ދާދި ފަހުން ބަޔާން މިޔުނިކްގެ ކޯޗްކަމާއި ހަވާލުވި ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
މިރޭ ބަޔާނުން ވަނީ އަމިއްލަ ދަނޑުގައި ވާދަވެރި ބްރޫޝިއާ ޑޯޓްމަންޑް 4-2 ގެ ނަތީޖާއިން ބަލިކޮށްފައެވެ.
މި މެޗަށް ބަޔާންއާއި ޑޯޓްމަންޑް ނުކުތްއިރު އެއް ޕޮއިންޓްގެ ލީޑަކާއިއެކު ޑޯޓްމަންޑް އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. ފަހަކަށް އައިސް ލީގުގައި ބަޔާންގެ ފޯމް ދައްވެ ޑޯޓްމަންޑްގެ ފަހަތަށް އެ ޓީމް ވެއްޓުމާއި ގުޅިގެން، އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ނާގަލްސްމަން ވަކިކޮށް ބަޔާންގެ އައު ކޯޗަކަށް ޓުޗެލް ވަނީ ހަމަޖައްސާފައެވެ. ރޭގެ މެޗަކީ ކުރިން ޑޯޓްމަންޑަށް ވެސް ކޯޗް ކޮށްދިން ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން ކުޅުނު ފުރަތަމަ މެޗެވެ.
ރޭ ޑޯޓްމަންޑް މައްޗަށް ހޯދި ފުރިހަމަ މޮޅާއިއެކު ބަޔާން ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ޑޯޓްމަންޑްގެ މައްޗަށް ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ބަޔާންއަށް ކުޅުނު 26 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ޑޯޓްމަންޑަށް 26 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ ހާފުގެ ތިރީހަކަށް މިނެޓް ކުޅެވުން އިރުވެސް ޑޯޓްމަންޑްގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ގިނަ ގޯސްތަކެއް އެ ޓީމްގެ ފަރާތުން ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ތިރީސް މިނެޓްގެ ތެރޭ ބަޔާނުން ވަނީ ތިން ލަނޑު ޖަހައި ބޮޑު ލީޑެއް ނަގާފައެވެ.
މެޗުގެ ފުރަތަމަ ލަނޑު ބަޔާނުން ޖަހާފައި ވަނީ 13 ވަނަ މިނެޓުގައެވެ. ބަޔާންގެ ޑިފެންޑަރ އުޕަމެކާނޯ މެދުތެރެއިން ޑޯޓްމަންޑްގެ ގޯލާއިދިމާއަށް ވާގޮތަށް އެ ޓީމްގެ ސާނޭއަށް ޖައްސާލިބޯޅަ ދިފާއުކުރަން ޑޯޓްމަންޑްގެ ކީޕަރަށް ލިބުނު ނަމަވެސް އޭނާ ހޫރާލި ފައިގައި އެންމެ ރަނގަޅަށް ބޯޅަ ނުޖެހި އެ ބޯޅަ ގޮސް ވަނީ ގޯލަށެވެ.
އޭގެ ފަސް މިނެޓް ފަހުން ލިބުނު ކޯނަރަކުން ބަޔާންގެ ޑިފެންޑަރ ޑި ލިޓް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިކައިރިން ބޭރުވާން ދަނިކޮށް އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލީ ތޯމަސް މުލާއެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޑޯޓްމަންޑްގެ އޭރިއާ ބޭރުން ސާނޭ ފޮނުވާލި ބާރު ހަމަލާ ޑޯޓްމަންޑްގެ ކީޕަރު އަތުގައު ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބަޔާން އަށް ތިންވަނަ ލަނޑު ޖަހައިދީފައި ވަނީ ވެސް މުލާއެވެ.
މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 50 ވަނަ މިނެޓުގައި ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކިންގްސްލީ ކޯމަންއެވެ.
ދެވަނަ ހާފުގެ ބޮޑުބައި ޑޮމިނޭޓް ކޮށްފައި ވަނީ ޑޯޓްމަންޑުންނެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން އެމްރެ ކޭން ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މާލެން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!