މިސަރުކާން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުރަތަމަ ދުވަހުން ފެށިގެން އަޅަމުންދާ ފިޔަވަޅުތަކަށް ހެޔޮ ބަދަލުތަކެއް ފެންނަކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތް ހެދުމަށް ގޮވާލައި ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

Ad
d

ޝިފާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވީ ބޮޑު މައްސަލައަކަށްވާއިރު، ނިމިދިޔަ ސަރުކާރުތަކުން މިމައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ. އަދި މީގެ ކުރިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރެވޭ މިންވަރަށް އެކަނި ބަލައިލުމުން މިކަން ސާފުވާނެކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް ޒަމާންވީ މަސްތުވާތަކެތީގެ ބޮޑު މައްސަލަ ހައްލު ކުރުމަށް ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު މަސައްކަތެއް ކުރީ މިސަރުކާރުންކަން، ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހިފަހައްޓައި، ނައްތާލި ރެކޯޑު ތަކުން ހާމަވާނެކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވަނީ ސަރުކާރުން މިކަމުގައި ފަރުވާދެވޭނެ ވަސީލަތްތަކާއި، ފަރުވާއަށް ބޭނުންވާ މީހުންނަށް އެކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ބާޒާރަށް ނިކުންނަން ހުރި މަސްތުވާތަކެތި ވެސް ރެކޯޑު އަދަދަކަށް އަތުލެވޭ ސަރުކާރަކަށް މިހާރުގެ ސަރުކާރު ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ ފަރުވާ، މިދިޔަ އަހަރު 1000 އަށްވުރެ ގިނަ މީހުން ވަނީ ފުވާ ހޯދާފައެވެ. އޭގެ ތެރެއިން 242 ފަރުވާ ފުރިހަމަކުރުމަށްފަހު ވަނީ މުޖުތަމަޢުއަށް ނެރެފައެވެ.

Ad
df

މަސްތުވާތަކެތިން ސަލާމަތްވާން ބޭނުންވާ އަންހެނުންނަށް ފަރުވާދިނުމަށް ޚާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި ވަނީ ހުޅުވާފައެވެ. އަދި އައްޑޫ ސިޓީ ހުޅުދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް އަޅައި އެތަނުގައިވެސް ދަނީ ފަރުވާ ދެމުންނެވެ.