" އިރާދަކުރެއްވިއްޔާ ކަލެއަށް އުޝާދެކެ އަދި ލޯބިވެވޭނެ! " މާނިޙް ބުންޏެވެ.
" ނުވެވޭނެ! ދުވަހަކުވެސް ނުވެވޭނެ! އެއީ މަގޭ ސްޓައިލެއްނޫން. އެހާ ކަޓު ސްޓައިލެއް ކަމަކު ނުދޭ! މަބުނީމެއްނު ނަދާގެ ވާހަކަ! ދެޓް އިޒް މައި ޓައިޕް! އައި ލައިކް ހަރ! "
ހިނިގަނޑެއް ޖަހާލަމުން ޒައިން ބުންޏެވެ. ޒައިންއާ އެއްބައިވާކަށް މާނިޙް ބޭނުމެއްނުވިއެވެ. އެހެންކަމުން އޭނާ ވާހަކަ ދެއްކީ އެކަމާ މުޅިން ދެކޮޅަށެވެ.
" ބުނަންތަ ޒައިން! އަހަރެން ތިކަމަކަށް ތާޢީދެއް ނުކުރަން ހަމަ އެއްވެސް ވަރަކަށް."
" މާނިޙް އުޝާއަށް ހިތްކީތަ؟ މިގެއަށް އައިދުވަހު ގައިމު ހީވީ އެހެންކަމެއް ވެގެން އުޅުނުހެން.. އޭ ބުނެބަލަ ތެދަށް! "
ޒައިން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އެހިއެވެ.
" އެންމެ ފަހަރަކު ފެނިގެން ހިތެއް ނުދެވޭނެދޯ! އެކަމަކު އޭނަގެ ހުރޭ ލޯބި ގޮތެއް! އަސްލުވެސް ޒައިން ޅަ އެއްޗެއް ނާޅާތި! "
މާނިޙް އަނެއްކާވެސް ބުންޏެވެ. ނަމަވެސް މާނިޙްގެ ވާހަކަތަކަށް ކޮންމެ ފަހަރަކުވެސް ޒައިން ޖަހާލަނީ ހިނިގަނޑެކެވެ.
އުޝާ އިންތިޒާރުކުރަމުންދިޔައީ ސްކޫލުން ޒައިން އަންނާނެ ވަގުތަށެވެ. ފިނި ކޯކް ތައްޓެއް ހިފައިގެން އުޝާ އިނީ ސޯފާގައި ޓީވީ ބަލާށެވެ.
" ހޭ! "
ޓީވީއަށް ގެއްލިފައި އިންދާ ޒައިން އައިސް އޭނާ ސިއްސުވާލުމާއެކު އުޝާއަށް ހިނިތުންވެވުނެވެ.
" ގެނެސްދެންތަ ފިނި ކޯކް ތައްޓެއް؟ " ލޯތްބާއެކު އުޝާ އަހާލިއެވެ. އެއާއެކު ބަދިގެއާ ދިމާލަށް ޒައިން ބަލާލިއެވެ.
" ކޮބާ މަންމަމެން؟ "
ޒައިން އަހާލީ ވައި އަޑުންނެވެ.
" ފެންވަރާށާއެކު ނަމާދު ކުރަން ދިޔައީ! ބައްޕަ ވީ އޮފީހުގަ! "
އުޝާ ތެދުވެގެން ހިނގައިގަތުމާއެކު، ފަހަތުން ގޮސް ޒައިން އޭނާގެ އަތުގައި ހިފައި ދަމައިގަތެވެ. ރޯމަހެއް ފަދައިން އުޝާއަށް ތެޅިގަނެވުނީ ބިރުގަތް ވަރުންނެވެ.
" ޒައިން!.. މަންމަމެންނަށް ފެނިދާނެ! ޕްލީޒް ދޫކޮށްލާ! " ޒައިންގެ އަތް ފޮޅުވާލަމުން އުޝާ ބުންޏެވެ. އެއާއެކު ފޫހިކަމުގެ އަސަރު މޫނުމައްޗަށް ވެރިކުރުވަމުން ޒައިން އުޝާގެ އަތުން ދޫކޮށްލިއެވެ. އަދި ސޯފާއަށް ވެއްޓިގަތެވެ. އުޝާ އަވަސް އަވަހަށް ބަދިގެއަށް ދާން ހިނގައިގަތީވެސް ޒައިންގެ މޫނަށް ބަލަމުންނެވެ.ޒައިންގެ މޫނުމަތި އުދާސްވިތަން ފެނި، އޭނާގެ ހިތްނުތަނަވަސްވިއެވެ.
" ސޮރީ! އަހަރެން އަސްލުވެސް ބިރުންނޭ ދުރަށް ދިޔައީ! "
އެނބުރި އައިސް ކޯކްތަށި ދިއްކޮށްލަމުން އުޝާ ބުނެލީ މަޑުމަޑުންނެވެ. ޒައިން، އުޝާއާ ދިމާލަށް ބަލައިވެސް ނުލާ އިނދެ ޓީވީ ރިމޯޓް ފިތް ތަކަށް ފިތަމުންދިޔައެވެ. އެހެން އިނދެ އޭނާ ފަހަރަކު ޗެނަލެއް ބަދަލު ކުރަނީއެވެ. އޭނާގެ އެ ޢަމަލުން ޙަޤީޤަތުގައިވެސް ރުޅި އައީކަން އުޝާއަށް އެނގުނެވެ.
" ސޮރީ ޒައިން! "
އަނެއްކާވެސް އުޝާ ބުނެލިއެވެ. އޭނާ ކޯކްތަށީގައި ނުހިފުމުން، ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ތަށި ބަހައްޓަމުން އުޝާ ތެދުވިއެވެ.
" މަޢާފް ކުރެވޭނީ ގޮތެއްގެ މަތިން.."
އުޝާ ތެދުވުމާއެކު ޒައިން ބުނެލިއެވެ. ކޮޅަށް ހުރެ، އުޝާ ޒައިންގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.
" މިރޭ އަހަންނާ މީޓް ކުރަން އެއްބަސްވާނަންތަ؟ އަހަރެންގެ ކޮޓަރިން.."
އެއްބުމަ ހިއްލާލައިގެން އިނދެ ޒައިން އުޝާއަށް ބަލަމުން ދިޔައެވެ. ބޭއިޚްތިޔާރުގައި އުޝާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެއީ ފަހަރެއްގައިވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.އަދި ކުރާނެވެސް ކަމެއް ނޫނެވެ.
" އޯކޭތަ؟ " ޒައިން އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ.
" ޒައިން އައީތަ؟ "
އެއްޗެއް ބުނަން އަނގަ ހުޅުވާލި ވަގުތު ފަހަތުން އިވުނު ފަހުމީގެ އަޑަށް އުޝާ ދިޔައީ ސިހިގެންނެވެ. އެއާއެކު ޒައިންއަށްވެސް ކޮޅަށް ތެދުވެވުނެވެ.
" އެންމެ ފަހު ޓެސްޓްދޯ ތި ނިމުނީ! ފަސޭހަތަ؟ "
ފަހުމީ އައިސް ސޯފާގައި އިށީންނަމުން އަހާލިއެވެ. ހަމަޖެހޭގޮތް ދައްކާލަމުން ޒައިން ބޯޖަހާލިއެވެ.
" ވަރަށް ފަސޭހަ! ބޮލުން ހީވީ ގާގަނޑެއް ނެގިހެން.. ކިޔަވާ ނިމުނީ ވިއްޔަ! "
" ނަޒީރުބޭމެން ބުނެފި ދަރިފުޅު ލަންކާއަށް ކިޔަވަން ފޮނުވާށޭ! ބައްޕަ ބުނިން ނަތީޖާ ލިބުނީމަ، ޒައިން ބޭނުންވާ ގޮތެކޭ އޭގަ އޮންނާނީ! "
ފަހުމީގެ ޖުމްލައިން އުޝާގެ ހިތް ތެޅިގަތެވެ. ޒައިން ގެއްލޭކަށް އޭނާ ފަހަރެއްގައިވެސް ބޭނުމެއް ނޫނެވެ. އަދި އަމުދުން ނަދާގެ ގެއަށް ދާން އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.
" ނަތީޖާއާމެދު ބައްޕަމެން ނުވިސްނާ! އަހަރެން ފާސްވާނެ ހުރިހާ އެއްޗަކުން.. ކިޔަވަންވެސް ގޮސްދާނަން.."
އުޝާގެ މޫނަށް ބަލާލަމުން ޒައިން ބުނެލިއެވެ. އޭރު އުޝާ ހުރި ސޯފާގެ ފަހަތުގައެވެ. އޭނާ ނޫނެކޭ ބުނަމުން ބޯ ހޫރާލިއެވެ.
" މިހާރު ޒައިން ދިޔަޔަސް މިގޭތެރެ ފަޅެއް ނުވާނެއެއްނު! އުޝާވެސް މިހުރީ ވިއްޔަ! "
ފަހުމީ އުޝާއަށް ބަލާލަމުން ބުންޏެވެ. އެވަގުތު އަމީރާވެސް އެތަނަށް އައިސް ހުއްޓިއްޖެއެވެ.
" އަނހަ! މަންމަވެސް މިއޮށްއައީނު! ޒައިން ލަންކާއަށް ދާގޮތަށް އޮތީ!" އުފާވެރި ރާގެއްގައި ފަހުމީ އެހެން ބުނުމުން އަމީރާގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގަތެވެ. އޭނާ އަވަސް އަވަހަށް ޒައިންގާތު އިށީނދެލިއެވެ.
" ތެދެއް ދަރިފުޅާ! ބައްޕައަށް ޔަޤީން ނުވިޔަސް މަންމައަށް އެނގެޔޭ ދަރިފުޅު ފާސްވާނެކަން.. މަންމަ ވަރަށް އުފާވެއްޖެ ކިޔަވަންދާން އެއްބަސްވީމަ ވެސް.. "
އެ އުފަލުގައި ބައިވެރިވާނެ ހިތްވަރެއް އުޝާގެ ނެތެވެ. އެހެންކަމުން އޭނާ މަޑުމަޑުން ހިނގައިގަތީ ކޮޓަރިއަށް ދާށެވެ. އެމަންޒަރު ޒައިންއަށް ފެނުމުން އޭނާވެސް ބޭނުންވީ އަވަހަށް އެތަނުން ދާށެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ގަޑިން ބާރަ ޖަހާ ބޮޑުވީ އިރުގައިވެސް އުޝާގެ އެއްވެސް ޚަބަރެއް ޒައިންއަކަށް ނުވިއެވެ.
" ނިދީތަ؟ "
ޒައިންގެ މެސެޖް ކިޔާލުމާއެކު އުޝާގެ ހިތް ތެޅިގަތެވެ. މެސެޖަށް ޖަވާބެއް ނުދީ އޮއްވާ އަނެއްކާވެސް ހަމަ އެމެސެޖް ދެވަނަ ފަހަރަށް އޭނާ ފޮނުވިއެވެ.
" ބޮލުގައި ރިއްސާތީ ނިދަން މިއޮތީ! "
ޖަވާބު ލިޔެލާފައި ފޮނުވާލުމާއެކު ޒައިން ގުޅަން ފެށިއެވެ.
" އަހަރެން ދަންތަ ބޯ މޮޑެލަދޭން؟ "
ފޯން ނެގުމާއެކު ޒައިން ބުނެލިއެވެ. ވަރަށް ވެސް ލޯތްބާއެކުއެވެ. އާނއެކޭ ބުނަން ބޭނުންވި ނަމަވެސް އެކަމަށް އުޝާ އިންކާރު ކުރީ ބިރުންނެވެ.
" ނޫނޭ! ބޭސްކައިފީމޭ! ނިދާލީމާ އޯކޭ ވާނެ! "
" އަހަންނަށް އެނގޭ އުޝާ އަހަރެން ތި ރޫމަށް ވައްދަން ބޭނުން ނުވަނީކަން! އުޝާ އަހަންނަށް އިތުބާރެއް ނުކުރަންދޯ! ހީވަނީތަ އަހަރެން އުޝާއަށް ދެރަގޮތެއް ހަދާނެޔޭ! "
ދެރަވާގޮތް ދައްކަމުން ޒައިން ވާހަކަ ދެއްކިއެވެ. އޭނާގެ މަޤްޞަދަކީ އުޝާގާތަށް ދިޔުމެވެ. ޒައިންގެ އަސަރުގަދަ އަޑުން އުޝާގެ ހިތް މޯޅިވާކަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. މިއަދުވެސް އޭނާއާއިހެދި ޒައިން ރުޅިއައިވަރު އުޝާ ހަނދާންވިއެވެ. އޭގެ ފަހުން އަދި ޒައިންއާ ރަނގަޅަށް ވާހަކަ ދައްކާނުލެވޭތީ، މިފަހަރު އިންކާރު ކުރާކަށް އުޝާއަކަށް ނުކެރުނެވެ.
" ނޫން.. އަހަރެން އިތުބާރުކުރަމޭ.. މި ހުޅުވަނީ. އާދޭ! "
އުޝާ ފޯން ބޭއްވުމަށްފަހު ދޮރާއިދިމާލަށް ދިޔައީ ތަޅު ހުޅުވާށެވެ. އެނދުމަތީގައި އޮތް ޒައިން އަވަސް އަވަހަށް ތެދުވިއެވެ. އޭރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ ލާނެތް ހިނިތުންވުމެކެވެ. ފަރާތްފަރާތަށް ސެންޓް ބުރުވާލުމަށްފަހު ޒައިން ނިކުމެ ސިޑިން ތިރިއަށް ބަލާލީ މަންމަމެން އުޅޭތޯއެވެ. ސިޓިންގރޫމްގެ ބޮކިތައް ނިވާލާފައި ހުރުމުން މަންމަމެން ނިދީކަން އޭނާއަށް ޔަޤީންކުރެވުނެވެ. އެހެންކަމުން ލަސްނުކޮށް އޭނާގޮސް އުޝާގެ ކޮޓަރިއަށް ދެމިގަތެވެ.
" ހާސްނުވޭ! މަންމަމެން ނިދާފައޭ! " ޒައިން ވަނުމާއެކު އެނދުގައި އިން އުޝާގެ މޫނުމައްޗަށް ވެރިވީ ހާސްކަމެވެ.
" އަހަރެން ހާދަ ޖެހިލުންވެޔޭ! ވަރަށް ބިރުގަނޭ! "
އުޝާއާއި ޖެހި ފިތިގެން އިށީން ޒައިންގާތު މަޑުމަޑުން އޭނާ ބުނެލިއެވެ. އެއާއެކު ޒައިން، އޭނާގެ ދެއަތުން އުޝާގެ މޫނުގައި ހިފަހައްޓާލިއެވެ. އެ ތުނިތުނި ދެކޮލުގައި އަތްޖެހުމާއެކު ޒައިންގެ ހިތް، ފިނިވެގެން ދިޔަކަން އޭނާއަށް އިޙްސާސްކުރެވުނެވެ.
" އުޝާ ބޭޒާރެއް ނުވާނޭ! ހަމަޖެހިލާފަ ލޯ މަރާލަބަލަ! "
ޒައިން އެހެން ބުނުމާއެކު އުޝާ ދެލޯމަރާލިއެވެ. އުޝާގެ ކަޅުކަންގަދަ ދިގު އެސްފިޔަތަކާއި އޭނާގެ މޫނަށް ޒައިން ފަރުވާތެރިކަމާއެކު ބަލާލިއެވެ. ޙަޤީޤަތުގައިވެސް އުޝާ ވަރަށް ލޯތްބޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ މަޑުމަޑުން އުޝާގެ ނިތްކުރިއަށް ބޮސްދިނެވެ. އެއާއެކު އުޝާ އަވަސް އަވަހަށް ދެލޯ ހުޅުވާ ދުރަށް ޖެހިލިއެވެ.
" ކިހިނެއްވީ ؟ " އާދައިގެ ގޮތަކަށް ޒައިން އަހާލިއެވެ.
" ތިކަހަލަ ކަންކަން ކުރާކަށް އަހަރެން ބޭނުމެއް ނޫން! " އުޝާ އެހެން ބުނުމާއެކު ބާރުބާރަށް ޒައިންއަށް ހޭންފެށުނެވެ. ޒައިން ހޭންފެށުމުން އުޝާ އިތުރަށް ލަދުގަތެވެ.
" ކީއްވެ ތިހެނީ؟ އަހަންނަށްވެސް ހެވާއި ނުބައި އެނގެޔޭ! ދެމީހުންގެ ދެމެދަށް ތިން ވަނަ މީހަކަށް އަބަދުވެސް ވެރިވާނީ އިބްލީސް.."
އުޝާ ވާހަކަ ދައްކަމުން ދިޔަ އިރުގައިވެސް ޒައިން ހެނީއެވެ.
" އަހަރެން ގޯސްކަމެއް ނުކުރަމެއްނު! އުޝާތިއީ މިހާރު އަހަރެންގެ ލޯބިވެރިޔާ! ވާންއުޅޭ އަނބިމީހާ.. ދެން ކޮބާ މައްސަލައަކީ ؟"
" ޒައިންއަށް އެއީ އާދައިގެ ކަމަކަށް ވިޔަސް އަހަންނަށް އެއީ ވަރަށް ބޮޑުކަމެއް! އެހެން ނޫނަސް ޒައިންގެ އަނތްބަކަށް އަހަރެން ވާނެކަމުގެ ކޮން ގެރެންޓީއެއް އޮތީ؟ މަންމަމެން ނުޤަބޫލުވެސް ވެދާނެ އެއްނު! "
އުޝާ އަސަރާއެކު ބުނެލިއެވެ. އެއާއެކު ޒައިން އަވަސް އަވަހަށް ތެދުވިއެވެ. އަދި ދޮރާއިދިމާލަށް ބަލަހައްޓަައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ.
" ސޮރީ! އަހަންނަކަށް ހިއެއްނުވެ އަހަރެން މި ކޮޓަރި ތެރޭގައި ހުންނަންވެސް އުޝާ ހިތްހަމަޖެހޭ ހެންނެއް!..."
ޒައިން ތެދުވެ، ދޮރާއިދިމާލަށްދާން ހިނގައިގަތުމުން އުޝާއަށްވެސް ތެދުވެވުނެވެ.
" ދަނީތަ؟ ވާހަކަ ދައްކާލަން މަޑެއް ނުކުރާނަންތަ؟ ހިތްހަމަ ނުޖެހުނީތަ؟ "
ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ގޮސް އުޝާ ހުއްޓުނީ ޒައިންގެ ކުރިމަތީގައެވެ. އެއާއެކު ޒައިން ހަށަންބަދެލުމަށްފަހު އުޝާގެ މޫނަށް ބަލައިލިއެވެ.
" އަހަރެން މިތާ ހުރެގެން އުޝާއަށް ލިބޭ ހިތްހަމަޖެހުމަކީ ކޮބާ؟ އަހަރެން އައީމަވެސް އުޝާ ރުޅިއެއްނު އަންނަނީ!"
" އަހަރެން ރުޅިއެއް ނާދެޔޭ! އަހަރެން ބުނީ... އަސްލު އެހާ ގާތްވާކަށް ބޭނުމެއް ނޫން.. ގޯހެއް ހިނގާފާނެތީ! "
އުޝާ އިސްޖަހާލަމުން އެހެން ބުނެލުމާއެކު ޒައިން އުޝާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
" އަހަންނަށް އިތުބާރެއް ނުކުރެވޭދޯ ހަމަ! މައްސަލައެއްނެތް! ދެން އަހަރެން އުޝާގެ ކޮޓަރިއަށް އަންނާނީ އުޝާ އަމިއްލައަށް އަހަރެންގާތު އަންނާށޭ ބުނީމަ.."
އެހެން ބުނުމަށްފަހު ޒައިން އުޝާއާއި ދުރަށް ޖެހިލުމަށްފަހު ނިކުންނަން ހިނގައިގަތެވެ. ދޮރާއިދިމާލަށް ބަލަހައްޓައިގެން އުޝާއަށް ހުރެވުނީއެވެ. ޒައިން ދިޔުމުން އަނެއްކާވެސް އައިސް އުޝާ އެނދުގައި އޮށޯވެލިއެވެ.
" އަހަންނަށް މިކުރެވެނީ ރަނގަޅު ކަމެއްބާ؟ ޒައިންގެ މަންމަމެންނަށް އަހަރެމެން ދެމީހުންގެ ގުޅުން އެނގޭ ދުވަހަކުން ކިހިނެއްބާވާނީ؟ ޒައިންގެ އަނބިމީހާގެ ގޮތުގައި އެމީހުން އަހަރެން ބަލައިގަންނާނެބާ؟ ނޫނީ އެމީހުން އަހަރެން މި އާއިލާއިން ބޭރުކޮށްލާނެބާ؟އެފަދަ ދުވަހަކުން ޒައިން ކިހިނެއްބާ ހަދާނީ؟ އަހަރެންދެކެ އަސްލުވެސް އޭނަ ލޯބިވޭބާ؟ "
ތަފާތު ސުވާލުތަކުން އުޝާގެ ހިތް ކިލަނބުވާންފެށިއެވެ. އެއާއިއެކު ދެއަތުން އިސްތަށިތަކުގެ ތެރެއަށް އަތްކޮށްޕާލަމުން އޭނާ ބޮލުގައި ހިފަހައްޓާ ބާރުކޮށްލެވުނެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވަމުންދެއެވެ. އުޝާއާއި ޒައިންގެ ގުޅުންވެސް ސިއްރުގޮތުގައި ކުރިއަށްދެއެވެ. އަމީރާއާއި ފަހުމީއަށް އެގުޅުމަށް ޝައްކެއްވެސް ނުކުރެވެއެވެ. އެދެމީހުންވެސް ދެކެނީ އުޝާއަކީ ޒައިންއަށް ހޯދައިދެވުނު ކޮއްކޮއެއްގެ ގޮތުގައެވެ. އެއްވެސް ޙާލެއްގައި އެމީހުން ޒައިންއާއި އުޝާ ލޯބީގެ ގޮތުން ގުޅިދާނެކަމަކަށް ވިސްނާފައެއް ނުވެއެވެ. އެހެންކަމުން ޒައިންއާ އުޝާއަށް އެފަދަ ނަޒަރަކުން ދެކެން، އެމީހުން ހިތަށްވެސް ނާރައެވެ.
" ޒައިންގެ ނަތީޖާ ވަރަށް ރަނގަޅުދޯ! އަހަރެން ވަރަށް އުފާވެއްޖެ!"
ފަހުމީގެ ފައިގައި ބޭސްހާކަން އިނދެ، އަމީރާ ބުނެލިއެވެ.
" އާނ! ވަރަށް އުފާވި! ދެން އެސޮރު ލަންކާއަށް ފޮނުވާލަންވީނު! އެހާ މަތިން ފާސްވިއްޔާ އޭނަ ބޭނުންވާ ދާއިރާއަކުން ކިޔެވޭނެ އެއްނު! ލަންކާއަށް ގޮސް، އެތަނުގެ މާޙައުލަށް ހޭނެންވެސް ޖެހޭނެއެއްނު! "
ފަހުމީގެ ވާހަކައަށް އަމީރާ އެއްބަސްވިއެވެ. ބޭސްފުޅީގައި މަތިޖަހާލުމަށްފަހު އަމީރާ ފަހުމީއަށް ބަލައިލިއެވެ.
" އަހަރެން ވަރަށް ހިތަށް އަރާ ނަދާއާ ޒައިން ގުޅޭނެ ނަމައޭ! އަހަންނަށް ހީވޭ ޒައިންއަށް ނަދާ ވަރަށް ކަމުދާހެން.."
" ނަދާއެއީ ގޯސް ކުއްޖެއްނޫން.. އެކަމަކު އުޝާގެ ކިބައިގައި ހުންނަ ސިފަތަކެއް ނުހުރޭދޯ! އުޝާއެއީ އަހަރެމެންގެ ނަސީބުހަމަ! ހާދަ ހިތްހެޔޮ، އޯގާތެރި ހެޔޮލަފާ ޞާލިޙް ކުއްޖެކޭ އެއީ! އަހަންނަށް ޔަޤީން، އޭނަ އަމީ ބަލާނެކަން!"
ފަހުމީ ވާހަކަ ދެއްކީ ޔަޤީންކަމާއެކުއެވެ. އެވާހަކަތަކުން އަމީރާއަށްވެސް އުފާވެރިކަން ލިބުނުކަހަލައެވެ.
" އެނގޭތަ ކުރީ ދުވަހުވެސް އަހަރެން ބޮލުގައި ރިއްސާވާހަކަ ބުނީމަ، މިކޮޓަރިން އެމަންޖެ ނުވެސް ނިކުމޭ! ބޯ މޮޑެދީ ، އިރުއިރުކޮޅުން ޖޫސް އެއްޗެހިވެސް ގެނެސްދިން. އެދުވަހު ހިތަށް އެރި އަހަންނަށް މި ގެނެވުނު އަންހެން ދަރިޔަކީ ނިޢުމަތެކޭ! އަހަރެން ދުވަހަކުވެސް އުޝާއަށް ދެރަގޮތެއް ނަހަދާނަން. ފަހުމީ ތިބުނީ ހަމަ ތެދުވާހަކައެއް! އަހަރެން ބަލިއެނދަށް ވެއްޓުނަސް، މުސްކުޅި ވިޔަސް އުޝާ އަހަރެމެން ބަލާނެ! އަހަރެން މިހާރު ހުންނަނީވެސް ދަރި ކުލުނު ޖެހިފަ! ބައެއް ފަހަރު ހީވޭ އެއީ ހަމަ މަގޭ އަސްލު ދަރިއެކޭވެސް."
އުޝާއަށް ތަޢުރީފްކުރަމުން އަމީރާވެސް ވާހަކަ ދެއްކިއެވެ.
" އުޝާވެސް މީހަކާ އިނދެގެން އަހަރެމެންގާތުން ދާނެ! އަންހެން ދަރީން މީހުންނާ އިނީމަ ފިރިމީހާ ބުނާ ގޮތެއް ހަދާނީ!"
އަނެއްކާވެސް އަމީރާއަށް ބަލައިލަމުން ފަހުމީ ބުންޏެވެ. އެއާއެކު އަމީރާ ދެރަވެލާފައި އިސްޖަހާލިއެވެ.
" އަހަރެން ބުނާނަން އުޝާގާތު މިގޭގަ އުޅޭށޭ! އެކަމަކު ފިރިމީހާ ބުނާގޮތްދޯ އޭނައަށްވެސް ހެދޭނީ.. އަހަރެން މަޖުބޫރެއް ނުކުރާނަން. އުޝާ ކޮންމެތާކު އުޅުނަސް އަހަރެން އޭނައަށް ބަލާނަން."
އަމީރާ ދެރަވީކަން އެނގުމުން ފަހުމީ އަވަސް އަވަހަށް އަމީރާގެ ބުރަކަށީގައި ފިރުމާލިއެވެ. އެއާއިއެކު އަމީރާ ފަހުމީގެ ކޮނޑުގައި ބޯޖައްސާލިއެވެ.
ސިޑިން އަރައިގެން ދުވަމުން ގޮސް މާނިޙްވަނީ ޒައިންގެ ކޮޓަރިއަށެވެ. އޭރު ޒައިން އިނީ ޕީ.އެސް ކުޅޭށެވެ.
" ގޭމް ކުޅެން ބުނިއްޔާ މީނަ އަންނާނެ ނުލާހިކު އަވަހަށް... "
މާނިޙް ފެނުމާއެކު ޒައިން ބުނެލިއެވެ. ހެމުން ހެމުން ޓީވީ ކުރިމަތީގައި މާނިޙް އިށީނެވެ.
" އޭ! ކޮބާ އެމަންޖެ؟ އަދިވެސް ކަމެއް ނުވޭތަ؟ "
ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް މާނިޙް އެހިއެވެ. ޒައިން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ހޯން.. އަދި ނުވޭ އެއް ކަމެއްވެސް.! ގޮތްދޫކުރާގޮތަކަށް ނޫން ހުރީ.. މަށަކަށްވެސް ދެން ގަދަކަމުން ގައިގަ އަތްލާކަށް ނުކެރޭ! "
ޒައިން ވާހަކަ ދައްކާ ނިމުމާއެކު މާނިޙްއަށް ބާރަށް ހޭންފެށުނެވެ.
" ކަލޭ ތިއޮށް ގަޓް ހުންނަ މީހާ؟ ހާދަ ފިނޑިވީ؟" މާނިޙް ހޭތީ ޒައިންގާތަށް އައީ ރުޅިއެވެ.
" އޭ! މަ ނޯންނާނެ ދުވަހަކުވެސް އަންހެންކުއްޖަކު ގަޔަށް އަރާފައެއް އިނގޭ! ސްކޫލްގަ ފްލަރޓް ކުރުމާ ، މިކަމާ ތަފާތުދޯ! އެހެން ނޫނަސް އޭނަ އިނޮސެންޓް ކަމުން މަށަކަށް ނުކެރޭ ހަމަ! "
" އެކަމަކުވާ!އެއް ގެއެއްގައި އުޅޭއިރުގައިވެސް ކަމެއް ނުވި! ކަލޭ ނުވިއެއްނު ފިރެހެނަކަށްވެސް.. "
މާނިޙް ދިމާކުރަން ފެށުމުން ޒައިން ތެދުވިއެވެ. އަދި ޓީވީ ނިއްވާލުމަށްފަހު އެނދުގައި އިށީނެވެ.
" އޭ ބަޑީ ރުޅިއައީތަ؟ މަޖަލަށޭ އެހެންކީ! "
ޒައިން ރުޅިއައިކަން އެނގުމުން މާނިޙް ކަންބޮޑުވިއެވެ. އަދި ޒައިން ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރިއެވެ.
" ތިކަހަލަ އެއްޗެހި ކިޔަންޏާ މޫޑުދާނެ ދޯ! އަސްލު އުޝާ ވަރަށް ރަނގަޅު! ބައެއް ފަހަރު ލައިކްވާހެންވެސް ހީވޭ! އުޝާ ވަރަށް އޯގާތެރި! އޭނަ މަދެކެ ލޯބިވާވަރު އަހަންނަށް އިޙްސާސްކުރެވޭ! ބޭނުމެއްނޫން އޭނައަށް ދެރައެއް ދޭކަށް!"
ދުރަށް ބަލަހައްޓައިގެން އިނދެ ޒައިން ބުނެލިއެވެ. މާނިޙްއަށް އެއްމިޔަކަނުން ހީލެވުނެވެ.
" ކަލޭވެސް ލޯބިވަނީދޯ! "
" ނޭނގެ! ހީވޭ އެކަހަލަ އެއްޗެއް! އެކަމަކު.. އެގޮތެއް ބޭނުމެއް ނޫން. ލޯބިވާކަށް ބޭނުމެއް ނޫން! ލަންކާއަށްގޮސް ދެން ސަޅި ބިޓެއް ނެގީމަ މި އިޙްސާސްތައް ގޮސްދާނެ! "
ހިނިގަނޑެއް ޖަހާލަމުން ޒައިން ބުނެލިއެވެ.
ކާމޭޒު ކައިރީ އެންމެން ތިބީ ނާސްތާއަށް އިންސާފުކުރާށެވެ. ފަހުމީއާ އަމީރާ ތިބީ ޒައިންއާ ވާހަކަ ދައްކަން ބޭނުންވެފައެވެ.
" ދަރިފުޅު ފްރީ ގަޑިއެއްތަމީ؟ ބޭރަށް ތާކަށް ދާންވެފައި އެބައޮތްތަ؟ "
ފުރަތަމަ ވާހަކަ ފެށީ ފަހުމީއެވެ. އެއާއެކު ސައިފޮދެއް ބޯލަމުން ޒައިން ބަލާލީ އަމީރާގެ މޫނަށެވެ.
" ނޫން.. ހާދަ ހީވެޔޭ ވާހަކައެއް ދައްކަން އުޅޭހެން.."
" އާނ! ބައްޕައަށް އެނގެޔޭ ދަރިފުޅަށް ހީވާނީ ރަނގަޅަށްކަން އަބަދުވެސް.. ވަރަށް ބޮޑު ވާހަކައެއް ދަައްކަން މިއުޅެނީ! "
ފަހުމީ އެހެން ބުނުމާއެކު އުޝާގެ ހިތްވެސް ބާރަށް ތެޅިގަތެވެ. ފަހުމީ ދައްކަން އުޅޭ ވާހަކައެއް އަޑުއަހާހިތުން އޭނާ އިނީ ކެތްމަދުވެފައެވެ. ޒައިންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިނދެގެން އޭނާ ސިއްރުސިއްރުން ޒައިންއަށް ބަލަމުންދިޔައެވެ. އެކަން ނުދެނަހުރިކަމަށް ހަދައިގެން ޒައިން އިނެވެ.
" ދެދުވަހެއްގެ ތެރޭގައި ދަރިފުޅު ލަންކާއަށް ދާން އެބަޖެހޭ! " ފަހުމީ ބުންޏެވެ.
" އެޔޯ؟ ހާދަ އަވަހަކަށް؟ " ޒައިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެހާ އަވަހަށް ފުރަން ބުނުމުން ޒައިން ހައިރާންވިއެވެ.
" ދަރިފުޅު ކިޔަވަން ދާން އެއްބަސް ވީމެއްނު! އެހެންވެ ބައްޕަމެން މި ނިންމީ ތަންކޮޅެއް އަވަހަށް ދަރިފުޅު ގޮވައިގެންދާން.. އޭރުން އެކޮޅުގެ ކަންތައްތައް ބަލައިލެވޭނެއެއްނު! "
" ދާން؟ ބައްޕަމެން ވެސް ދާނަން؟ " އަވަސް އަވަހަށް ޒައިންއަށް އަހާލެވުނެވެ.
" ދެ ދުވަހަށް ދާނީ. އުޝާވެސް ގޮވައިގެންދާނީ.." މިފަހަރު ޖަވާބުދިނީ އަމީރާއެވެ. ނަމަވެސް އެކަމަށް އުޝާ އެއްބަހެއް ނުވިއެވެ.
" ނޫނޭ މަންމާ! އެންމެން ކީއްކުރަން ދާންވީ؟ އަހަރެން ގޭގަ މަޑުކޮށްލާނަން! ފްލައިޓަށް އަރަން އަހަރެން ވަރަށް ބިރުގަނޭ! "
އުޝާ އެހެން ބުނުމާއެކު ޒައިންއަށް ހެވުނެވެ.
" އެކަމަކު ދަރިފުޅު އެކަނި ގޭގައި ބަހައްޓާފައި ދާކަށް ނުކެރޭނެ! ދާންވާނެ! " ބޯ ގުދު ކޮށްލާފައި އުޝާއަށް ބަލައިލަމުން ފަހުމީ ބުންޏެވެ.
" އެކަމަކުވެސް ދާހިތެއް ނުވެޔޭ ބައްޕާ! "
އުޝާ ދެކޮޅު ހަދަން ފެށުމުން އަމީރާ ބޭނުންވީ އުޝާ ބޭނުންވާގޮތަށް ކަންތައް ކޮށްދޭށެވެ.
" އެންމެ ރަނގަޅު! އެކަނި ހުންނަން ކެރެންޏާ އުޝާ ބަހައްޓާފައޭ ދާނީ! އެކަމަކު ކޮންމެ ވަގުތެއްގައިވެސް މަންމަމެންނަށް ގުޅޭގޮތަށް ހުންނަންޖެހޭނީ!"
އަމީރާ އެހެން ބުނުމުން އުޝާ ބޯޖަހާލިއެެވެ.
ޒައިން ފުރާވާހަކަ ދެއްކީއްސުރެ އުޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ޒައިން ނުފެނި އެންމެ ދުވަހެއްވެސް އޭނާއަށް ކެތްކުރެވިދާނެހެން ހީނުވަނީއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ޒައިންދެކެ އިންތިހާއަށް ލޯބިވެވުނެވެ. ޒައިންއާ ދުރުގައި ހުންނާކަށް ހިތެއް ނޭދެއެވެ. އޭނާ ގެއްލޭކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އުޝާ އިންތިޒާރުކުރަމުންދިޔައީ މަންމަމެން ނިދަން ވަންނާނެ ވަގުތަކަށެވެ. މިރޭ ކޮންމެހެންވެސް އޭނާ ޒައިންއާއެކު ވަގުތު ހޭދަކުރަން ބޭނުންވެއެވެ.
ދަބަހަށް އެއްޗެހި އަޅާ ނިންމާލުމާއެކު ޒައިންގެ ކޮޓަރީގެ ދޮރު ހުޅުވާ އުޝާ އެތެރެއަށް ވަނެވެ. އެމަންޒަރު ފެނި ޒައިންއަށް ތެދުވެވުނެވެ.
" އަހަރެން މިހިތަށް އަރަނީ މާދަމާ ފުރާތީވެސް އުޝާ އަހަންނާ ބައްދަލްކޮށްލަންވެސް ބޭނުން ނުވެޔޭ! ލަންކާއަށް ދާކަށްވެސް އެއްބަހެއް ނުވި ވިއްޔަ! އަހަރެންވެސް ކިހާ ވަރަކަށް އާދޭސްކުރާނީ.."
ޒައިންގާތަށް އައިސް ހުއްޓުނު އުޝާގެ އަތުގައި ހިފާލަމުން އޭނާ ބުނެލިއެވެ.
" އަހަރެން ލަންކާއަށް ދިޔަސް، އަހަރެންގެ ހިތަށް ލިބޭނީ އަނިޔާއެއް! "
މަޑުމަޑުން އުޝާ ބުންޏެވެ. އުޝާގެ އެ ޖުމްލައިން ޒައިންއަށް ލިބުނީ ހައިރާންކަމެވެ.
" ނަދާ އާ ދެމީހުން ބޭރުގަ އެތަންމިތާ އުޅޭނީ! އަހަންނަށް ޖެހޭނީ ދެރަވެފަ ގޭގަ އިންނަން! އަޅެ ޒައިން ޕްލީޒް.. ނަދާއާ އެހާ ބޮޑަށް ފްރެންޑް ނުވައްޗޭ! އަހަރެން ވަރަށް ބިރުގަނޭ ޒައިން ގެއްލިދާނެތީ!"
އުޝާ ޒައިންގެ އަތަށް ފިތާލަމުން ބުންޏެވެ. އެއާއެކު ޒައިން ބާރަށް ހޭންފެށިއެވެ.
" އެހެންވެތަ އަހަރެން ނުގުޅަނީސް އަވަސް އަވަހަށް މި ކޮޓަރިއަށް ތިއައީ؟ އެވާހަކަ ބުނަންވެގެންތަ؟ އަހަރެން ނޫޅެމޭ އަންހެން ކުދިންނާހެދި ހޭބަލި ވެގެންނެއް! އަހަންނަށް އުޝާ ލިބިއްޖެއެއްނު! އެވަރުން ފުދޭނެ! "
އެހެން ބުނުމަށްފަހު ބޭއިޙްތިޔާރުގައި އުޝާގެ ދެކޮނޑުގައި ހިފާ ގެެނެސް އޭނާގެ މޭގައި ޖައްސާލެވުނެވެ. އެއާއެކު ބުނެވުނު އެއްޗާއިމެދު ޒައިންއަށް ވިސްނާލެވުނެވެ. ޙަޤީޤަތުގައިވެސް އުޝާ ލިބުމުން އޭނާއަށް ހިތްހަމަޖެހުން ލިބުނެވެ. ކޮންމެވެސް ވަރަކަށް ލޯތްބާއިމެދު ސީރިއަސްވާން ފެށުނެވެ. އުޝާގެ ލޯތްބަށް އާދަވާންފެށުނެވެ. ލޯބި ނުވިޔަސް ، ލޯބިވާކަން ދައްކަން ޖެހުމުން، ކޮންމެވެސް ވަރަކަށް އުޝާއާމެދު ގަޔާވެވެން ފެށުނެވެ.
ފުރަތަމަ ފަހަރަށް ޒައިންގެ ގައިގައި ބައްދާލެވުމުން ، އުޝާވެސް ދުރަށް ދާކަށް ބޭނުމެއްނުވިއެވެ. އޭނާއަށް ޒައިންގެ ބުރަކަށީގައި ފިރުމާލެވުނެވެ.
" ކީއްވެ މިރޭ އަހަންނާ ދުރަށް ނުގޮސް ތިހުރީ؟ "
އުޝާގެ ބޮލުގައި ދަތްދޮޅި ޖައްސާލަމުން ޒައިން އަހާލިއެވެ. ޖަވާބުގައި ތުއި ގޮތަކަށް އުޝާ ހީލިއަޑު އޭނާއަށް އިވުމުން އަނެއްކާވެސް ޒައިން އެހިއެވެ.
" އަހަރެން ފުރާތީ، ހައްދާލަނީދޯ؟ ގެއްލިދާނެތީ..؟؟"
" ނޫން.. އަހަރެން ޒައިންއަށް ވަރަށް އިތުބާރުކުރަން. ވަރަށް ދެރަވޭ ފުރާތީ. އެހެންވެ ދުރަށް ދާހިތެއް ނުވޭ!"
މަޑުމަޑުން އުޝާ ބުނެލިއެވެ.
" އެހެންވިއްޔާ މިރޭ އަހަންނާއެކު މިކޮޓަރީގައި ނިދަންވީނު؟ "
ޒައިން އެހެން ބުނުމާއެކު އުޝާއަށް ތެޅި ގަނެވުނެވެ. އޭނާ އިސްއުފުލާ ޒައިންގެ މޫނަށް ބަލާލިއެވެ. ޒައިން އުޝާގެ ދަތްދޮޅީގައި ހިފާ، އޭނާގެ މޫނާ މޫނު ގާތްކޮށްލަން އުޅުނެވެ. ނަމަވެސް އަވަސް އަވަހަށް އުޝާ ދުރަށް ޖެހި، ޒައިންއަށް ފުރަގަސްދިނެވެ. ލަސްނުކޮށް ޒައިން އައިސް އުޝާގެ ގައިގައި ފުރަގަހުން ބައްދާލާ އޭނާގެ ކަނދުރާގައި މޫނުޖައްސާލަމުން ވާހަކަ ދެއްކިއެވެ.
" ޕްލީޒް... އުޝާ! "
" ނޫން.. ނުކެރޭނެ! އަހަރެން ބިރުގަނޭ! "
ގުޑިލަންވެސް ނުކެރިފައި ހުރެ އުޝާ ބުންޏެވެ. ނަމަވެސް އުޝާގާތުން ދުރަށްދާކަށް ޒައިންގެ ހިތެއް ނޭދުނެވެ. އުޝާގެ ބަނޑުގައި ދެއަތުން އަތް އަޅުވާލައިގެން ހުރެ، އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
" އަހަންނަށް އިތުބާރު ނުކުރަނީދޯ! އެހާ ލޯބިވާއިރުވެސް އިތުބާރެއް ނުކުރަންތަ؟ އަހަރެން އުޝާއަށް ދެރަގޮތެއް ނުހަދާނެއެއްނު! އެއްވެސް މީހަކަށް ނޭނގޭނެޔޭ! "
އުޝާ ލައިގެން ހުރި ހެދުމުގެ ގޮށެއް ނައްޓާލަމުން ޒައިން ބުންޏެވެ. އަވަސް އަވަހަށް އުޝާ ޒައިންގެ އަތުގައި ހިފާ، ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ.
" ނޫން. ނުކެރޭނެ...! "
" ޝްޝްޝް..! "
އުޝާގެ ތުންފަތުގައި އިނގިލި ޖައްސާލުމަށްފަހު ޒައިން އެދުނީ ވާހަކަ ނުދެއްކުމަށެވެ. އުޝާގެ އުނަގަނޑުގައި އަތް އަޅުވާލާ އޭނާއާއި ދިމާއަށް ދަމާލުމަށްފަހު ޒައިން، ކޮޓަރީގެ ބޮކި ނިއްވާލިއެވެ. އޭރުވެސް ޒައިންގެ އެދުމަށް އުޝާ އިންކާރު ކުރަމުންދިޔައެވެ. ނަމަވެސް ވަކި ހިސާބަކުން އުޝާއަށް ޖެހުނީ ޒައިންގެ ކުރިމަތީގައި ލަދުވެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ.
( ނުނިމޭ )
*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*
ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (6)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!