ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ރެއާލުން ބޮޑުކޮށްފިއެވެ.

ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ޗެލްސީގެ ފަރާތުން ފެނުނީ ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ ތަނެވެ. ނަތީޖާއެއްގެ ގޮތުން ރެއާލުން ޓީމް ކުރިއަށް ޖައްސައިގެން ކުޅެމުން ދަނިކޮށް ޗެލްސީން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމްގެ ފެލިކްސް އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުޞަތެއް ލިބިފައެވެ. ފެލިކްސް ރެއާލްގެ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ހަމަލާ ހުއްޓުވީ ރެއާލްގެ ކީޕަރެވެ.

Ad
rt

މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެންޒެމާއެވެ. ރެއާލްގެ ޑިފެންޑަރ ކަރަވަހާލް މަތިން ޗެލްސީގެ އޭރިއާތެރެއަށް ކުޅުނު ބޯޅަ ވިނީސިއަސް އެއްފަރަރުން ގޯލަށް އެ ބޯޅަ ފޮނުވާލި ނަމަވެސް ޗެލްސީގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ނަމަވެސް ކެޕާ އަތުގައި ޖެހިފައި ވެއްޓުނު ބޯޅަ ބެންޒެމާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި ރެއާލަށް ލީޑު ނަގައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގެ ބޮޑުބައެއް ޗެލްސީން ކުޅެފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ރެއާލްގެ ފޯވާޑް ރޮޑްރިގޯއަށް ހުހަށް ލިބުނު ފުރުސަތުގައި ޗެލްސީގެ ޗިލްވެލް ކުރި ފައުލާއި ގުޅިގެން މެޗުގެ 59 ވަނަ މިނެޓުގައި އޭނާއަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކާފައެވެ.

މެޗުގައި ރެއާލުގެ ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެސެންސިއޯއެވެ. ވިނީސިއަށް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އެސެންސިއޯ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ޗެލްސީގެ ކީޕަރު އަތުގައި ވެސް ޖެހިފައެވެ. އެސެންސިއޯ ކުޅެން ނުކުމައފައި ވަނީ 71 ވަނަ މިނެޓުގައި ރޮޑްރިގޯގެ ބަދަލުގައެވެ.

މި ދެ ޓީމް ވާދަކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައެވެ. ޗެލްސީ ދަނޑުގައި ތިން ލަނޑުގެ ތަފާތުން ރެއާލް ބަލިކޮށްގެން ނޫނީ މުބާރާތުގެ ސެމީ ފައިނަލުން ޗެލްސީއަށް ޖާގައެއް ނުހޯދޭނެއެވެ.