ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ "އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023" ފަށައިފިއެވެ.

މި މުބާރާތުގެ ކުޅުން މިއަދު ހަވީރު ހަނިމާދޫ އިޖްތިމާއީ މަރުކަޒު މަލްޓިޕާޕަސް ކޯޓުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް އުންމީދާއި ރޫޙް އެވެ . މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ އުންމީދު ޓީމުންނެވެ.

Ad
rt

އެ ޓީމުން މެޗުގެ ސެޓްތައް ކާމިޔާބު ކޮށްފައި ވަނީ 25/11، 25/16، 25/19 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އުންމީދު ޓީމްގެ ޖޯޒީ ނަމްބަރު 20، އައިޝަތު އާދަމް އެވެ.

މި މުބާރާތުގެ ދެވަނަ މެޗު މިރޭ ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބެއާފޫޓާއި ރޭރް ސްކޮޑެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ ރޭރް ސޮކްޑުންނެވެ.

އެ ޓީމުން މެޗުގެ ސެޓްތައް ކާމިޔާބު ކޮށްފައި ވަނީ 25/19، 25/16، 25/13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ރޭރް ސްކޮޑުގެ ޖޯޒީ ނަމްބަރު 12، ޝަހުމީލާ އަބްދުލް ހަކީމެވެ.

މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ރޫޙް ޓީމާއި ޓީމް ހިޔަލައެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރޭރް ސްކޮޑާއި ޓީމް އުންމީދެވެ.

މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމްގެ މެދުގައި ކުޅޭ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކަށެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ކަނބަލުންގެ މެދުގައި ވޮލީ ބޯޅައިގެ ހުނަރު އިތުރުކޮށް، ވާދަވެރި މާހައުލެއްގައި ވޮލީ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމާއި، ހަނިމާދޫގެ ކަނބަލުންނަކީ އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ބާއްވާ ވޮލީ މުބާރާތްތަކުގައި ވާދަކުރެވޭ ފެންވަރުގެ ކުޅުންތެރިންނަށް ހެދުމެވެ.

މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، ހަނިމާދޫ ޑަބްލިއުޑީސީ، ޗިލް ޓައިމް، ސެރޫލިއަން ވިއު ރެސިޑެންސް، ބްރޭކް ޓައިމް، ހަނިމާދޫ ކައުންސިލް އަދި ޕެންޓަގްރާމް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.