ކުރީގެ ޢަދަދާއިގުޅޭ،

" ތުއްތު ކުދިން ތިބޭނީ ހަމަ މިހެން.. އަހަންނަށްވެސް އެކަމަކު ތިހެން ބުނީމަ ވައްތަރު ވެއްޖެ! "

Ad
rt

އާދައިގެ ރާގަކަށް ފަހުމީ އެހެން ބުނި ނަމަވެސް އަމީރާގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސް ވެއްޖެއެވެ.

ޒައިންއަށް ގުޅުމަށްފަހު، ދަރިފުޅު ގޮވައިގެން އަމީރާއާ ފަހުމީ އައިސްވަނީ ހޮސްޕިޓަލްގެ ޕްރައިވެޓް ކޮޓަރިއަކަށެވެ. އެމީހުން އައިސް އިރުކޮޅެއް ނުވެ ޒައިން އައިސް އެކޮޓަރިއަށް ވަނެވެ.

" ކޮބާ ނަދާ؟ " ދޮރާ ދިމާއަށް ބަލާލަމުން އަމީރާ ސުވާލުކުރިއެވެ. ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު އިނުމަށްފަހު ޒައިން ވާހަކަ ދައްކަން ފެށިއެވެ.

" ނަދާ ދިޔައީ ގެއަށް..ވަރުބަލިވާތީ.."

ޒައިން ހެދީ ދޮގެއްކަން އަމީރާއަށް ޔަޤީނާ ގާތަށް އެނގެއެވެ. އެހެންކަމުން މިފަހަރު އޭނާ ބޭނުންވީ އެދެމީހުންގެ ދެމެދު ޖެހުނު މައްސަލަ އޮޅުން ފިލުވާށެވެ.

" މާޝާﷲ.. ހާދަ ލޯބި ކުއްޖެކޭ.."

އެނދުމަތީގައި އޮތް ދަރިފުޅުގެ ކޮލުގައި ކޮއްޓާ ލުމަށްފަހު ޒައިން ބުނެލިއެވެ. އެއާއެކު ނަދާއާ ބެހޭ ގޮތުން ކުރަން އުޅުނު ސުވާލުތައްވެސް އަމީރާ ހަނދާން ނެތުނު ކަހަލައެވެ.

" ޒައިން ކުޑައިރު ހަމަ މިހެން އޮތީ.."

އަމީރާ އެހެން ބުނުމާއެކު ސިހިފައި ޒައިންއަށް މަންމައަށް ބަލާލެވުނެވެ.އޭނާގެ އެ ބަލާލުމުންވެސް އަމީރާގެ ހިތް އެތައް ނުތަނަވަސްވިއެވެ.

" މީ ހަމަ އަހަރެމެންގެ ކުއްޖެކޭ..." އެނދުގެ މަގަތުގައި އިށީންނަމުން ފަހުމީއަށްވެސް ބުނެލިއެވެ.

އެންމެން އިންތިޒާރު ކުރަމުންދިޔައީ އުޝާ ގެންނާނެ ވަގުތަކަށެވެ. ތުއްތު ދަރިފުޅު ނިދާފައި އޮތުމުން އަމީރާވެސް ސޯފާގައި ޖައްސާލިއެވެ. އޭރުވެސް ޒައިންއަށް ބެލެނީ ހަމަ އޭނާގެ ދަރިފުޅާއި ދިމާލަށެވެ. އެދަރިފުޅު ބީވެގެން ދާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެނަސް ޙަޤީޤަތް ހާމަ ކުރުމަކީ ވެސް އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ.

އިރުކޮޅެއް ނުވެ ވީލް ޗެއަރގައި އުޝާ އެ ކޮޓަރިއަށް ގެނައެވެ.

" މީ ހާދަ ހިތްވަރުގަދަ ކުއްޖެކޭ.."

އުޝާ ގާތަށް ގޮސް އޭނާގެ ބޮލުގައި ފިރުމާލަމުން އަމީރާ ބުނެލިއެވެ. އެނދުގައި އިށީންނަމުން އުޝާ ބަލިގޮތަކަށް ހީލީ ވެފައިވާ ވަރުބަލިކަން އަދިވެސް ހަށިގަނޑުން ނުފިލާތީއެވެ.

" ބޭބީ ރަނގަޅުތަ؟ "

ކުޑަ އެނދުގައި އޮތް ދަރިފުޅަށް ބަލާލަމުން އުޝާ އަހާލިއެވެ. އޭރުވެސް އެއްޗެއް ނުބުނެ ޒައިން އިނީ އުޝާގެ މޫނަށް ބަލާށެވެ. އެ މޫނުގައި އަދިވެސް ވަނީ ދުޅަކަމެވެ. އަޑުގައިވަނީ ވަރުބަލިކަމެވެ. ހަށިގަނޑަށް ބަލާލުމުން އެއްވެސް ވަރެއް ނެތްކަން އެނގެއެވެ. އެހުރިހާ ކަމެއްގެ ސަބަބުންވެސް ޒައިންގެ ހިތުގައި އުޝާއާމެދު އޮތް ލޯބި ހައްތަހާ ވަނީ އިތުރެވެ. އުޝާ އެ އުފަން ކުރީ އޭނާގެ ދަރިއެކެވެ..އެ ވޭން އުފުލީ ވެސް އެދަރިފުޅުގެ ޙައްޤުގައެވެ. އެހުރިހާ ކަމެއްވެސް މިހާރު ޒައިންއަށް އިހްސާސް ކުރެވެއެވެ.

" ބައްޕަމެން އެބަ އަންނަން ކެންޓީނުން އެއްޗެއް ގަނެލައިގެން. މަންމަވެސް ވަރަށް އިރުވެއްޖެ އެއްޗެއް ނުކާތާ... ޒައިން.. ދަރިފުޅު ގެއަށް ދާން ވެއްޖެތަ؟"

ފަހުމީ ތެދުވަމުން ބުނެލިއެވެ. އެއާއެކު ޒައިން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. އޭނާ މިހާރުވެސް އެހުރީ އެފަދަ ފުރުޞަތެއް ނުލިބިގެންނެވެ.

މަންމައާއި ބައްޕަ ދިޔުމާއެކު ޒައިން އަވަސް އަވަހަށް ގޮސް އުޝާގެ މަގަތުގައި އިށީނެވެ. އަދި ވަރުބަލިވެފައިވާ އުޝާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަންފެށިއެވެ.

" ތޭންކްސް އުޝާ.. އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އަހަރެންގެ އަލަތު ފިރެހެން ދަރިފުޅު...."

" އެއީ ހަމައެކަނި މަގޭ ދަރިއެއް..."

އުފާވެރިކަމުން ފުރިގެންވާ ޒައިންގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ އުޝާގެ ޖުމްލައިންނެވެ. އުޝާ ވަގުތުން މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

" މުޅި ދުނިޔެއަށް ފޮރުވިގެން ހުރެ، ޒައިންއަށް ދެވޭނީ ކޮން ލޯތްބެއް؟ ތީ މިހާރު އަހަރެމެންނާ ބެހޭ މީހެއް ނޫނޭ.. ޒައިން ކީއްވެތަ އަބަދު އަބަދު އަހަރެންގެ އެކަނިވެރިކަން ތި ހަނދާން ކޮށްދެނީ.."

މިފަހަރު އުޝާއަށް ރޮވުނީ ނުހަނު ބާރަށެވެ. ކަންބޮޑުވެ ހާސްވަމުން ދިޔަ ޒައިންއަށް އުޝާގެ ބޮލުގައި ފިރުމާލެވުނެވެ. އެއާއެކު އުޝާ އެއް އަތުން މޫނު ފުހެލާފައި ބޭބީއަށް ބަލާލި އެވެ.

" ހެޔޮނުވާނެ ޒައިން. އަހަރެމެންނާ ދުރަށް ދޭ.. ތިއީ މިހާރު އެހެން ބައެއްގެ މީހެއް.. އަހަރެން މީގެ ކުރިންވެސް އުޅުނީ އެކަނި. ދެންވެސް އުޅެވޭނެ! އަހަންނަށް ރަނގަޅީ ޒައިން މިތަނަށް ދެން ނައިއްޔާ.."

ޒައިން މަޑުމަޑުން ތެދުވީ އުޝާ ދައްކަމުން ދިޔަ ވާހަކަ ތަކުން އިތުރަށް މަޑުކުރަން ބޭނުން ނުވެގެންނެވެ. އަރާމުކޮށް ނިދާފައި އޮތް ދަރިފުޅަށް ބަލާލުމަށްފަހު އޭނާ ދޮރާއި ދިމާއަށް ހިނގައިގަތީ އުޝާއަށް ބަލަމުންނެވެ. ނަމަވެސް އުޝާ އޮތީ ޒައިންއަށް ބަލާލަންވެސް ބޭނުން ނުވެފައެވެ.

***

ގެއަށް އައި މަގުމަތީގައި ޒައިން މާނިޙްއަށް ގުޅީ، އެތައް ފަހަރެއްގެ މަތިން އޭނާ ގުޅާފައި އޮތުމުންނެވެ.

" ޒައިން ނުވެސް ބުނަމެއްނު އުޝާ ވިހޭ ވާހަކައެއް. މަ ތިގެއަށް ދިޔައީމަ ނަދާ ބުނީމަ އެނގުނީ. އޭ އަހަރެން ބޭނުން ވިޒިޓް ކޮއްލާން. ޕްލީޒް."

މާނިޙް އެހެން ބުނުމުން ޒައިންގެ ހިތް ނުތަނަވަސްވިއެވެ.މާނިޙް އުޝާއަށް ފެންނަންވެސް މިހާރު ޒައިން ބޭނުމެއްނޫނެވެ. މާނިޙް ގެ ހުށަހެޅުން އުޝާ ޤަބޫލު ކުރިކަން އަދިވެސް ޒައިން މާނިޙްއަކަށް ނާންގައެވެ.

" މިރޭ ދޫކޮށްލާނެކަން ނޭނގެ.."

އަވަސް އަވަހަށް ޒައިން ބުންޏެވެ.

" އޯހް.. އެހެންވިއްޔާ ގެއަށް ދޫކޮށްލީމަ ދާނަން.." މާނިޙް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އެކަމުގައި ޒައިންވަނީ ވަރަށް ބޮޑަށް މާޔޫސްވެ ގޮތްވެސް ހުސްވެފައެވެ. މާނިޙް މިފަހަރު އުޝާ ޙާޞިލް ކުރިޔަސް ޒައިންއަށް ކުރެވޭނެ އެއްވެސްކަމެއް ނެތްކަން އޭނާއަށް އެނގެއެވެ.

ގެއަށް ވަނުމާއެކު، ކާމޭޒު ކައިރީ އިން ފިރެހެނަކު ޒައިންގެ ލޮލުގައި އަޅައިގަތެވެ. ނުދަންނަ ފާޑަކަށް އޭނާއަށް ބަލާލުމާއެކު އޭނާ ހިނިތުންވެލިއެވެ. އަދި ޖެހިލުންވެ ހުރެ ޒައިންއަށް ބަލަހައްޓައިގެން ހުއްޓެވެ.

" މި ރަހައަކަށް ބަދަލެއް ނާންނާނެ" އަޑު އައީ ބަދިގެއިންނެވެ. އޭރު ދެތަށި ކޮފީ ހިފައިގެން ނަދާއަށް ސިޓިންރޫމަށް ނިކުމެވިއްޖެއެވެ. ޒައިން ފެނުމާއެކު ނަދާއަށްވެސް ޖެހިލުންވެ ހުރެ ބަލާ ލެވުނީ އެ ޒުވާނާއާ ދިމާލަށެވެ.

" ޒައިން... ؟ "

ކުއްލިއަކަށް ޒައިން ފެނުމުން ނަދާ ހުރީ ހާސްވާގޮތް ވެފައެވެ.

" މީ އަހަންނާއެކު އެކޮޅުގައި ކިޔެވި ފްރެންޑެއް..ނައްޓު! މީ ޒައިން."

ނަދާ ޖެހިލުންވެ ހުރެ ޒައިންއަށް އޭނާ ތަޢާރަފް ކޮށްދިނެވެ. ޒައިން ހިނިތުންވެލަމުން ނައްޓުއަށް ގޮވާލިއެވެ.

" ވަރަށް އަވަހަށް ވޯރކްޝޮޕަށް ދާން ޖެހިގެން ފެންވަރަން މި ދަނީ.."

ނަދާއަށް ބަލާލަމުން ޒައިން ބުނެލިއެވެ. އެއަށްފަހު އޭނާ ސިޑިން އަރައިގެން ގޮއްސިއެވެ.

ޒައިން ގޮސް އެނދު ހުރަހަށް ޖައްސާލީ ހިތުގައިވާ އުދާސްތައް ފިލުވާށެވެ. އެހެން އޮއްވާ އޭނާއަށް ލޯމެރެން ފެށިއެވެ.

" ބައްޕީ.. ބައްޕީ..."

ނިދި ޖެހެމުން ދާވަރަކަށް އެއަޑު ދަނީ ހައްތަހާ ގަދަވަމުންނެވެ. ދެން އޭނާއަށް ފެންނަނީ އުޝާ އެދަރިފުޅު ގޮވައިގެން ރޯން އިންނަ މަންޒަރެވެ.

" ޒައިން...."

ސިހިފައި ޒައިންއަށް ދެލޯ ހުޅުވާލެވުނެވެ. ކުރިމަތިން ފެނުނު ނަދާގެ މޫނުން ޒައިންއަށް އަނެއްކާވެސް ލޯމަރާލެވުނެވެ.

" ރުޅިއައިސްތަ؟"

ނަދާ އެހެން އެހުމުން ޒައިން ޗޮކެއް ކަނޑާލިއެވެ

" ކޮންކަމަކާ މަ ރުޅި އަންނަންވީ ؟ ތިއެއްނު ކަމެއް ވާއިރަށް ޝައްކުކޮށް ޒުވާބުކޮށް ދެބަސްވާ މީހަކީ.. އެވެސް މަ ކުރި ކަމެއްނަމަ މަ ރޮލުން ކެއިސް.."

ޒައިން ވާހަކަ ދެއްކި ރާގު ހުރިގޮތުން ނަދާވެސް އައީ ރުޅިއެވެ. ބާރުބާރަށް އެނދުމަތީގައި އިށީންނަމުން ނަދާ ޒައިންއަށް ބަލާލީ ރުޅިވެރި ލޮލަކުންނެވެ.

" ތިހެން ކިޔާއިރު ހީވަނީ މަ ނައްޓުއާ އެކީ އެ މޭޒުމަތީގައި ގަނޑެއްގަންނަން އޮތީހެން.."

ނަދާ އެވާހަކަ އާކުރަން އުޅޭތީ، ޒައިން ތެދުވީ ހިތްހަމަ ނުޖެހުމާއެކުގައެވެ.

" މަށަށް ވަރިހަމަ ނައްޓު ގޮވައިގެން ކޮންމެތާކު އޮތަސ،ް..މީދެން ދެރަވެއްޖެ ކަމެއްނު.. ޒުވާބު ނުކުރަން ހުއްޓަސް ކުޑަދުލުގަ ހިފާ ދަމައިގެންވެސް ބަލާނެ މަ އަނގަ ހުޅުވާތޯ.. މަށަށް މި އިނދެވުނީވާ އަންހެނަކާ.."

އުދާސްވެފައިވާ ސިކުނޑި އިތުރަށް ހޫނުވީ ކަމުގެ އިހްސާސް ކުރެވުމުން ޒައިން ބޭނުންވީ އެކަނިވެލާށެވެ.

" އަހަރެން މިޙާލުގައި އިންނައިރު ގައިވެސް ޒައިން ބޭނުންވަނީ އެއްޗެހި ކިޔާ ރޮއްވަން.. ހިތްދަތިކޮށް ދެރަކުރަން. ޒައިން އެއްގޮތަކަށްވެސް އަހަންނާ ދޭތެރޭ ނުވިސްނާ"

ޒައިން ކޮޓަރިން ނިކުންނަން ދާން ފެށުމުން ނަދާ ރޮއިގަނެފައި ބުނެލިއެވެ. ޒައިން ވަގުތުން ހުއްޓި ފަސްއެނބުރި ނަދާއަށް ބަލާލިއެވެ.

" ތިމާ އިން ޙާލަތު ތިމާއަށް ނުވިސްނޭއިރު ، އިތުރު މީހަކަށް ކިހިނެއް ވިސްނޭނީ.. ޙާލަތު ދަނެގެން ރަނގަޅަށް އުޅެވޭތޯ ބަލާ ދެންވެސް.."

ޒައިން އެހެން ބުނުމާއެކު ނަދާ ފުންމައިގެން ތެދުވިއެވެ.

" ޒައިން އަހަރެން ދެކެ އެއްވެސް ލޯތްބެއް ނުވޭ ."

" ނަދާ ދެކެ ލޯބިވާނެ ފުރުޞަތެއް އަހަންނަށް ދިނިންތަ؟ އަބަދުވެސް ތި ބަލަނީ މަ ރުޅިއެރުވޭތޯ.. އެއް އިރެއްގަ ފުރައިގެން ލަންކާއަށްވެސް ދިޔަ ތިމަންނަ އިސްލާހްވާށޯ ކިޔާފަ.. އަހަންނަކަށް އެ އިސްލާހެއް ނުފެނުނު.."

މަލާމާތުގެ ރާގަކަށް ޒައިން އެހެން ބުނުމުން ނަދާ ލޯއަޅާލިއެވެ. ޒައިން ނިކުމެގެން ދިޔައިރުވެސް ނަދާ ހަމަ އެތާ ހުއްޓެވެ.

***

މަސައްކަތް ނިންމާލުމަށްފަހު ވަރުބަލި ކަމާއެކު ޒައިން ގެއަށް އައެވެ. އޭރު މަންމަ ސިޑިން ފައިބައިގެން އަންނަ ތަން ފެނުނެވެ.

" އުޝާ ގެއަށް ގެނައީތަ؟"

އުފާވެރި ރާގެއްގައި ޒައިން އެހެން ބުނުމާއެކު އަމީރާ ބޯޖަހާލިއެވެ

" ހޫމް.. ހެނދުނު އައީ.. ދަރިފުޅު އެހާ ފަތިހާ ގޮސް އަދި ކިރިޔާ ތި އާދެވުނީ؟ ނަމާދު ކުރިންތަ؟"

" އާނ މަންމާ މިސްކިތަށް އެރީމޭ.."

ލަސްނުކޮށް ޒައިން މައްޗަށް އެރީ ދަރިފުޅު ދެކިލާ ހިތުންނެވެ. އޭރުވެސް ހޮސްޕިޓަލްގައި އިއްޔެ އުޝާ ދެއްކި ވާހަކަތައް ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ޓަކި ޖަހާލުމަށްފަހު ޒައިން ދޮރު ހުޅުވާލިއެވެ. އޭރު އުޝާއިނީ ދަރިފުޅު ގޮވައިގެންނެވެ. ލޯތްބާއެކު ވާހަކަ ދައްކަނީއެވެ. އެމަންޒަރު ފެނި އެމީހުންނާ ބައިވެރިވެލަން ޒައިން ބޭނުންވިއެވެ.

" ފެންވަރާލައިގެން ބޭބީ އުރާލަން އަންނަން ވެގެން.."

ޒައިން ވާހަކަ ދެއްކި ދޮރުމަތީގައި ހުރެގެންނެވެ.

" ބޭބީ އެއުޅެނީ ނިދާލަން..." އުޝާ ޒައިންގެ މޫނަކަށް ނުބަލައެވެ. އޭނާ ވާހަކަ ދެއްކީ ދަރިފުޅުގެ މޫނަށް ބަލަމުންނެވެ. އެހެންކަމުން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ޒައިން ދޮރު ލައްޕާލީއެވެ.

ޒައިން ދިޔުމާއެކު އުޝާ ދަރިފުޅު ނަގާ ކޮނޑުމަތީގައި ބާއްވާލިއެވެ. ޒައިން އާމެދު އެފަދައިން ކަންތައްކުރާން އުޝާ ނިހާޔަތަށް ދެރަވެއެވެ. ނަމަވެސް އޭނާގެ ސަބަބުން ޒައިންގެ ދިރިއުޅުން ހަލާކުވާކަށް އުޝާ ބޭނުމެއްނޫނެވެ.

**

ރަތްކުލައިގެ ނުފޮޅޭ ފިނިފެންމަލާއި ޗޮކްލެޓެއް ހިފައިގެން މާނިޙް ޒައިންގެ ގެއަށް އައިސް ގުޅީ ޒައިންއަށެވެ.

" އޭ.. ނިކުމެބަލަ.. މަ މިހުރީ ދޮރުމަތީ.."

މާނިޙް އެގަޑީގައި އައުމުން ޒައިން އަވަސް އަވަހަށް ދޮރު ހުޅުވި އެވެ.

" މީހަކު ގޭގައި އުޅޭތަ؟ މަ މި ހިފައިގެން ވަންނަން ނުކެރިގެން.."

މަޑުމަޑުން މާނިޙް ބުނެލިއެވެ. ޒައިން ހައިރާންވީ މާނިޙގެ އަތުގައި އޮތް މަލާއި ޗޮކްލެޓް ފެނުމުންނެވެ.

" ކަލޭ އާޝޯހް ވާނެ ކަމެއްނެތް. ކަލެއަކަށް އެކަމެއް ނުކޮށްދެވުނެއްނު.. މިރޭ މާ މިއައީ އިންނާން އަހަން.."

ހިނިގަނޑެއް ޖަހާލަމުން މާނިޙް އެހެން ބުނުމުން ޒައިން އިތުރަށް ހާސްވިއެވެ.

( ނުނިމޭ)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (24)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (24)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)