ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން އައްބާސްގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން ޤާނޫނުލްއުޤޫބާތު ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި ހަވާލާދީ އޭނާގެ މައްޗަށް ކޮށްފައި ވަނީ، ކަނޑައެޅިގެން އެނގިހުރެ، ފަނާކުރަނިވި ޢަމަލެއް ހިންގާފާނެކަމުގެ ބިރު މީހަކަށް ނުވަތަ ބަޔަކަށް ދެއްކުމުގެ ދައުވާ އާއި މުހިންމު ޢާންމު ތަނެއް ހިންގުމަށް، އެކަށީގެންވާ ހުރަހެއް ނުވަތަ އުނިކަމެއް ގެނައުމުގެ ދަޢުވާއެވެ.

އޭނާގެ މައްޗަށް ދަޢުވާ ކުރަން ހުށަހެޅި ސަބަބެއް ކަމުގައި ބުނެފައި ވަނީ، 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި އޭނާ ވާހަކަ ދައްކަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއާއި، 23 ޑިސެންބަރު 2022 ދުވަހު އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާތީ ކަމަށެވެ.

ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން އައްބާސް ހައްޔަރުކޮށްފައި ވަނީ، 25 ޑިސެމްބަރު 2022 ގައެވެ. އޭގެ ފަހުން އެކިފަހަރު މަތިން އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އަންނަނީ ދަމަހައްޓަމުންނެވެ.

އައްބާސް އާދިލް ރިޒާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.