ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގައި ޔޫތު ފުރެންޑްސް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ގޭމް ވީކް ތިނެއްގައި މިއަދު ހަވީރު ޔޫތު ފްރެންޑްސްއާއި ފަލްކަން ބައްދަލުކުރި މެޗު، ޔޫތު ފްރެންޑްސް އިން ވަނީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.
ލީގުގެ ތިންވަނަ ހަފްތާގެ ކުޅުން މިއަދު ނިމުނުއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޔޫތު ފްރެންޑްސް ވަނީ ހަ ޕޮއިންޓް ހޯދާފައެވެ. ރޫހް ދެ މެޗު ކުޅެފައިވާއިރު އެއް މެޗުން މޮޅުވެ، އެއްމެޗުން ބަލިބެ އެ ޓީމަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޝީލްޑް ދެ މެޗު ކުޅެފައިވާއިރު އެ ޓީމް ވަނީ އެއް މެޗުން ބަލިވެ، އެއް މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދާފައެވެ. ލީގުގައި ރިއަލް ސްޓާސްއާއި ޔުނީފޯމް އެއް މެޗު ކުޅެފައިވައިރު އެ ދެ ޓީމުން ވެސް ވަނީ އެ މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓް ހޯދާފައެވެ. ލީގުގައި މިހާތަނަށް ޕޮއިންޓެއް ހޯދިފައި ނުވަނީ އަހުލީއާއި ފަލްކަންއަށެވެ. އެ ދެ ޓީމްވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފައެވެ.
މިއަދުގެ މެޗުގައި ޔޫތު ފްރެންޑްސްގެ އަލީ އާމިރް ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފައި ވަނީ އާމިރުއެވެ. ދެން ޔޫތު ފްރެންޑްސްއަށް ލަނޑުތައް ޖަހައިދީފައި ވަނީ މުހައްމަދު ނާފިޒް ދެ ލަނޑު އަދި އާލިފް އިބްރާހީމް ދެ ލަނޑެވެ.
މި މުބާރާތުގެ ގޭމް ވީކް ހަތަރެއްގެ ކުޅުން އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އޮންނާނެއެވެ. ހުކުރު ދުވަހު ހަވީރު އަހުލީއާއި ފަލްކަން ވާދަކުރާއިރު، ހޮނިހިރު ދުވަހު ހަވީރު ރިއަލް ސްޓާސް ބައްދަލު ކުރާނީ ޔުނީފޯމާއެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރުމަތިން ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.
މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ޝީލްޑް، ރޫހް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާސްގެ އިތުރުން ފަލްކަންއެވެ.
މިއީ ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!