ސްޕެނިޝް ކަޕް ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ތަފާތު ބޮޑުކޮށް ބާސެލޯނާ ބަލިކޮށް، މުބާރާތުގެ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފިއެވެ.

ސްޕެނިޝް ކަޕް ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ރެއާލްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބާސާއެވެ. ނަމަވެސް ރޭ ބާސާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގައި ރެއާލުން ވަނީ ބާސާގެ ކޮޅަށް ހަތަރު ލަނޑުޖަހައި އެގްރިގޭޓް ނަތީޖާ 4-1 އިން ކުރި ހޯދައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

Ad
rt

މި މެޗުގައި ރެއާލްގެ ކެޕްޓަން ކަރީމް ވެންޒެމާ ވަނީ ބާސާ ކޮޅަށް ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. ރެއާލް ސްޕެނިޝް ލީގުގައި މީގެ ދެ ދުވަހެއް ކުރިން ރެއާލް ވަލަޑޮލިޑާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބެންޒެމާ ވަނީ ހެޓްރިކެއް ހަދާފައެވެ. ޖެހިޖެހިގެން ދެ މެޗުގައި ބެންޒެމާ ހެޓްރިކް ހެދިއިރު އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގައި ރެއާލުން ޗެލްސީއާއި ދެކޮޅަށް ނުކުންނައިރު، ބެންޒެމާ ރަނގަޅު ފޯމެއްގައި ހުރުމަކީ އެ ޓީމަށް ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ.

ބާސާ ދަނޑުގައި ބާސާއާއި ދެކޮޅަށް މީގެ ކުރިން ރެއާލުގެ ކުޅުންތެރިއަކަށް ހެޓްރިކް ހެދިފައި ވަނީ މީގެ 60 އަހަރު ކުރިންނެވެ. އެއީ 1963 އަހަރު ޕުސްކަސް ހެދި ހެޓްރިކެވެ.

ރޭ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ބާސާއިންނެވެ. ނަމަވެސް ރެއާލުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. ދަނޑުގެ މެދަކާއި ހިސާބުން ވިނީސިއަސްއަށް ލިބުނު ބޯޅަ ހިފައިގެން ގޮސް ބާސާގެ އޭރިއާތެރެއަށް ވަދެ ހުހަށް ހުރި ބެންޒެމާއަށް ޖައްސާލި ވަގުތު ގޯލަށް ބޯޅަ ފޮނުވާލުމުގެ ބަދަލު ބެންޒެމާ ވަނީ އެ ބޯޅަ ބާސާގެ އޭރިއާތެރޭ ހުހަށް ހުރި ވިނީސިއަސްއަށް ތިރިން ކުޅެލާފައެވެ. ވިނީސިއަށް ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ކަނަށް ފޮނުވާލިއިރު އެ ބޯޅަ ގޯލަށް ވަދެފައި ވަނީ ބާސާގެ ޑިފެންޑަރ ކޫންޑޭގެ ފައިގާ ވެސް ޖެހިފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ގޭމް ކޮންޓްރޯލް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ބެންޒެމާ ވަނީ ރެއާލަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ މޮޑޮރިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

ރެއާލުގެ ތިންވަނަ ލަނޑު 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދީފައި ވަނީ ވެސް ބެންޒެމާއެވެ. މި ޕެނަލްޓީ ރެއާލަށް ލިބިފައި ވަނީ ބާސާގެ އޭރިއާތެރެއިން ރެއާލްގެ ވިނީސިއަސްއަށް ބާސާގެ ކެސިއޭ ކުރި ފައުލަކާއި ގުޅިގެންނެވެ.

މެޗުގައި ރެއާލުން ކާމިޔާބު ކުރި ހަތަރު ވަނަ ލަނޑަކީ ވެސް ބާސާގެ ޓީމް ކުރިއަށް ޖެހިފައި އޮތް ވަގުތު ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު 81 ވަނަ މިނެޓުގައި ވިނީސިއަސް ތަނަވަސް ކޮށްދިން ފުރުޞަތުގައި ޖަހާފައި ވަނީ ބެންޒެމާއެވެ.

ކޮޕަ ޑެލް ރޭ ފައިނަލުގައި އަންނަ މޭމަހުގެ ހަ ވަނަ ދުވަހު ރެއާލް ނުކުންނާނީ އޮސަސޫނާއާއި ދެކޮޅަށެވެ. މުބާރާޓުގެ ފައިނަލުން އޮސަސޫނާ ޖާގަ ހޯދާފައި ވަނީ ސެމީ ފައިނަލުގައި އެތުލެޓިކް ބިލްބާއޯ ބަލިކޮށްގެންނެވެ.