މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި އެ ޕްރޮގްރާމް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

މި ޕްރޮގްރާމްގެ ދަށުން ދެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ އެއް އަހަރުގެ މުއްދަތަށް ހިންގާ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހާއި، ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފޯ ޑިޕްލޮމާ ކޯހެވެ.

Ad
rt

މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުގެ މަހު ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 2500 (ދެހާސް ފަސްސަތޭކަ) ރުފިޔާއެވެ. އަދި ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފޯ ޑިޕްލޮމާ ކޯހުގެ މަހު ފީއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 250 (ދުއިސައްތަ ފަންސާސް) ރުފިޔާއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ށ އަތޮޅު ކައުންސިލުގެ އެސިސްޓެންޓް ކައުންސިލް އެގްޒެކިއުޓިވް ހަމްދޫން ނަސީމް ވިދާޅުވެފައި ވަނީ އެ އަތޮޅު ކައުންސިލުން ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަޤުޞަދަކީ އެ އަތޮޅުގެ ރަށްރަށުގެ ސަރުކާއު މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ފެންވަރު މަތިކުރެއްވުން ކަމަށެވެ.

ހަމްދޫން އިތުރަށް ވިދާޅުވެފައި ވަނީ މި ޕްރޮގްރާމްގެ ދަށުން ފާއިތުވި އަހަރުތަކުގައި ޑިޕްލޮމާއާއި ޑިގްރީ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދެވިފައިވާ ކަމަށާއި މި އަހަރު ކުރިއަށް ގެންދަން ނިންމާފައި މި ވަނީ މާސްޓާސް ކަމަށެވެ.

ކޯސްތައް ހިންގައިދޭނެ ފަރާތެއް ހޯދުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާގޮތާއި ގުޅޭގޮތުން ހަމްދޫން ވިދާޅުވެފައި ވަނީ އެ ކައުންސިލުން ކަނޑައަޅާ ކޯސްތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން އިޢުލާން ކުރުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެ ކޯސްތައް ހިންގުމުގެ ފުރުޞަތު ދޫކޮށްލަނީ ކަމަށެވެ.

މިގޮތުން ކޯސްތައް ހިންގުމަށް ކޮލެޖާއިއެކު އެއްބަސްވުން ހަދާއިރު ކޯހުގެ ލެކަޗަރާއިންގެ ބައެއް ޚަރަދުތައް ފަދަ ޚަރަދުތައް ކައުންސިލުން ހަމަޖައްސައިދެމުން ގެންދާކަމަށާއި އެ ގޮތަށް ޚަރަދުތައް ހަމަޖެއްސުމުން ކޯހުގެ ބައިވެރިންގެ އަތުން ނަގާ ފީ އެ ފަރާތުން ކުޑަކޮށްދޭ ކަމަށާއި އެ ގޮތަށް އަމަލުކުރަނީ ކޯހުގެ ބައިވެރިންނަށް ލުޔެއް ހޯދައި ދިނުމަށް ކަމުގައި ހަމްދޫން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމްގެ ދަށުން ހިންގާ ދެ ކޯހުގެ ކްލާސްތައް ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ފުނަދޫގައެވެ.

މި ކޯސްތައް މި މަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، ބައިވެރިވާން ބޭނުންވާ އެ އަތޮޅުގެ ފަރާތްތަކުން 7 މާޗް 2023 ގެ 10:00 ގެ ކުރިން ތިރީގައި ހިމެނިފައިވާ ގޫގުލް ފޯމަ ފުރިހަމަކޮށް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

ގޫގުލް ފޯމް: http://shorturl.at/pyIUY