ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިއުލާން ކުރައްވައިފި އެވެ.

ސަރުކާރުގެ ޔުނިވާސިޓީތަކާއި މަތީތަޢުލީމުގޭ މުއައްސަސާތަކުގެ މުސާރައަށް ގެންނެވި ބަދަލު ރައީސް ޞާލިޙް ޢިއުލާން ކުރެއްވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިއަދު މެންދުރުފަހު، ހިރިލަންދޫ ސްކޫލުގައި ބޭއްވި މި ޖަލްސާގައި ރައީސް ވަނީ، މާރިޗު 1 ވަނަ ދުވަހުންފެށިގެން ގެނައި ބަދަލާ އެކު މިހާރު ޔުނިވާސިޓީ ލެކްޗަރާއިންގެ މުސާރަ %59 ބޮޑުކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި، ރަނގަޅު ޒިންމާދާރު މީހަކު އުފެއްދުމަށްޓަކައި ފުރަތަމަ އެޅޭ ބިންގަލަކީ، އެ ތަމްރީނުދޭ ފަރާތްތަކަކީ، އެކަމަށް އެކަށޭނަ މާޙައުލެއްގައި މަސައްކަތް ކުރެވޭ، ވަގުތު ދެވޭ ފަރާތްތަކަކަށް ހެދުން ކަމަށެވެ. އަދި ސަރުކާރުން ސްކޫލްތަކުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، އަދި މަތީ ތަޢުލީމުދޭ ފަރާތްތަކުގެ މުސާރައަށް މި ހެޔޮ ބަދަލު ގެންނަން މި ނިންމީ އެ ބޭނުމުގައިކަމަށް ވިދާޅުވިއެވެ.

''ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކަތް ކުރައްވާ އެކެޑަމިކް ޕްރޮފެޝަނަލުންނަށް ދެން މުސާރަ ލިބޭނީ، މި ދެންނެވި ހެޔޮ ބަދަލާ އެއްގޮތަށް،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، މި ގެނެވުނު ބަދަލާއެކީގައި، ޤައުމީ ޔުނިވާސިޓީގެ ލެކްޗަރާއަކަށް ކުރިން ލިބުނު މުސާރަ 18880 ރުފިޔާގެ ބަދަލުގައި، މިހާރު ޔުނިވާސިޓީގެ ލެކްޗަރާއަކަށް، އިތުރު ވަގުތާ ނުލައި، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 29900 ރުފިޔާ ލިބޭނެއެވެ. އަދި މިއީ ގާތްގަނޑަކަށް 59 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ފާހަގަކުރެއްއެވެ.

މީގެއިތުރުން، ސީނިއާ ލެކްޗަރާއަކަށް މިހާރު އޯވަރޓައިމާ އެކު ލިބެނީ 20830 ރުފިޔާކަން ފާހަގަކުރައްވައި، މި ގެނެވުނު ބަދަލާއެކުގައި، ސީނިއާ ލެކްޗަރާއަކަށް 34000 ރުފިޔާ އޯވަރޓައިމް ނުލައި ލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެސިސްޓެންޓް ޕްރޮފެސަރެއްގެ މުސާރަ، 23500 ރުފިޔާއިން 39400 ރުފިޔާއަށް ބޮޑުކޮށް، އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000 ރުފިޔާއިން 45000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

''މީގެއިތުރުން، މެނޭޖްމަންޓް ލެވެލްގައި މަސައްކަތްކުރާ ފަރާތްތަކާއި، ޕޮލިޓެކްނިކްގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށްވެސް ހެޔޮ ރަނގަޅު ބަދަލުތަކެއް ގެނެވިފައި އެބަހުރި. އެގޮތުން، ޑީނެއްގެ މުސާރަ، ހެޑް އޮފް ސެންޓަރެއްގެ މުސާރަ 30000 ރުފިޔާއިން 38000 ރުފިޔާއަށް ބަދަލުކުރުމާއި، ރަޖިސްޓްރާރގެ މުސާރަ 32000 ރުފިޔާއިން 42000 ރުފިޔާއަށް ބަދަލުކުރުމާއި، ޑެޕިއުޓީ ވައިސް ޗާންސެލަރގެ މުސާރަ 39000 ރުފިޔާއިން 48000 ރުފިޔާއަށް ބަދަލުކުރުން މީގެތެރޭގައި ހިމެނޭ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލުންގެ ތެރޭގައި ހިމެނޭ އެސޯސިއޭޓް ލެކްޗަރަރުންނަށް މިހާރު ލިބޭ 14700 ރުފިޔާގެ ބަދަލުގައި 26000 ރުފިޔާއަށް މުސާރަ ވަނީ ބޮޑުކޮށްފައެވެ. އަދި ލެކްޗަރާއެއްގެ މުސާރަ 17000 ރުފިޔާއިން 29000 ރުފިޔާއަށާއި، ސީނިއަރ ލެކްޗަރާއެއްގެ މުސާރަ، 17000 ރުފިޔާއިން 34000 ރުފިޔާއަށް ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

''މިއީ އޯވަރޓައިމާ ނުލާ. މި ގެނެވުނު ބަދަލުގައި، ޖުމްލަ 767 މުވައްޒަފަކަށް މި ބަދަލު އަންނާނެ. އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ މިކަމަށް އަޅުގަނޑުމެން އެބަ ޚަރަދުކުރަން. އަޅުގަނޑު ހިތުން މި ގެނެވޭ ބަދަލުގެ ހެޔޮ ނަތީޖާ، ޔުނިވާސިޓީތަކުންނާއި، އަދި ވޮކޭޝަނަލް ޓްރޭނިންގ ދޭ މަރުކަޒުތަކުން ފެނިގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.