މާލޭ ސިޓީގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނޭދެވޭ ޢަމަލުތައް ހިންގުން ކުރިއަށްވުރެ މަދުވެފައިވަނީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސްގެ ގޮތުގައި ވެސް ހުންނެވި، މާލޭ މޭޔަރު މުޢިއްޒު މިހެން ވިދާޅުވީ، މާލޭގެ މިސްކިތްތަކުގައި ނިދުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ މައްސަލަތަކުގެ ރިޕޯޓު މިހާރު ނުލިބޭނެ ކަމަށާއި އެފަދަ މައްސަލަތައް މަދުކަމަށް އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވުމާއި ގުޅިގެންނެވެ.

Ad
rt

މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީގެ ވާހަކަފުޅާއި ގުޅިގެން މީޑިއާތަކަށް ހިއްސާ ކުރެއްވި މެސެޖެއްގައި މުޢިއްޒު ވިދާޅުވީ މިސްކިތްތަކުގައި ހިނގާ އެފަދަ މައްސަލަތައް މަދުކުރެވިފައިވަނީ މާލެ ސިޓީ ކައުންސިލުން މާލޭގެ ހުރިހާ މިސްކިތެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް 24 ގަޑިއިރު ބަލަހައްޓަމުންދާތީ ކަމަށެވެ.

އެފަދަ މައްސަލައެއްގެ ރިޕޯޓެއް ލިބިއްޖެނަމަ، މާލެ ސިޓީ ކައުންސިލްގެ ޕޮލިސް ކޮންސްޓްބިއުލަރީގެ ފަރާތުން ވަގުތުން ފިޔަވަޅު އަޅާ އެފަދަ މައްސަލަތައް ހައްލުކުރަމުންދާކަމަށް ވެސް މޭޔަރު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.