.

" ކުޑަކޮށްވެސް އުފަލެއްނުވެޔޭ! ފާޅުގައި ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިޔަކު ބޭނުންވަނީ ހަމަ އުޝާގެ ބަނޑުން އުފަންކުރަން..."

ޒައިންއަށް އެހެން ބުނެވުނީ އިޙްތިޔާރަކާ ނުލައެވެ. ޒައިންގެ އެ ޖުމްލައިން އުޝާއަށް ސިހުންލިބުނެވެ. އޭރުވެސް އުޝާ ހުރީ ކޮޅަށެވެ. ހައިރާންވެފައި ހުރެ އުޝާއަށް ހުރެވުނީ ޒައިންގެ މޫނަށް ބަލާށެވެ.

" ހަމަ ތެދެއް މިބުނީ! އެއީ އަހަރެން ބޭނުންވާގޮތް! އަހަރެން... އަހަރެން މިހާރު އުޝާދެކެ.. ވަރަށް ލޯބިވޭ! ވަރަށް ބޮޑަށް ލޯބިވޭ! "

އިސްއުފުލާ އުޝާގެ މޫނަށް ބަލާލަމުން ޒައިން ބުނެލިއެވެ. އޭރު ހިފެހެއްޓުމެއްނެތި އުޝާގެ ދެލޮލުން ކަރުނަތައް ފައިބަމުންދެއެވެ. އަދި އޭނާ އަވަސް އަވަހަށް އަތުގެ ނުފުށުން މޫނު ފުހެމުންދިޔައެވެ.

" މިހާރު ތިވާހަކަތައް ދެއްކުމުގެ ބޭނުމެއްނެތް! "

މަޑުމަޑުން އުޝާ ބުނެލިއެވެ.

" އުޝާއާ ކައިވެނިކުރަން މާނިޙް ބޭނުންވާ ވާހަކަ އަހަރެންގާތު ބުނެފި! އަދި އުޝާގާތު ބުނާށޭވެސް ބުނި! "

ތެޅިތެޅިއޮތް ހިތަކައިގެން ޒައިން މާނިޙްގެ ވާހަކަ އުޝާގާތު ބުނީ ހިތާ ދެކޮޅަށެވެ. އުޝާދޭނެ ޖަވާބަކަށް އޭނާ އިންތިޒާރުކުރަމުންދިޔައީ ހާސްކަމާއެކުއެވެ. އެކަން ޒައިންގެ މޫނުމަތިންވެސް ހާމަވެއެވެ.

" މާނިޙް؟ އަހަންނާ؟ "

އުޝާއަށް އަނެއްކާވެސް ލިބުނީ ހައިރާންކުރަނިވި ޚަބަރެކެވެ. އުޝާ ޤަބޫލުކުރާގޮތުގައި މިހާރު އޭނާއަކީ އެއްވެސް މީހަކު ބަލައިގަންނާނެފަދަ މީހެއް ނޫނެވެ. އޭނާއަކީ ދުނިޔެއަށް ގިނަވެފައިވާ އަންހެނެކެވެ.

" ހޫމް.. އޭނަ ބޭނުން އުޝާ ވިހެއީމަ އުޝާއާ ކައިވެނި ކުރަން! "

ބޯޖަހާލަމުން ޒައިން ބުނެލީ ލަސްލަހުންނެވެ. އޭރުވެސް ޒައިން އިނީ އުޝާ ބުނާނެ އެއްޗެއް ނޭނގޭތީ ވަރަށް ކަންބޮޑުވެފައެވެ. އެއްވެސް ޙާލެއްގައި އުޝާ އެކަމަށް އެއްބަސްވާކަށް ޒައިން ބޭނުމެއްނުވެއެވެ.

" ޒައިންއަށްވުރެ ބޮޑަށް މާނިޙްއަށްވެސް އަހަރެން މުޙިއްމުވެއްޖެ! މިޙާލަތުގައިވެސް އޭނަ އަހަރެން ބަލައިގަނެފި! އަހަރެންގެ ދަރިފުޅުގެ ބައްޕައަކަށްވާންވެސް ފަރުވާލެއްނެތް!"

އުޝާގެ ވާހަކައާއި ރާގު ހުރިގޮތުން ޒައިންއަށްވެސް ކޮޅަށް ތެދުވެވުނެވެ.

" ޒައިން އަހަންނާ އިންނާނަންތަ؟ "

އުޝާ ސުވާލުކޮށްލީ ނުހަނު އަވަހަށެވެ. އޭރު ޒައިންހުރީ އޭނާއާ ދާދި ގާތުގައެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (22)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (22)

(ނިމުނީ)