މީގެ އަހަރެއްހާ ދުވަސް ކުރިން ތިލަދުންމަތީ ކުރިނބީ ކައުންސިލުގެ އިދާރާ ފަޅާލައި ވަގަށް ނެގި ތިޖޫރީ ފެނިއްޖެއެވެ.
މި ތީޖޫރީ ފެނިފައި ވަނީ ކުރިނބީ މާގަންމަގުގެ އަތިރިމަތީ ހޭޅީގެ ދެކުނު ފަރާތުންނެވެ. އެއީ ކުރިނބީ ކައުންސިލް އިދާރާއާއި ސަތޭކަވަރަކަށް މީޓަރު ދުރު ސަރަހައްދެކެވެ.
މި ކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ކުރިނބީ ކައުންސިލުގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވެފައި ވަނީ މީގެ އަހަރެއްހާ ދުވަސްކުރިން އެ ކައުންސިލުން ގެއްލުނު ތިޖޫރީ ފެނިގެން އެ ރަށުގެ އާންމުންގެ މީހަކު އިއްޔެ އެ ކައުންސިލަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ ތިޖޫރީ ފެނިފައި ވަނީ ޕެޓެއްގެ ގޮތުގައި ގެންގުޅުނު އަސްދޫންޏެއް ގެއްލިގެން އެ ދޫނި ހޯދަން މަސައްކަތް ކުރި ބަޔަކަށް ކަމަށެވެ. އަސްދޫނީ ފެނުނީ އެރޭގެ ވަގުތެއްގަ އެވެ.
ފޮޓޯ/ އަލީ ވިސާމް
ތިޖޫރީ ފެނުނުއިރު ތިޖޫރީ ހުޅުވާފައި ނުވާކަމަށާއި ނަމަވެސް ތިޖޫރީ ހުޅުވުމަށް މަސައްކަތް ކޮށްފައިވާކަމުގެ އަލާމާތް އޭގެ ބޭރުން ފެންނަން ހުރި ކަމަށެވެ.
ފޮޓޯ/ އަލީ ވިސާމް
ކުރިނބީ ކައުންސިލުން ފުލުހުންނަށް ރިޕޯޓް ކުރުމާއިއެކު ފުލުހުން އިއްޔެ ވަނީ އެ ރަށަށް އައިސް ތިޖޫރީ ނަގައިގެން ގެނެސް އެ މައްސަލައިގެ ތަހުގީގު ފަށާފައެވެ.
ކުރިނބީ މެޖިސްޓްރޭޓް ކޯޓާއި ކުރިނބީ ކައުންސިލް އިދާރާ ފަޅާލައި ބައެއްތަކެތި ވަގަށް ނަގާފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ ރެޔެވެ.
ފޮޓޯ/ އަލީ ވިސާމް
އެ ވައްކަމުގައި ކުރިނބީ ކައުންސިލް އިދާރާއިން -/1000 (އެއްހާސް ރުފިޔާ) ވަގަށް ނަގާފައިވާކަމަށާއި އެ ރަށުގެ ކޯޓުން 500 (ފަސްސަތޭކަ ރުފިޔާ) ވަގަށް ނަގާފާއިވާ ކަމަށް ފުލުހުން އޭރުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ރަށު ކައުންސިލް އިދާރާއިން ޑިޖިޓަލް ކެމަރާއަކާއި ކޯޓުން ލެޕްޓޮޕެއް ވެސް ވަނީ ވަގަށް ނަގާފައެވެ. އެ އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައި ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!