މީހަކު އަޅުގަޑާ ސުވާލު ކުރިއެވެ. ކުޑަކުދިންނަށް ޖިންސީގޯނާއާއި އަނިޔާކުރުން މިދަނީ އިތުރުވަމުންނެވެ. މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިހެއްޔެވެ.

އަޅުގަޑު ދިން ޖަވާބު ދަންނަވާލާނަމެވެ.
އަޅުގަޑު ގަބޫލުކުރާ ގޮތުގައި އެއީ އަޅުގަޑުމެން އެންމެންގެ ޒިންމާއެކެވެ. ކުދިންނަށް ކުރާ އަނިޔާއާއި ގޯނާ އިތުރުވަނީތޯ ނުވަތަ ހޭލުންތެރިކަން އިތުރުވެ، އަނިޔާއާއި ދެކޮޅަށް ތެދުވުމާއި ވަކާލާތު ކުރުމުގެ ހިތްވަރުލިބި، ރިޕޯޓު ކުރުން އިތުރުވީ މިންވަރުގެ ސަބަބުން ރިޕޯޓުކުރުން އިތުރުވި މިންވަރު ދެނެގަންނަން އެބަޖެހެއެވެ.

Ad
rt

އަޅުގަޑުމެންގެ މުޖުތަމައަކީ ކުދިންނަށް ރައްކާތެރިތަނަކަށް ހަދަންޖެހެއެވެ. އެއީ އެކުދިން ބިރަކާނުލާ ނިކުމެ ހެލިފެލިވެ ކުޅެ އުޅެވޭނެ ރައްކާތެރި ތަންތަނަށް ވާންޖެހެއެވެ. އެކަން ހާސިލުކުރެވޭނެ އިންތިޒާމުތައް މުޖުތަމައުގެ ތެރެއިން އިންތިޒާމުވާން ޖެހެއެވެ.

ކުދިންނަށް، އެކުދިން ރޯލްމޮޑެލްގެ ގޮތުގައި ބަލާނެ ބަޔަކު ބޭނުންވެއެވެ. އަނެކުންނާ މުއާމަލާތު ކުރުމާއި، ތިމާގެ ބަހާއި އަމަލު ބަހައްޓާގޮތާއި، ކަންކަމުގައި އުޅޭގޮތުން ކުދިންނަށް ނަމޫނާއެއްކަމުގައި ބެލޭނެ މީހުންނެވެ. މުޖުތަމައުގެ އިސްމީހުންނަކީ ކުދިންނަށް ރަގަޅު ނަމޫނާ ދައްކާދޭ ބަޔަކަށް ވާން އެބަޖެހެއެވެ. އަދި ކުދިން އުޅޭ ތަންތަނުގައި އެކުދިންނަށް ރައްކާތެރިކަން އޮންނާނެކަން ކަށަވަރު ކުރުމަކީ އެމީހުންގެ ޒިންމާއެއްކަމުގައި ބަލައިގަތުން މުހިންމެވެ.

އަޅުގަޑުމެންގެ ދަރިންނަށް ހުރި އެންމެ ފުރިހަމަ ރޯލްމޮޑެލް އަކީ ކީރިތި ރަސޫލާއެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅާއި ކަމޭހިތުމާއި އޯގާތެރިކަމާއި ކެތްތެރިކަމާއި މިނޫންވެސް ސިފަފުޅުތަކަށް ލޯބިކުރަން ކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ. އެކަންކަން ކުރާންޖެހޭނީ ދޮށީ މީހުންނެވެ. ކުދިން އަނިޔާއަށް ހުށަހެޅެނީ ގެޔާއި މަދަރުސާއާއި މުޖުތަމައުގެ އާންމު ތަންތަނުގައެވެ. އަނިޔާއިން ސަލާމަތްވުމަށްޓަކާ، ނޫނެކޭ ބުނަން އެކުދިންނަށް ދަސްކޮށްދޭން ޖެހެއެވެ. ނޫނެކޭ ބުނަން ދަސްކޮށްދޭން ބެލެނިވެރިނަށް ބުނެދޭންޖެހެއެވެ.

މިއަދުގެ މައިންބަފައިން އަވަދިނެތި އުޅެންޖެހޭ ބައެކެވެ. ކުދިންނާ އެކުގައި ހޭދަކުރަން ލިބޭ ކުޑަވަގުތުކޮޅަކީ އަގުހުރި ވަގުތުކޮޅަކަށް ހަދާނީ ކިހިނެތްކަމާއި، ކުދިންނާއި ރަގަޅު ގާތް ގުޅުމެއް އުފައްދާ ދަމަހައްޓާނީ ކިހިނެތްކަން މައިންބަފައިންނަށް ދަސްކޮށްދޭން ވެސް އެބަޖެހެއެވެ. މުދައްރިސުންނަކީ ކުދިންނަށް ފިލާވަޅު އުގަންނައިދޭ ބަޔަކަށް ވުމުގެ އިތުރުން، އަޅާލުމާއި އޯގާތެރިކަން ދަސްކޮށްދޭ ބަޔަކަށް ވެސް ވާން އެބަޖެހެއެވެ. އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ކުދިންނަށް ހަދާދޭން ލޯބިދީ އިތުބާރު އުފައްދަން އެބަޖެހެއެވެ. ދައުލަތުން ވެސް، ކުޑަކުދިން އުޅޭތަންތަނަކީ އެކުދިންނަށް ރައްކާތެރިތަންތަންކަން ކަށަވަރު ކޮށްދޭން އެބަޖެހެއެވެ.

މަސްތުވާތަކެތި ވިއްކުމާއި ވިޔާނުދާ ކަންތައްތަކުގެ ތެރެއަށް ކުޑަކުދިން ގެންދިޔުން އެކުދިން އެޅޭ ތަންތަނުގައި ނުހިނގާނެކަން ކަށަވަރު ކޮށްދޭން ޖެހެއެވެ. ހަމައެއާއެކު، އުފާވެރިކަމާއި އަޅާލުމާއިއެކު އުޅެން ބޭނުންވާނެ ތަންތަނާއި ވަސީލަތްތަކާއި ހުނަރުތައް ލިއްބައިދެވޭނެ ގޮތްތައް އިންތިޒާމުކޮށްދޭން އެބަޖެހެއެވެ. ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ އަޅުގަޑުމެން އެންމެންގެ ޒިންމާއެވެ.