ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި އެވެ.
އެކަން ފުލުހުން ހާމަކުރެއްވީ އެ އިދާރާ އިން ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދޭ ވަޓްސްއެޕް ގްރޫޕުގަ އެވެ.
"ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އައްބާސް އާދިލް ރިޒާ މިއަދު ވަނީ ހައްޔަރު ކޮށްފައި." ވަޓްސްއެޕް ގްރޫޕުގައި ފުލުހުންގެ ސްޕޯކްސް ޕާރސަން ވިދާޅުވި އެވެ.
އޭނާ ހައްޔަރުކޮށްފައި މިވަނީ، އޭނާގެ ނަމުގައި ހިންގަމުން އަންނަ ޓްވިޓަރ އެކައުންޓަކުން، އިންޑިއާ އެމްބަސީގައި އަލިފާން ރޯކުރަން ހިތްވަރު ލިބޭގޮތަށް ޓްވީޓެއް ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
އެ ޓްވީޓުގެ މައްސަލަ، ސިޔާސީ ޕާޓީތަކާއި ބޭރުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އިންޑިއާ އެމްބަސީގެ ސެކިއުރިޓީ ވެސް މިހާރު ވަނީ ވަރުގަދަކޮށްފަ އެވެ.
އައްބާސް އާދިލް ރިޒާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!