ކ. އަތޮޅު ތިލަފުށީ ކުޑަގިރި ފަރަށް އެރި "އޭއެމް އެމްއެސްވީ. މަރިޔާ ސިންތަޔަތިރައި ރިޔަނަ" ނަމަކަށް ކިޔާ ބޯޓު 3,098,710.00ރ (ތިން މިލިއަން ނުވަދިހަ އަށްހާސް ހަތްސަތޭކަ ދިހައެއް ދިވެހި ރުފިޔާ) އިން ޖޫރިމަނާ ކޮށްފި އެވެ.
އިންޑިއާއަށް ނިސްބަތްވާ މި ބޯޓު ކުޑަގިރިއަށް އަރާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ.
އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ބޯޓު ފުންކޮށް ނިމުމުން އެ ސަރަޙައްދުގެ ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބެލުމަށް ބޯޓުގެ ވެރިފަރާތުން ސާރވޭކޮށް ސާރވޭ ރިޕޯޓު އެ އެޖެންސީއާ ޙިއްސާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އެ އެޖެންސީގެ ސަރވެޔަރުން އެ ސަރަޙައްދަށް ގޮސްގެންވެސް ސަރވޭއެއް ކޮށްފައިވާކަމަށެވެ.
އެ އުޅަނދު ތިލަފުށި ކުޑަގިރި ފަރަށް (RF0563) އެރުމުގެ ސަބަބުން 130 އަކަމީޓަރުގެ ސަރަޙައްދަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައިކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ބޯޓު ފަރަށް އެރުމާއި ގުޅިގެން ޖޫރިމަނާ ކޮށްފައިވަނީ، އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ޤާނޫނު ނަންބަރު:4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހެދިފައިވާ ޤަވާޢިދު ނަންބަރު: 2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު) ގެ ދަށުންނެވެ.
އެ އުޅަނދުގެ ވެރިފަރާތް ކަމުގައިވާ Smt.T.Jesintha އަށް ވަނީ 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާގެ ފައިސާ އީޕީއޭ އަށް ދެއްކުމަށް އަންގާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!