ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމަށް، އިބްރާހީމް ވަޙީދު (އިބްރޭ) މިއަދު ޢައްޔަންކުރައްވައިފިއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ)ގެ މަގާމުގައި ހުންނެވި އިބްރޭ ރައީސް އޮފީހުގެ މިނިސްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

Ad
rt

އިބްރޭ އަކީ، 2009 އިން 2012އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަޕް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އިބްރޭ ވަނީ ފުރުއްވާފައެވެ.

މި ސަރުކާރުގައި އިބްރޭ ފުރަތަމަ ފުރުއްވީ ފެނަކަކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމެވެ.

އިބްރޭ ވަނީ 2007 އިން 2018އަށް މޯލްޑިވުސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓެރީގެ މަޤާމުވެސް ފުރުއްވާފައިވެއެވެ.

އިބުރޭ އަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވާފައި މި ވަނީ އެ އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޝިފާޒް (ސިއްޕެ) މިއަދު މަގާމުން ވަކިކުރެއްވުމަށް ފަހުގައެވެ.