ދިވެހި ރައްޔިތުންގެ ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ ސިޔާސީ ހަރަކާތް، ''ފިކުރެއްގެ ދިރުން'' އަކީ އަމާޒެއް ނެތި ދަތުރުކުރާ ބޮއްކުރައެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މި މޭރުމުން ވިދާޅުވީ، ރައީސް ޞާލިޙް ދެވަަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތްޕުޅަށް އެމަނިކުފާނުގެ ވެރިކަންކުރައްވާ މިހާރުގެ އިއްތިހާދުގައި ހިމެނޭ ބައެއް ޕާޓީތައް އާނބަސް ނުބުނުމުން އެކަމާއި ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި އެއްޗަކަށް ރައްދު ދެއްވަމުންނެވެ.
''ކަނޑުމެދަށް ފަޅުވެރިން އެރުވީ މަންޒިލަށް ފޯރާނެ ވަރަށް ޕާޓްނަރުން ތެޔޮ ދޭނޭކަމުގެ ޔަޤީންކަންދިނުމަށްފަހު؛ ދެންވީ ގޮތަކީ ތެޔޮ ދޭނެ ޕާޓްނަރަކު ނުވި. ފަޅުވެރިންނަށް މިކަހަލަ ލަގާދޭން ހެޔޮވާނެތަ؟'' އިންތި ވިދާޅުވެފަވެއެވެ.
އިންތި މިހެން ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، އިންތި އުޅުއްވަނީ ވަރަށް ހިތައް ތަދުވެގެން ކަމަށެވެ. އަދި އިންތި ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުއްވިޔަސް ފިކުރެއްގެ ދިރުމަކީ ''އަމާޒު ލާހޫރޭ، މިސްރާބެއްނެތި ކުރިއަށްދާ ބޮއްކުރައެއް'' ކަމަށެވެ.
''މިހާރު ފަލި ޖަހަނީ ޖޭޕީ އޮޑީގައި މަހަށް ގެންދޭތޯ'' ޝަރީފް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ''ފިކުރެއްގެ އޮޑީގައި މިސްރާބެއް ނެތް'' ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވުމުން އެއަށް ބާރު ދެއްވައި ޝަރީފް ވަނީ އެއީ އޮޑިއެއް ނޫންކަމަށާއި އެއީ ބޮއްކުރައެއް ކަމަށް ވިދާޅުވެފައެވެ. އަދި މިސްރާބު ނެތީކީވެސް ނޫންކަމަށާއި، އެ ބޮއްކުރާގެ ކައްޕި އުޅެނީ ''ޤާސިމް އިބްރާޙީމް މަސްބަޔެއް'' ދެއްވާތޯ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
FIkureggeDhirun eyakee dhen odiyeh ves noon. E ee bokkuraleh.Misraabeh ekani netheekee ves noon. @qasimibrahim mas bayeh dhevvaathoa e bokkuraluge kappi aadheys koh salaam jahanee.@afarismaumoon vaa running mate kamah dhauvaa eba kuravvaa. Fikuru kappiah evaruves nuvey, https://t.co/lCSotdfNUe
— Ibrahim Shareef (@AdduShareef) March 25, 2023
ޝަރީފް، އިންތިއަށް ރައްދު ދެއްވިއިރު އިންތިއަކީ ރައީސް ނަޝީދަށް ތާއީދުކުރައްވާ، ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ހަރަކާތުގެ މެންބަރެކެވެ. ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ނުކުރައްވާނެ ކަމަށްވިދާޅުވެފައެވެ. އަދި ނަޝީދު ވަނީ ޖުމްހޫރީ ޕާޓީއާއެކު ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރެއްވުމުގެ ޝައުގު ފާޅުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!