ކުރީގެ ޢަދަދާއިގުޅޭ،

" އަހަރެން އުޝާގާތު އަހާނީ އުޝާއަށް އެންމެ ރީތި އެއްޗެއް ލާހިތުން ނެއްނު! އެއީ އެކުއްޖާއަށް ދެއްކެން ވެގެންނެއްނޫން.. އެއީ އުޝާއަށް ދެއްކެން ވެގެން.."

Ad
rt

ޒައިން އެހެން ބުނެ އުޝާގެ އަތުގައި ހިފާ ދަމައިގަތެވެ. އެހިނދު ބާރުބާރަށް ގޮސް އުޝާ ތަތްވީ ޒައިންގެ މޭގައެވެ.

" ޒައިން!... " ޒައިންގެ މޭގައި އަޅާ ދުރަށް ކޮއްޕާލަމުން އުޝާ ފަހަތަށް ޖެހިލިއެވެ. އޭރު އުޝާގެ މޫނުމަތީގައި ނުރުހުމުގެ އިތުރުން ހާސްކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ޒައިން އެއްޗެއް ބުނަންވާއިރަށް ދުވެފައި ގޮސް އޭނާ އެތަނުން ނިކުމެއްޖެއެވެ. އޭރުވެސް ހުރި ފިޔަވަޅުމަތީގައި ޒައިންއަށް ހުރެވުނީއެވެ. އުޝާއަކީ ޒައިން ހީކުރި ކަހަލަ ކުއްޖެއް ނޫނެވެ. ޒައިން ހީކުރީ ޒައިންގެ ފިރެހެންވަންތަ ކަމުގެ ޖާދޫގައި އުޝާ ވަރަށް ފަސޭހައިން ޖެހިދާނެކަމަށެވެ. އެހެނަސް ކަންތައްވީ އޭނާ ހީކުރި ގޮތާ ޚިލާފަށެވެ.

" އުޝާކޮބާތަ؟ މިހާރު އެމީހުން އަންނަން އުޅޭނެ! ދަރިފުޅު ދޭބަލަ އުޝާއަށް ގޮވާލަން! "

ސިޑިން ފައިބައިގެން އައި ޒައިން ފެނި، އަމީރާ އަވަސް އަވަހަށް ބުނެލިއެވެ. އަމީރާ އެހެން ބުނުމުން ޒައިން އަވަސް އަވަހަށް އައިކޮޅަށް މިސްރާބު ޖެހިއެވެ. ދެފިކުރެއްގައި ހުރެ އޭނާ އުޝާގެ ކޮޓަރީގެ ދޮރުގައި ޓަކިޖެހިއެވެ. ޚަބަރެއް ނުވުމުން ދެވަނަ ފަހަރަށް ޓަކި ޖަހަން އުޅެނިކޮށް، އުޝާ ދޮރު ހުޅުވާލިއެވެ. ޒައިން ފެނުމާއެކު އުޝާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީތަން ޒައިންއަށް ފެނުނެވެ. އަދިވެސް އޭނާގެ މޫނުމަތީގައިވަނީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ.

" އަދިވެސް ރުޅި އައިސްތަ؟ "

ހީލަމުން ޒައިން އަހާލިއެވެ.

" ތިހެން އަހާއިރުވެސް ޒައިންއަށް އެނގޭނެ އަހަރެން ހިތްހަމަ ނުޖެހުނުވަރު! އަހަންނަކީ ކާކުކަން ޒައިންއަށް ނޭނގެނީތަ؟ އަހަރެންގެ ފެންވަރު ޒައިންއަށް އޮޅިފައެއް ނުވާނެ! އެހެން އަންހެން ކުދިން ހައްދާހެން އަހަރެން ހައްދާނެކަމެއް ނެތް! "

އުޝާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އޭނާ ކިތަންމެ ރުޅިއައިސް ވާހަކަ ދެއްކި ނަމަވެސް، ޒައިން ހުރީ ހެވިފައި ބަލަހައްޓައިގެންނެވެ.

" އަޅެ ތިހާ ރުޅި އަންނަން އަހަރެން ކީއްތަކުރީ؟ ދެން ތިބުނީ އަހަރެން އަންހެން ކުދިން ހައްދަނީއޭ! އަހަރެން ކާކުތަ ހެއްދީ؟ "

" ދެން ހެވޭ! ޒައިން ކަންތައް ކުރިގޮތުން އަހަރެން ވަރަށް ލަދުގަތް! އަހަރެމެން ދެމީހުންނަކީ....." އުޝާގެ ވާހަކަ އެހިސާބަށް ދިޔުމާއެކު ތިރީބައިން އަމީރާ ގޮވާލި އަޑު އިވުނެވެ. އަމީރާގެ އަޑު އިވުމާއެކު ޒައިންއާމެދު ފަރުވާލެއް ނުބަހައްޓާ، އުޝާ ބާރުބާރަށް ކޮޓަރިން ނިކުމެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

" އެމީހުން މިހާރު ލިފްޓަށް އަރައިފި! "

އުޝާއާ ޒައިން ފެނުމާއެކު އަމީރާ ބުންޏެވެ. އޭރުވެސް ފަހުމީގެ މޫނުމަތިން ފެންނަނީ ހިނިތުންވުމުގެ އަސަރުތަކެވެ.

" މެހެމާނުން އަންނަންޏާ މަންމަ ނިކަން ފޯރި ހުންނާނެ ދޯ ޒައިން! "

ފަހުމީ ވާހަކަ ދެއްކީ އުޝާއަށް ބަލަން ހުރެއެވެ. އެއާއެކު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެންމެ ފުރަތަމަ ދޮރާއިދިމާލަށް ދިޔައީ ފަހުމީއާ އަމީރާއެވެ. ސޯފާ ކައިރީގައި ކޮޅަށް އުޝާ އާއި ޒައިން ހުއްޓެވެ. ދޮރު ހުޅުވާލުމާއެކު ފަހުމީ، އޭނާގެ ދުވަސްވީ އެކުވެރިޔާ ނަޒީރުގެ ގައިގައި ބައްދާލިއެވެ. އަމީރާވެސް ސާމިޔާއާ ސަލާމްކޮށްލިއެވެ.

" ހާދަ ދުވަސް ވެއްޖެޔޭ ނުފެންނަނީ؟ ކޮބާތަ ނަދާ؟ " ދޮރާއި ދިމާލަށް ނަޒަރު ހިންގާލަމުން ފަހުމީ ސުވާލުކޮށްލިއެވެ. އެއާއެކު ނަޒީރު ބަލާލީ ސާމިޔާގެ މޫނަށެވެ.

" ލިފްޓަށް އަރައަރާ ހުއްޓާ ނަދާގެ އޮފީހުން ފޯނެއް އައީމަ ނިކުތީ. ބުނި މި އަންނަނީއޭ.." ސާމިޔާ ހެވިލާފައި ހުރެ ބުންޏެވެ.

" އަވަހަަށް އާދޭ ކާއެއްޗެހި ތާޒާކޮށް ހުއްޓާ ކާންފަށަން.! ކޮބާ! ދަރިފުޅާ ޒައިން.. އުޝާ އަވަހަށް އާދޭ ! "

އަމީރާ ލޯތްބާއިއެކު އެހެން ބުނުމުން ނަޒީރާއި ސާމިޔާއަށް ބަލާލެވުނީ އުޝާގެ މޫނަށެވެ. އެއަށްފަހު ސުވާލުގެ ނަޒަރަކުން އަމީރާއާ ދިމާލަށް ބަލާލިއެވެ. އެހިނދު ލުއި ހިނިތުންވުމެއްގައި ހުރެ، އަމީރާ އުޝާގެ ބުރަކަށީގައި ފިރުމާލިއެވެ.

" މިއީ އަހަރެމެންގެ އަންހެން ދަރި! އަހަރެން ބުނީމެއްނު އަންހެން ދަރިއެއް ގެންނާނަމޭ! " އަމީރާ އެހެން ބުނުމުން ފުޅާ ހިނިތުންވުމެއްގައި ހުރެ ސާމިޔާ ނަޒީރަށް ބަލާލިއެވެ.

" އޯހް! އެހެންތަ؟ ޒައިންއަށް ކޮއްކޮއެއް ލިބުނީއޭ ދޯ! މީ ކޮންރަށެއްގެ ކުއްޖެއްތަ؟ މާލޭ ކުއްޖެއްހެން ހީނުވާތީ މިހެން މިއެހީ.. "

އުޝާގެ ބޮލުން ފެށިގެން ފަޔާދިމާލަށް ބަލާލަމުން ސާމިޔާ ބުނެލިއެވެ. އޭނާގެ ރާގުގައި މަލާމާތުގެ އަސަރު ހުރިކަން އުޝާއަށް ފާހަގަކުރެވުނެވެ. ހިނިތުންވާން އުޅެފައި، އުޝާއަށް ހިމޭން ވެވުނީ އެހެންވެގެންނެވެ.

" ފަހުމީ ދިވެހިބޭސްކުރަން ދިޔަ ރަށުން ގެނައި ކުއްޖެއްތީ! މާލޭ ކުދިންނަށްވުރެ މާ ރަނގަޅުވާނެ އެއްނު! "

ލޯތްބާއިއެކު އަނެއްކާވެސް އަމީރާ އުޝާއަށް ބަލާލިއެވެ. ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު ނަދާ ދޮރު ހުޅުވާލިއެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އޭނާއާއި ދިމާލަށެވެ. އަވަސް އަވަހަށް ހިނގާފައި އައި ނަދާގެ މޫނުމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. ނަދާ އައިސް ހުއްޓުނީ ސާމިޔާއިން ގޮނޑި ކައިރީގައެވެ. ކަޅިޖަހާނުލާ ޒައިން ނަދާއަށް ބަލަމުންދާކަން އުޝާއަށް ފާހަގަ ކުރެވުނެވެ.

ނަދާ ލައިފައިހުރި ހުދުކުލައިގެ ހޫޑީއާ ކަޅު ޖިންސް އޭނާއަށް ވަރަށް ގުޅެއެވެ. ރީތިވަރަކަށް ފަލަކޮށް ހުރި ނަދާގެ މުށިކުލައިގެ ކުރު އިސްތަށިގަނޑުވަނީ ދެފަރާތު ކޮނޑުން ކުރިމައްޗަށް ދޫކޮށްލާފައެވެ. ތުންފަތުގައި ޖައްސާފައިވާ ލޭރަތްކުލައިގެ ލިޕްސްޓިކް އޭނާއާ ވަރަށް ގުޅެއެވެ.

" މީހަމަ އަހަރެމެން އުރައިގެން ގެންގުޅުނު ނަދާތަ؟"

ނަދާގެ ކައިރިއަށް އައިސް ހުއްޓެމުން އަމީރާ ބުނެލިއެވެ. އަމީރާ ނަދާގެ ދަތްދޮޅީގައި ހިފާލުމަށްފަހު އޭނާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ.

" ދައްތަ ހާދަ އުފާވެއްޖެޔޭ ނަދާ ފެނުނީމަ! އޭރުވެސް ހަމަ ތިހާ ލޯބިކޮށް އޮންނަނީ ދޯ ސާމިޔާ! "

އޭނާ ނަދާގެ އަތުގައި ހިފައިގެން ގެނެސް އޭނާ ގޮނޑިއެއްގައި ބޭންދިއެވެ.އޭރުވެސް ނަދާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.

" ދެން އެންމެން ކާންވިއްޔޭ! ކައިގެން ދެން ވާހަކަ ދައްކާނީ! "

ފަހުމީ ތަންކޮޅެއް ބާރަށް އެހެން ބުނީ މަޖާ ރާގަަކަށެވެ. އެއާއެކު އެންމެން އެއްފަހަރާ ހޭންފެށިއެވެ.

" ނަދާ! މިއިނީ އަމީދައްތަގެ ދަރިފުޅު ޒައިން.. ތި ދެކުދިން ވިހެއީ ވަރަށް ކައިރި ކައިރީގައޭ! ދެދުވަސް ކަންނޭނގެ ޒައިން ދޮށީވާނީ! "

ކައިގެން ތެދުވަމުންސާމިޔާ ނަދާއަށް ބުނެދިނެވެ. އެއާއެކު ނަދާ، ބޯއަރިކޮށްލާފައި ޒައިންއަށް ބަލާލިއެވެ. މޭޒުކައިރީގައި، ނަދާއަށް އިނދެވުނީ ޒައިންއާއި އެއްފަޅިއެއްގައި ކަމުން އޭނާއަށް އަދި ޒައިން ރަނގަޅަކަށް ނުވެސް ފެނެއެވެ.

" އެހެންތަ؟ ޒައިން ކިޔަވަނީތަ؟ "

ނަދާ އަވަސް އަވަހަށް އަހާލިއެވެ.

" މިހާރު ޓެސްޓް ނަގަނީ...ޓްވެލް ނިމުނީމި! ދެން ކޮންމެވެސް ކޯހެއް ހަދަން ފަށަންވީ! "

ޒައިން ހުރީ ނަދާއާ ވާހަކަ ދައްކަން ބޭނުންވެފައި ކަހަލައެވެ. އޭރު ކައި ނިމިގެން އެހެން މީހުން ސޯފާއާ ދިމާއަށް ދެއެވެ. މޭޒުކައިރީ ތިބީ ނަދާ އަދި ޒައިންގެ އިތުރުން އުޝާއެވެ.

" މީ ކޮންކުއްޖެއް؟ މީވެސް އަމީދައްތަގެ ދަރިއެއްތަ؟ "

އުޝާއަށް އިޝާރާތްކޮށް ނަދާ އަހާލީ ޒައިންގާތުއެވެ. އެއާއެކު ޒައިންއަށް އުޝާއަށް ބަލާލެވުނެވެ. ޒައިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އުޝާއިނީ އެއްވެސް އެއްޗެއް ނުބުނެއެވެ.

" އެއީ... މަންމަ އެޑޮޕްޓްކުރި ކުއްޖެއް! އުޝާ! "

" އޯހް! ސަޅި! ހައި އުޝާ! "

ނަދާ ހެވިލާފައި އިނދެ ބުންޏެވެ. ރައްދުގައި އުޝާވެސް ހިނިތުންވެލިއެވެ.

" ނަދާ އަދި ލަންކާއަށް ދަންތަ؟ " ޒައިން ސުވާލުކޮށްލިއެވެ.

" މްމްމް.. އާނ ދާން ޖެހޭނެ އެއްނު! އަހަރެންވެސް މިއުޅެނީ އޮފީސް މެނޭޖްމަންޓްގެ ކޯހެއް ފަށައިގެން ލަންކާއިން.. ޒައިންވެސް ހިނގާ ލަންކާއަށް ދާން ކިޔަވަން..!"

" މަންމަ ބޭނުމެއް ނުވާނެ ކަންނޭނގެ ޒައިން މަންމަމެންނާ ދުރަށް ދާކަށް! "

ޒައިންއަށްވުރެ ކުރިން ޖަވާބުދިނީ އުޝާއެވެ. އުޝާގެ ޖަވާބުން ޒައިން އެއް މިޔަކަނުން ހީލިއެވެ.

" މަންމަމެން އޯކޭ ވާނެ އަހަރެން ކިޔަވަންޏާ! ކޮންމެ ތަނަކަށް ގޮސްގެންވެސް ކިޔަވައިފިއްޔާ ރަނގަޅެއްނު! "

ޒައިން ވާހަކަ ދެއްކީ އުޝާއަށް ބަލަހައްޓައިގެން ހުރެއެވެ. އޭރުވެސް ނަދާ އިނީ ފޯރީގައި ކާށެވެ.

" އުޝާ ނުކިޔަވަންތަ؟ " މިފަހަރު ނަދާ ސުވާލުކުރީ އުޝާއާއެވެ. އެސުވާލަށް ދޭނެ ޖަވާބެއް އުޝާއަކަށް ނޭނގުނެވެ. އޭނާ އިސްޖަހާލުމުން ޒައިން ވާހަކަ ފެށިއެވެ.

" އުޝާ ރަށުން އައީ ގްރޭޑް ދިހައެއްވެސް ނުނިންމާ! އެހެންވެ އުޝާއަށް ވަރަށް ފުރުޞަތު ހަނިވާނެ އެއްނު! " ޒައިން އެހެން ބުނުމާއެކު ނަދާ ދެކޮނޑުމައްޗަށް އަރުވާލިއެވެ.

" އޯހް.. ހާދަ ދެރައޭ! މިޒަމާނުގަ ކިޔަވައިގެން ވަޒީފާ އަދާކޮށްގެން އުޅެވޭނީ! ނުކިޔަވަންޏާ އިންނާނެ މީހަކުވެސް ނުވާނެ! " ނަދާގެ ޖުމްލައިން ޒައިންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަތުގައިއޮތް އުލާ، ސަމްސާ ތަށިތެރެއަށް ދޫކޮށްލުމަށްފަހު އޭނާ ހޭންފެށިއެވެ. ޒައިން ހޭންފެށުމުން އުޝާ އިނީ ވަރަށް ހިތުގައި ޖެހި، ލަދުގަނެފައެވެ. ނަމަވެސް ގަދަކަމުން ކަހަލަ ގޮތަކަށް ތުންފަތްމައްޗަށް ހިނިތުންވުން ވެރިކުރުވިއެވެ. ނަދާވެސް އޭރު ޒައިންއާ އެއްބައިވެގެން ހެމުންދިޔައެވެ.

" އެކިމީހުންގެ ދިރިއުޅުމުގައި ދިމާވާނީ އެކި ކަހަލަ ކަންތައްތައް! ފަހަރެއްގައި ވެދާނެ އަހަރެންގެ ނަސީބު، ތިމީހުންނަށްވުރެ ދެރައީކަމަށްވެސް.."

މަޑުމައިތިރިކަމާއެކު އެހެން ބުނުމަށްފަހު އުޝާ ތެދުވިއެވެ. އަދި ހުސްވެފައި ހުރި ތަށިތައް އެއްތަން ކުރަން ފެށިއެވެ. ޒައިން މައިތިރިވީ އެހިސާބުންނެވެ. އުޝާ ތެދުވުމުން ނަދާވެސް ތެދުވެއްޖެއެވެ.

" އެއީ އަހަރެން ސީރިއަސްވެގެން ބުނި އެއްޗެއް ނޫން އިނގޭ! "

ހެވިފައިހުރެ އެހެން ބުނެލުމަށްފަހު ނަދާ ބަލާލީ ޒައިންއަށެވެ. ނަދާގެ ބެލުމުގައި ތަފާތުކަމެއް ހުރިކަން ޒައިންއަށް ފާހަގަކުރެވުނެވެ. ހީލާފައި ނަދާ ހިނގައިގަތީ ސޯފާގައި ތިބި އޭނާގެ މަންމަމެންނާ ދިމާލަށެވެ.

" އޭ! ދެރަވީތަ؟" ނަދާ ދިޔުމާއެކު ޒައިން އެހިއެވެ. ނަމަވެސް އުޝާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ، ތަށިތައް ހިފައިގެން ބަދިގެ ބަޔަށް ވަނެވެ. ފަހަތުން ޒައިންވެސް ދިޔައެވެ.

" ބުނެބަލަ! ރުޅިއައީތަ؟ އަދިވެސް އެއްކަލަ ކަންތަކާ ރުޅި އައިސްދޯ! " ބަދިގެ ފާރުގައި ލެނގިލަމުން ޒައިން އަހާލިއެވެ. އޭރު ސިންކު ކައިރީ ހުރެ، އުޝާ ތަށިތައް ދޮންނަން ފަށައިފިއެވެ.

"އާނ.. އެކަންތަކާވެސް އަހަރެން ހިތްހަމައެއްނުޖެހޭ! އަދި ކޮންމެހެން މީހަކު އެއްޗެއް ބުނީމަ އެމީހަކާ އެއްބައިގަ އެވަރަށް ހީނެހެދިޔަސް އަހަންނަށް އެނގެޔޭ ޒައިންމެންނާ އަހަރެންގެ ހުރި ފަރަގު!" ޒައިންއާ ދިމާލަށް ބަލާވެސް ނުލާހުރެ، އުޝާ ބުންޏެވެ. އުޝާ ހަމަ ރަނގަޅަށްވެސް ދެރަވެއްޖެކަން އެނގުމުން އިތުރަށް އެއްޗެއް ބުނާކަށް ޒައިން ބޭނުމެއްނުވިއެވެ.

" އޯކޭ! ސޮރީ ދެން... " ޒައިން ބޭނުންވީ އަވަހަށް އެތަނުން ނިކުންނާށެވެ. އޭނާ ދިޔުމާއެކު ބޭއިޙްތިޔާރުގައި އުޝާގެ ލޮލުން ކަރުނަ ހިލެންފެށިއެވެ. ބަދިގެބައިން އޭނާ ނިކުތް އިރު، ނަދާމެން ގޮއްސިއެވެ. ނަމަވެސް އަމީރާމެން އޭރުވެސް ތިބީ ސޯފާގައެވެ.

" ދޭބަލަ ދެން ނަދާ ގޮވައިގެން ދުއްވާލަން މިރޭ! އެބުނީނު މާދަމާ ފުރާ ވާހަކަ! "

އުޝާ އެހިސާބަށް އަރާ ހަމަވުމާއެކު، އަމީރާ ބުނެލިއެވެ. ޒައިންއަށް އަނެއްކާވެސް ބަލާލެވުނީ އުޝާގެ މޫނަށެވެ. ޒައިންއަށް ފެންނަ ގޮތުން އެދެލޮލުން ހީވަނީ ނުދާށޭ ބުނާ ހެންނެވެ.

" ކީއްތަވާނީ! އެހެން ނޫނަސް މަންމަ ވަރަށް ލޯބިވާ ކުއްޖެއް އެއީ.. ސާމިޔާމެންގެ ރަނގަޅުކަން އެބަހުރި ނަދާގެވެސް.. ކިހާ ގުޅޭ އެންމެންނާވެސް..."

އަމީރާ މާވަރަކަށް ނަދާގެ ރަނގަޅު ވާހަކަ ޒައިންގާތު ދައްކަންޖެހޭ ސަބަބެއް އުޝާއަކަށް ނުވިސްނުނެވެ. އޭރު ފޯނަށް ގެއްލިފައި ފަހުމީވެސް އެތަނުަގައި އިނެވެ.

" އޯކޭ މަންމާ! ނަދާގާތު ބުނޭ އަހަރެން ދާނެޔޭ ބަލާ!" އެންމެ ފަހުން ޒައިން ބުނެލިއެވެ.

" އަޅެ ދަރިފުޅު ގުޅާފަ ބުނެބަލަ! މަންމަގެ ފޯނުގަ ސޭވްކޮށްފަ އެދިޔައީ ވައިބަރ ނަންބަރު. ވައިބަރ އިން ގުޅާފަ ވާހަކަ ދައްކާލަބަލަ! އޭނަ ކިހާ ވަރަކަށް ކީ ސައިކަލް ދުއްވާލަން ދާހިތްވާ ވާހަކަ. ޒައިން ރަނގަޅުދޯ އެވަގުތު ބުނިނަމަ.."

އުޝާއަށް އަދިވެސް ހުރީ ވާނުވާ ނޭނގިފައެވެ. އަމީރާ ބޭނުންވަނީ ނަދާއާ ޒައިން ގުޅުވަންކަން އުޝާއަށް ޝައްކުވާންފެށި ހިސާބުން އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އުނދަގުލެއްވާން ފެށިއެވެ. އަމީރާ ޒައިންއާ ވާހަކަ ދައްކަން އިންދާ އުޝާ ތެދުވެގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

" އުޝާ! މަޑުކޮށްބަލަ! "

ކޮޓަރިއަށް ވަދެވަދެ ހުރި އުޝާ މަޑުކޮށްލީ ދުވެފައި ސިޑިން އަރައިގެން އަންނަ ޒައިންގެ އަޑަށެވެ. އޭރު ޒައިން ވަރަށް ބާރަށް އާދެއެވެ.

" ހާދަ މޫޑީވެެގެން އައިހެން ހީވެޔޭ! ޖޭ ވީތަ؟" އުޝާގެ ކުރިމަތީގައި ހުއްޓި ޒައިން އަހާލިއެވެ. އެއާއެކު އުޝާ އެއްމިޔަކަނުން ހީލަމުން ފާރުގައި ލެނގިލިއެވެ.

" ހުއް! އަހަރެން ކޮންކަމަކާ ޖޭ ވާންވީ؟ އެހެން ނޫނަސް އަހަރެން މީ ސައިކަލް ދުއްވަން އެހާ އިންޓްރެސްޓް ހުންނަ މީހެއްނޫން.. އަމުދުން ޒައިންއާ އެކު... "

އުޝާ އެހެން ބުނެ އަނެއްކާވެސް ކޮޓަރިއަށް ވަންނަން އުޅުނެވެ. ނަމަވެސް މިފަަހަރު ކޮޓަރީގެ ދޮރުމަތީގައި ޒައިން ހުއްޓުނީ އުޝާއަށް ނުވަދެވޭނެ ގޮތަށެވެ.

" އަހަރެން ހަމަ ދާންވީތަ؟ ނަދާ ގޮވައިގެން..؟"

ސީރިއަސް ރާގެއްގައި ޒައިން އުޝާގާތު އެހިއެވެ. އެއާއެކު ދެމީހުންގެ ހަތަރުކަޅި ބައްދަލްވެއްޖެއެވެ. އުޝާއަށް ޒައިންގެ ދެލޮލުން ތަފާތުކަމެއް ފާހަގަ ކުރެވޭއިރު ޒައިންއަށް ފެންނަނީ އުޝާގެ ދެލޮލުން ސާފު ލޯތްބެވެ.

" ދާންވީތަ؟ " އަނެއްކާވެސް މަޑުމަޑުން ޒައިން އެހިއެވެ.

" ޒައިން ހުއްޓުވަން އަހަރެން މީ ކާކު؟ " އުޝާވެސް ކޮއްލީ ސުވާލެކެވެ. އެސުވާލަށް ޖަވާބު ދޭކަށް ޒައިންއަކަށް ނޭނގުނެވެ. ޒައިން އެއްވެސް އެއްޗެއް ނުބުނެ އެއްފަރާތަކަށް ޖެހިލިއެވެ. އުޝާ އަވަސް އަވަހަށް ކޮޓަރި ތެރެއަށް ދެމިގަނެ ދޮރު ލެއްޕިއެވެ.

ރޭގަނޑު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. އުޝާ ތިރިއަށް ފޭބީ ފެންފުޅިއެއް ބަލައެވެ. ބަދިގެއަށް ވަދެ ވަދެ ހުއްޓާ، ސިޓިންރޫމް ދޮރު ހުޅުވުނެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ އެތެރެއަށްވަނީ ޒައިންއާ ނަދާއެވެ. ނަދާ ފެނި އުޝާގެ ދެލޯބޮޑުވެގެން ދިޔައެވެ. ގަޔަށް ބާރު ކުރު ޓޮަޕަކާއި ކަކުލުން މައްޗަށް އަރާ، ބާރު ސްކާރޓްކޮޅެއް ލައިފައި ހުރުމުގެ ސަބަބުން އޭނާގެ ފައިން ބޮޑުބައެއް ހާމަވާންއޮތެވެ. ޒައިންއަށް އުޝާ ފެނުމާއެކު ހުއްޓެވުނެވެ. އުޝާގެ މާޔޫސީ މޫނުފެނި ޒައިންގެ ހިތަށް ތަދުވިކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އުޝާ އިތުރަށް މަޑުނުކޮށް ބަދިގެއަށް ވަނުމާއެކު ނަދާ އެދިމާލަށް ހިނގައިގަތެވެ. ޒައިން ދިޔައީ ސިޑިއާއި ދިމާލަށެވެ.

" ހައި އުޝާ! ނުވެސް ނިދަންތަ؟"

ނަދާ ހެވިލާފައި އެހިއެވެ. އައިސްއަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު އުޝާ ނަދާއަށް ބަލާލިއެވެ.

" ނޫނޭ! ނިދަން މިދަނީ! "

" އަހަރެންވެސް ޒައިން އަތުން ސްޓޯރީފޮތެއް ނަގައިގެން ދެން މިދަނީ ގެއަށްދާން..މާ ސްޓޯރީ ކިޔާ މީހެކޯ އެއީ! މިއައީ ޒައިންއާއެކު މުޅި މާލޭގަ ބުރު ޖަހާލާފަ! ހުޅުމާލެ އަސްލު މާސަޅި! ވަރަށް ހިތްފަސޭހަ! އެ ބީޗްތައް ވަރަށް ހަބޭސް.."

ނަދާގެ ރާގުގައިވަނީ އުފާވެރިކަމެވެ.

" ބީޗްތަކަށްވެސް ދިޔައިންތަ؟ " ތެޅިތެޅި އޮތް ހިތަކައިގެން އުޝާ އަހާލިއެވެ.

" ހޫމް.. ދިޔައީމޭ! އެތާ ވެލިގަނޑުގަ ތިބެލަން އަސްލު ވަރަށް ރޮމޭންޓިކް..! "

ނަދާ އެހެން ބުނެލިއިރު ޒައިން އައިސް ހުރީ، ބަދިގޭގެ ދޮރުމަތީގައެވެ. ޒައިން ފެނުމާއެކު އުޝާއަށް އިސްޖަހާލެވުނީ އޭނާގެ މޫނަށް ބަލާލާނެ ހިތްވަރު ނެތިގެން ކަހަލަ ގޮތަކަށެވެ.

" ދޯ ޒައިން! ހުޅުމާލެ ބީޗްތައް ވަރަށް ސަޅިއެއްނު..ކިހާ އަރާމް.. އަދިވެސް ދާހިތްވޭ! އުޝާވެސް ބިޓެއް ނަގައިގެން ދާންވީއޭ ތަންތަން ބަލާލަން.. ތިހެން ގޭގަ އިންނަންޏާ ނުފެންނާނެ އެއްނު ބިޓެއްވެސް.."

ހެމުން ހެމުން ނަދާ ބުންޏެވެ. އުޝާ އެއްވެސް އެއްޗެއް ނުބުނެ ޒައިންގެ ކުރިމަތިންގޮސް ނިކުތެވެ.

" އޭނަ އެ ވަރަށް ސީރިއަސް މީހެއްތަ؟ އެހާ ވާހަކައެއް ނުދައްކާދޯ! "

ޒައިންއަށް ބަލާލަމުން ނަދާ ބުންޏެވެ. އެއާއެކު ޒައިން ހިނިތުންވެލަމުން، އޭނާގެ އަތުގައި އޮތް އިނގިރޭސި ވާހަކަފޮތް ދިއްކޮށްލިއެވެ.

" ދެން.. އަހަރެން ހުއްޓާ ތިކަހަލަ ވާހަކަތައް ދައްކަންޏާ ލަދުގަންނާނެ އެއްނު! އެއީ މަގޭ ކޮއްކޮއެއްނު! "

" އޯހް.. ސޮރީ ސޮރީ! އޯކޭ މަ ގެއަށް ލައިދޭން ހިނގާ! މާދަމާ ހެނދުނު އެއާޕޯރޓަށްވެސް ދާންޖެހޭ..."

ފޮތުގައި ހިފަމުން ނަދާ ވާހަކަ ދެއްކިއެވެ.

ޖެހިގެން އައިދުވަހެވެ. އަމީރާއާ ފަހުމީ އެއާޕޯޓަށްދިޔައީ ނަޒީރުގެ އާއިލާ ފުރުވާށެވެ. ވަގުތުގެ ބޭނުންހިފާ ޒައިން އުޝާގެ ކޮޓަރި ދޮރުގައި ޓަކިޖަހާލިއެވެ. އެއާއެކު ކާކުހޭ ގޮވަމުން އައިސް އުޝާ ދޮރުހުޅުވާލިއެވެ. އެހިނދު ކޮޓަރި ތެރެއަށް ޒައިން ދެމިގަތީ ނުހަނު އަވަސް އަވަހަށެވެ.

" ޒައިން؟ ކީއްކުރަން މިތަނަށް ތިވަނީ؟" ހާސްވެފަައި ހުރެ އުޝާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ވަގުތުން ޒައިން އުޝާގެ ދެކޮނޑުގައި ހިފާ، އުޝާގެ ބުރަކަށި ފާރުގައި ޖައްސާ ފިއްތާލިއެވެ.

" ކީއްވެ ސިއްރު ތިކުރަނީ؟ ކީއްވެ ނުބުނެވިގެން ތިއުޅެނީ؟ ބުނަން ނުކެރިގެންތަ ތިއުޅެނީ؟ "

އެއްފައްޗަަކަށް ޒައިން ސުވާލުތައް އަމުނާލިއެވެ. އެއާއެކު އުޝާ މަސައްކަތްކުރީ ޒައިންގެ އަތްދަށުން ސަލާމަތްވާށެވެ.

" ނުދެވޭނެ! ޖަވާބު ދިނީމަ ދެވޭނީ! ލޮލުން ބޮލުން އަހަންނަށް ކުރާ އިޝާރާތްތައް ނޭނގޭތީއެއްނޫނޭ މަ މަޑުން މި ހުންނަނީ.. އުޝާއަށް ނޭނގުނަސް އުޝާގެ ކޮންމެ ބަލާލުމަކާ، ކޮންމެ އިސްޖަހާލުމެއްގެ މާނަވެސް އަހަންނަށް އެނގޭ! ކޮންކަމަކާ ބިރުން ތިއުޅެނީ؟ ތެދަށް ބުނެބަލަ!"

ޒައިން ވާހަކަ ދެއްކީ ،ދެލޯމަރާ ބާރުކޮށްގެން ހުރި އުޝާގެ ކަންފަތްދޮށުގައި ވައި އަޑުންނެވެ.

" ދެން އަހަރެން ކީކޭތަ ކިޔަންވީ؟ އަހަރެންގެ ހިތުގެ އަޑު އިވޭތީތަ ރޭގަ ހުޅުމާލެ އަތިރިމަތީގަ ނަދާ ގޮވައިގެން ރޮމޭންޓިކް ވަގުތުތައް ހޭދަކުރީ؟ "

އެންމެ ފަހުން ކެތްތެރިކަން ކޮޅުން ލުމުން އުޝާއަށް ބުނެލެވުނެވެ. އެއާއެކު ޒައިން އުޝާއާ ދުރަށް ޖެހިލިއެވެ. އަދި ދެޖީބަށް އަތް ޖަހާލަމުން ފަހަތަށް ޖެހުނެވެ.

" އަހަރެން؟ އަހަންނެއް ނުދަން.. އެތަނަށް މަޑުކޮށްލީމަ އޭނަ ދިޔައީ ބީޗަށް.. އަހަރެން އިނީ ސައިކްމަތީގަ! އެކަމާ އުޝާ ދެރަވީތަ؟ " ޒައިން އަނެއްކާވެސް އަހާލިއެވެ. އުޝާ ޖަވާބެއް ނުދިނުމުން ޒައިން އުޝާއަށް ފުރަގަސްދެމުން ވާހަކަ ދެއްކިއެވެ.

" އަހަރެން މިދަނީ މި ދޮރުން ނިކުމެގެން ދާން... އުޝާ އަހަރެންދެކެ ލޯބި ވަންޏާ އަހަރެން ނިކުތުމުގެ ކުރިން އުޝާ އަހަންނާ ހަމައަށް އަންނާނެ! "

ޒައިން އެހެން ބުނެ މަޑުމަޑުން ހިނގައިގަތީ ކޮޓަރި ދޮރާއި ދިމާލަށެވެ. އަދި ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާލުމާއެކު ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ދުވެފައި އައިސް އުޝާ އޭނާގެ ބުރަކަށީގައި ތަތްވުމުންނެވެ. އެހިނދު ޒައިންގެ މޫނުމައްޗަށް އުފާވެރިކަމުގެ ކުލަވަރު ވެރިވެގަތެވެ.

" އަހަރެން... ޒައިންދެކެ ވަރަށް ލޯބިވޭ!.. ވަރަށް ބޮޑަށް ލޯބިވޭ! "

އުޝާ އެހެން ބުނުމާއެކު ޒައިން އެނބުރިލިއެވެ. އަދި އުޝާގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

" އަހަންނަށް އެނގެޔޭ އެކަން.. އުޝާ ލައްވާ ބުނުވަން އަހަރެން ބޭނުންވީ.."

" ޕްލީޒް.. މަންމަމެންގާތު ނުބުނައްޗޭ! ޕްލީޒް.. އަހަރެން ވަރަށް ބިރުގަނޭ!.." ޒައިންގެ އަތުގައި ހިފަމުން އުޝާ ބުންޏެވެ. އެއާއެކު ޒައިން ބޯޖަހާލަމުން އުޝާގެ އަތަށް ފިތާލިއެވެ.

" ހޫމް.. ނުބުނާނަން! އަހަރެންވެސް ބޭނުމެއްނުވޭ އަދި ބުނާކަށް! "

އުޝާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ޒައިން އެހެން ބުނުމުންނެވެ.

" ޒައިން އަހަރެންދެކެ ލޯތްބެއް ނުވޭތަ؟ ޒައިން ނުބުނަމެއްނު ލޯބިވާ ވާހަކައެއް! " އުޝާ ކަންބޮޑުވުން ފާޅު ކުރިއެވެ. އެއާއެކު ޒައިން ހިނިގަނޑެއް ޖަހާލިއެވެ.

" އަހަރެން ލޯބިވާތީއެއްނު އުޝާގެ ހިތުގައި އޮތް އެއްޗެއް މި ހޯދީ! މޮޔަގަނޑު! "

އެއާއެކު ދެމީހުންނަށް ހޭންފެށުނީ އެއްފަހަރާއެވެ.

އުޝާގާތު ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ޒައިން އައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަތްގޮތަށް އޭނާ ފޯންނަގާ އެނދުމަތީގައި އޮށޯތެވެ.

" އޯތް ޒައިން ކީކޭ؟ "

ޒައިން ގުޅީ އޭނާގެ ބެސްޓްފްރެންޑް މާނިޙްއަށެވެ.

"އޭ! ގޭގަ އިންދާ ރަންފޮއްޓެއް ލައްގައިފި!"

ޒައިން ހެމުން ހެމުން ބުންޏެވެ. ޒައިން ދައްކާ ވާހަކަ ސާފު ނުވެގެން މާނިޙް ރުޅިގަދަވިއެވެ.

" އެއްކަލަމީހާ! ތަންކޮޅެއް ތިލަކޮށް ކިޔާބަލަ! ޔަޤީނޭ އަންހެން ކުއްޖެއްގެ ވާހަކަ ތިދައްކަނީ.."

" އާނއެކޭ! މިގޭގަ އެބައުޅެއްނު އުޝާ! އޭނަ މަ ދެކެ ލޯބިވަނިއްޔޯ! " ހިނިގަނޑެއް ޖަހާލަމުން ޒައިން ބުންޏެވެ. އެއާއެކު މާނިޙްއަށް ލިބުނީ ސިހުމެކެވެ.

" އޭ! ކަލޭ އޭނަ ނުތަޅުވާ! އެއީ ނުލާހިކު ނިކަމެތި ކުއްޖެއްނު! "

" މަޑުކޮށްބަލަ އިހަށް! މަށަށް އެހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެޔޭ! " ޒައިން ހުރިހާ ވާހަކައެއް މާނިޙްއަށް ކިޔަދިނެވެ.

" ހެޔޮނުވާނެ އެކުއްޖާފުޅު ނުހައްދާތި! ކަލޭ ތިކުޅެލީ މައުސޫމް އަންހެން ކުއްޖެއްތެ ހިތާއޭ! " މާނިޙް ހުރީ އެއްގޮތަކަށްވެސް އެއްބަސްވާ ގޮތަކަށް ނޫނެވެ.

" އެންމެ ފަހުން ކަލޭ މަންމަމެން އެމަންޖެ ދެކެ ރުޅިއައިސް ރަށަށް ކަންނޭނގެ ފޮނުވާލާނީ.." އަނެއްކާވެސް މާނިޙް ބުނެލިއެވެ.

" ނޫނޭ ނޫނޭ! ތިހެން ވާނީ މިކަން ބަސްޓް ވިއްޔާތާ! މަންމަމެންނަކަށް ނޭނގޭނެ! އެނގުނަ ނުވެސް ދޭނަން. މަ ހަމަ އޭނަ ޓެސްޓްކޮށްލީ! މަ ބުނީމެއްނު ލޯތްބަކީ މަ ޤަބޫލުކުރާއެއްޗެއް ނޫނޭ! ލޯބި ވެވިދާނެ ކޮންމެ މީހެއް ދެކެވެސް.. އަދި މަ ޙަޤީޤީ ލޯބިވާ މީހަކު ދިމާލެއް ނުވޭ! "

ޒައިން ބުންޏެވެ.ޒައިންގެ ވާހަކަތައް އަޑުއިވި މާނިޙް ހުރީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ޒައިންއަކީ ބޭނުންވާ ކޮންމެ ކަމެއް ކުރާނެ މީހެކެވެ. އެހެންކަމުން ކޮންމެ ކަމެއްގައިވެސް ފުރަތަމަ ދޫދޭނީ މާނިޙްއެވެ. ދެމީހުންގެ އެކުވެރިކަމަށްޓަކައި މާނިޙްއަށް ފެންނަ އެންމެ ރަނގަޅު ގޮތަކީވެސް އެއީއެވެ.

" އިރާދަކުރެއްވިއްޔާ ކަލެއަށް އުޝާދެކެ އަދި ލޯބިވެވޭނެ! " މާނިޙް ބުންޏެވެ.

" ނުވެވޭނެ! ދުވަހަކުވެސް ނުވެވޭނެ!އެއީ މަގޭ ސްޓައިލެއްނޫން. އެހާ ކަޓު ސްޓައިލެއް ކަމަކު ނުދޭ! މަބުނީމެއްނު ނަދާގެ ވާހަކަ! ދެޓް އިޒް މައި ޓައިޕް! އައި ލައިކް ހަރ! "

ހިނިގަނޑެއް ޖަހާލަމުން ޒައިން ބުންޏެވެ.

( ނުނިމޭ)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (5)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (5)

(ނިމުނީ)