ކުރީގެ ޢަދަދާއިގުޅޭ،

އުޝާގެ ތުންފަތުގައި އިނގިލި ޖައްސާލުމަށްފަހު ޒައިން އެދުނީ ވާހަކަ ނުދެއްކުމަށެވެ. އުޝާގެ އުނަގަނޑުގައި އަތް އަޅުވާލާ އޭނާއާއި ދިމާއަށް ދަމާލުމަށްފަހު ޒައިން، ކޮޓަރީގެ ބޮކި ނިއްވާލިއެވެ. އޭރުވެސް ޒައިންގެ އެދުމަށް އުޝާ އިންކާރު ކުރަމުންދިޔައެވެ. ނަމަވެސް ވަކި ހިސާބަކުން އުޝާއަށް ޖެހުނީ ޒައިންގެ ކުރިމަތީގައި ލަދުވެތިކަމުގެ ފިޔަ ތިރިކޮށްލާށެވެ.

Ad
rt

ސިހިފައި އުޝާއަށް ހޭލެވުމާއެކު ހިތް ނުތަނަވަސްވެގެން ދިޔައެވެ. އޭނާއަށް އޮވެވުނީ ޒައިންގެ ތަނަވަސް މޭމަތީ ބޯއަޅާލައިގެންނެވެ. އޭރުވެސް ޒައިން އޮތީ ގަދަ ނިދީގައެވެ. ތެޅިގަނެފައި އުޝާ ތެދުވުމާއެކު ޒައިންއަށްވެސް ހޭލެވިއްޖެއެވެ. ލޯހުޅުވާލުމާއެކު ފެނުނީ އުޝާ އަވަސް އަވަހަށް ފާޚާނާއަށް ވަންނަ މަންޒަރެވެ. ކަންނެތް ގޮތަކަށް ހެވިފައި އޮވެ، ޒައިން ތެދުވެ، އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ.

" ހާދަ ހާސްވެފަ؟ "

އުޝާ ނިކުތުމާއެކު ޒައިން ބުނެލިއެވެ. އޭރުވެސް އުޝާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.

" ލަދުންތަ؟ އަދިވެސް އަހަރެން ދެކެ ލަދުގަނޭތަ؟ "

ޒައިން އެހެން ބުނުމާއެކު އުޝާ މަޑުމަޑުން ހިނގާފައި ގޮސް އެނދުގެ މަގަތުގައި އިށީނެވެ. އަދި އިސްޖަހާލައިގެން އިދެ ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ވަރަށް ބިރުގަނޭ ޒައިން! މިކުރެވުނީ ރަނގަޅު ކަމެއްނޫން...! "

އުޝާ އެހެން ބުނުމުން ޒައިން ތެދުވެގެން އައިސް އުޝާއާ ދާދި ގާތުގައި އިށީނދެލިއެވެ. އަދި އުޝާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

" އެކަމަކު.. ދެން ކުރާނެކަމެއް ނެތް! "

އާދައިގެ ގޮތަކަށް ޒައިން އެހެން ބުނެލުމުން އުޝާ ދެރަވިއެވެ. އެހެންކަމުން އޭނާ ޒައިންގެ އަތުގެ ތެރެއިން އަތް ދަމައިގަތުމަށްފަހު އަސަރާއެކު ޒައިންއަށް ބަލާލިއެވެ.

" އަހަރެން ޒައިންއަށް އިތުބާރު ކުރަންވީތަ؟ މުޅި އުމުރަށް ޒައިންގެ މީހަކަށް އަހަރެން ވާނެކަމަށް އުއްމީދު ކުރަންވީތަ؟ ޒައިން އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރަންވީތަ؟ ބުނެބަލަ! "

ލަސްލަހުން އުޝާ ކުރި ސުވާލުތަކަށް ދޭނެ ޖަވާބެއް ޒައިންގެ ދުލަކަށް ނައެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާއަށް އިނދެވުނީ ދުރަށް ބަލަހައްޓައިގެންނެވެ.

" ޒައިންއަށް ނޭނގުނަސް އަހަރެން ޒައިންދެކެ ހާދަ ލޯތްބެއް ވެޔޭ! އަހަންނަށް ޒައިން ގެއްލިދާނެތީ ބިރުހީވޭ! އަހަރެން ބޭނުންވަނީ ޒައިންގެ މީހަކަށް ވާން! މުޅި އުމުރަށް ޒައިންގެ މީހަކަށް ވާން.!"

އަނެއްކާވެސް އުޝާ ޒައިންގެ އަތްމަތީ އަތް ބާއްވާލިއެވެ.

" އަދި ތިކަމަށް ވަގުތު ނަގާނެކަން އުޝާއަށް އެނގެއެއްނު! އަހަރެމެން ދެމީހުން ގުޅިގެން މިއުޅެނީ މަންމަމެންނަށް ނޭނގި! އެމީހުންގާތު ބުނަން އަހަރެން އަދި ވަގުތު ބޭނުން! އެމީހުން ދެކެނީ އަހަރެމެން މިއީ ދެބެންގެ ގޮތުގައި. ކުއްލިއަކަށް ކައިވެންޏާ ހަމައަށްދާން އެދުނީމަ ނޭނގެ މަންމަމެންގެ ރިއެކްޝަން އަންނާނީ ކިހިނެއްކަމެއްވެސް.! އުޝާ ނުވިސްނައްޗޭ މާބޮޑަށް.! އަހަންނަށް ޓްރަސްޓް ކުރޭ! އަހަރެން އެކަންތައް ކުރިއަށް ގެންދާނަން.. މަންމަމެންނާ ޑީލް ކުރާނީ އަހަރެން! "

ހިނިތުންވެލަމުން ޒައިން އުޝާގެ ބުރަކަށީގައި ފިރުމާލިއެވެ. އެއާއިއެކު އުޝާ ، ޒައިންގެ ކޮނޑުގައި ބޯޖައްސާލަމުން ވާހަކަ ދައްކަންފެށިއެވެ.

" މިސާލަކަށް މަންމަމެން ނޫނެކޭ ބުނިއްޔާ؟ "

" ނޫނެކޭ ނުބުނާނެ! ބުނެފީމެއްނު ތިވަރަށް ނުވިސްނާށޭ! އަހަރެން ކިޔަވައިގެން އައިސް އުޝާއާ މެރީކުރާނަމޭ! އަހަރެންގެ ނިންމުމަށް މަންމަމެން ދެކޮޅެއް ނަހަދާނެ! "

ހަމަޖެހޭގޮތް ދައްކަމުން ޒައިން ބުންޏެވެ. ހަމަ އެވަގުތެވެ. އުޝާގެ ފޯނުން ފަތިސްނަމާދު ބަންގީގެ އަޑު އިޢުލާންކުރަން ފެށިއެވެ.

" މަންމަމެން ހޭލާނެ މިހާރު! އަވަހަށް ދޭ! އަވަސް .. "

ތެޅިގަނެފައި ޒައިން އެހެން ބުނުމާއެކު އުޝާ ތެދުވިއެވެ. އޭނާ ހިނގައިގަތްއިރުގައިވެސް ޒައިން އިނީ އެނދުމަތީގައެވެ.

" އެންމެ ފަހު ފަހަރަށް ހަގެއް ނުދޭނަންތަ؟ "

ފަސްއެނބުރި ބަލާލުމަށްފަހު އުޝާ އެހެން ބުނުމުން ޒައިން ތެދުވެގެން އައިސް އުޝާގެ ގައިގައި ބައްދާލިއެވެ.

" ކޮންމެތާކު އުޅުނަސް.. ކިތަންމެ ރީތި ކުދިން ފެނުނަސް އަހަރެން މަތިން ހަނދާން ނައްތާ ނުލައްޗޭ! ތީ އަބަދުވެސް އަހަރެންގެ މީހެއް! އެކަން ހަނދާން ކުރާތި! "

ޒައިންގެ ދަތްދޮޅީގައި ހިފާލަމުން އުޝާ ބުނެލިއެވެ. އެއާއެކު އުޝާގެ ގައިން ދޫކޮށްލަމުން ޒައިން އުޝާގެ ދެކޮލުގައި ހިފާލަމުން ހޭންފެށިއެވެ.

" އޯކޭ މެޑަމް.. ހަނދާނުގައި ހުންނާނެ! ދެންވެސް އަވަހަށް ދޭބަލަ! "

އުޝާގެ ދެކޮނޑުގައި ހިފާ އޭނާ، ދޮރާއި ދިމާލަށް އަނބުރާލިއެވެ. އަދި އޭނާގެ ބުރަކަށީގައި އަތްޖައްސާލުމަށްފަހު އުޝާ ފޮނުވާލިއެވެ. ޒައިން އެހެން ކަންތައް ކުރުމުން ޙަޤީޤަތުގައި އުޝާ ވަރަށް ދެރަވިއެވެ. ނަމަވެސް ދެކޮޅު ނަހަދާ އޭނާ ނިކުމެގެން ދިޔައެވެ. އުޝާ ދިޔުމާއެކު ޒައިން އަވަސް އަވަހަށް ދޮރުތަޅުލިއެވެ. އެއަށްފަހު ދެފަރާތަށް ބޯހޫރާލަމުން އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

" އަންހެނަކާ ވައި އެޅިލިޔަސް ތަތްވަނީ... "

ކުދިކިޔަމުން ގޮސް އޭނާ އަނެއްކާވެސް އެނދުމައްޗަށް ޖެހިގަތެވެ.

ފުރަންދާން ތައްޔާރުވެގެން އަމީރާއާ ފަހުމީ ސިޓިންގރޫމްގައި ތިބީ ޒައިންގެ އިންތިޒާރުގައެވެ.

" އުޝާ ނާދޭތަ؟ "

ފޮށި ހިފައިގެން ސިޑިން ފައިބަމުން އަންނަ ޒައިންގާތު ފަހުމީ އަހާލިއެވެ. އެއާއެކު ޒައިން ދެކޮނޑުއަރުވާލީ ނޭނގެއޭ ބުނާކަހަލަ ގޮތަކަށެވެ.

" އަނ އެއަންނަނީނު! "

ފަހުމީ ހިނިތުންވެލަމުން އަމީރާއަށް އުޝާ ދެެއްކިއެވެ. އޭރު ޒައިންވެސް އައިސް ފަހުމީމެންގާތު މަޑުކޮށްލިއެވެ.

" ދަރިފުޅު ހާދަ ވަރަކަށް ރޮއިފަ ހުރިހެން ހީވެޔޭ! ހާދަ ބޮޑަކަށް ދެރަވެފަ! އަޅޭ މަންމަމެން ދެދުވަހެއްވަރު ފަހުން އަންނާނަމޭ! "

އުޝާ ފެނުމާއެކު އޭނާ ދެރަވެފައިހުރިކަން އަމީރާ ދެނެގަނެފިއެވެ. އޭނާ ލޯތްބާއިއެކު އުޝާގެ ގައިގައި ބައްދާލުމުން ފަހުމީވެސް އުޝާގެ ބޮލުގައި ފިރުމާލިއެވެ.

" ދަރިފުޅު ބުނީއެެއްނު ނުދާނަމޭ! އެހެން ނޫންނަމަ އާއިލާ ބުރެއް ޖަހާލެވުނީސް. ދަރިފުޅު ނުދާތީވެ މަންމަމެން އިތުރު ތަނަކަށް ނުގޮސް އެނބުރި އަންނަން ނިންމައިގެން މިދަނީވެސް.."

އަމީރާ ކަންތައްބޮޑުވީ އުޝާ ދެރަވެފައިހުރި ވަރުންނެވެ. ސިއްރު ސިއްރުން ޒައިން އުޝާއަށް ބަލާކަން އުޝާއަށް އެނގުނެވެ.

" އެންމެ ދުވަހަކަށްވެސް މަންމަމެންނާ ދުރުގައި ހުންނަން މިހާރު އުނދަގު! "

އުޝާ އެހެން ބުނެލީ ޒައިންއަށް ބަލާލަމުންނެވެ. ދެލޯމަރާލަމުން ޒައިން އިޝާރާތްކުރީ ހަމަޖެހުމަށެވެ. އެހެންކަމުން އުޝާ ގަދަކަމުން ހިނިތުންވެލިއެވެ.

" ހިނގާ ނިކުންނަމާ ދޯ! ދަރިފުޅާ އުޝާ! އެއްވެސް ތަނަކަށް ނުދައްޗޭ! އަބަދުވެސް އޮންލައިންގަ އިންނާތި! ތަޅުލައިގެން އުޅޭތި! ޓަކިޖެހިޔަސް ނުހުޅުވާތި! "

ގޭދޮރުން ނިކުންނަމުން އަމީރާ ބުންޏެވެ. އަމީރާގެ ފަހަތުން ފަހުމީ ދިޔައީ ޒައިންގެ ފޮށި ހިފަިއގެންނެވެ.

" ވަރަށް މިސްވާނެ! "

ފަހުމީ ނިކުތުމާއެކު ބޫޓުގެ ނާޑުވާ އައްސަން އިން ޒައިންގާތު އުޝާ ބުނެލިއެވެ. އެއާއެކު ޒައިން ކޮޅަށް ތެދުވެ ފައި ޖަހާލަމުން އުޝާއަށް ބަލައިލިއެވެ.

" ވިލް މިސް ޔޫ ޓޫ ކިޔުޓީ! "

ހެވިލާފައި އެހެން ބުނެ ޒައިން ހިނގައިގަތެވެ.

" އަހަރެން އިންތިޒާރު ކުރާނަން! "

އުޝާ އެހެން ބުނި އަޑަށް ޒައިން ހުއްޓި ފަހަތް ބަލާލިއެވެ. އަދި ހީލަމުން ބުނެލިއެވެ.

" އަބަދުވެސް އުފަލުގައި ހުންނާތި! އުޝާއަށް ދެރަގޮތެއް ވާކަށް ނޭދެން! "

އޭނާ އެހެން ބުނެ ދޮރު ލައްޕާލި އިރުގައިވެސް އުޝާއަށް އެދިމާލަށް ބަލަން ހުރެވުނީއެވެ. ޒައިން ލޯމަތިން ގެއްލުމުންވެސް އުޝާއަށް އެ ހުރިތަނުގައި ހުރެވުނީއެވެ. ޒައިން ދިޔުމުން ހިތަށް ކުރި އަސަރުން، އޭނާ ޒައިންދެކެ ލޯބިވާވަރު ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ.

ލަންކާއަށް ދެވުމާއެކު، އަމީރާ އުޝާއަށް ގުޅިއެވެ. އުޝާގެ ޙާލު ބަލާ ވާހަކަ ދެއްކުމަށްފަހު އޭނާ ފޯން ބޭއްވީ ގެއަށް އާދެވުނީ ކަމުގައި ބުނެއެވެ. އެ ފޯން ކޯލުން އުޝާއަކަށް އުފަލެއް ނުލިބުނެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ޒައިން ގުޅާނެ އިރަކަށެވެ. ނަމަވެސް ޒައިންގެ ފަރާތުން އެއްވެސް ޚަބަރެއް ނުވުމުން އުޝާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޒައިންއަށް އޭނާގެ ވައިބަރ ނަންބަރުވެސް އުޝާ ދިނެވެ. ޒައިން ބޭނުން ނަމަ ގުޅޭނެޔޭ ހިތަށް އެރުމުން އުޝާ އިތުރަށް ދެރަވެއްޖެއެވެ.

އަމީރާއާ ފަހުމީ ޒައިން ގޮވައިގެން ދިޔައީ ނަޒީރުގެ ދެމަފިރިން ދިރިއުޅޭ ގެއަށެވެ. އެގެއަކީ ރީތި ، ތަނަވަސް ގެއެކެވެ. ގޭގެ އެކި ދިމަދިމާލަށް ބަލަން އިންދާ ކުއްލިއަކަށް ގެއަށް ވަދެގެން އައީ ނަދާއެވެ.

" އޯހް! އަމިއްތަމެން.. ހައި ޒައިން! "

ނަދާ އައިސް ސޯފާއަށް ޖެހިގަތެވެ. ކުރު ސޯޓު ބުރިއަކާއި ޓީޝާޓްކޮޅެއް ލައިގެން ހުރި ނަދާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

" އޭ އިއްޔެ ޒައިންގެ ކޮޓަރި ރެޑީކުރީމޭ! އާދެބަލަ ދައްކާނަން.."

ނަދާ އެހެން ބުނެ ތެދުވެގެން ހިނގައިގަތެވެ. އެމަންޒަރު ބަލަން އެންމެ އުފަލުން އިނީ އަމީރާއެވެ. އޭނާ ފަހުމީއަށް ނިތް އެއްލަމުން ހީލަ ހީލާ އިނެވެ.

" ރީތިތަ؟ މަށޭ ސާފުކުރީ! "

ކޮޓަރިތެރޭގައި އެނބުރިލަމުން ނަދާ ބުންޏެވެ. ލައިގެން ހުރި ކަޅުކުލައިގެ ޖީންސްގެ ދެޖީބަށް އަތްޖަހާލަމުން ޒައިން ހިނިތުންވެލިއެވެ.

" އެހެންތަ؟ ދެން.. އެހެންވީމަ ތޭންކްސް... "

" ހަމައެކަނި ތޭންކްސް.. ކާންދޭންޖެހޭނެ! " އެނދުމަތީގައި އިށީނދެލަމުން ނަދާ ބުންޏެވެ. އޭރުވެސް ނަދާގެ ރީތިކަމަށް ހިތާހިތުން ޒައިންއަށް ތަޢުރީފް ކުރެވެމުންދެއެވެ. ބޮލުގެ މެދަށް ޖަހާފައިވާ ބޮޅު ހުޅިގަނޑު ނައްޓާލުމަށްފަހު އިސްތަށިގަނޑު އޭނާ ރޫޅާލިއެވެ. އަދި ދެފަރާތަށް ބޯ އަނބުރާލުމަށްފަހު އިސްތަށިގަނޑު ރީތިކޮށްލިއެވެ.

" ކާންދޭން ބުނީމަ ހާދަ ފާޑަކަށް ތިހުރީ! ހާދަ ޑާކޭ! "

ހެމުން ހެމުން ނަދާ ބުންޏެވެ. ނަދާއަށް ބަލަން އާގަމަވެފައި ހުރި ޒައިން ސިހުނީ ނަދާ ހޭންފެށުމުންނެވެ.

" ނޫނޭ... އޯކޭ ކާންދީފާނަމޭ! ރެޑީވޭ މިރޭ ދާން.."

ޒައިން ބުނެލިއެވެ. ޒައިން އެހާ އަވަހަށް އެއްބަސް ވުމުން ނަދާ ގާތަށް ވަރަށް ހިނިއައެވެ. އެނދުން ތެދުވެ އައިސް ޒައިންގެ ކުރިމަތީގައި ހުއްޓި ނަދާ ވާހަކަ ދައްކަން ފެށިއެވެ.

" އޯކޭ! މިހާ ފަސޭހައިން ލިބުނު ޑިނަރއެއް ދުލެއް ނުކޮށްލާނަން! "

އެއްލޯމަރާލުމަށްފަހު ނަދާ ބާރު ބާރަށް ނިކުމެގެން ދިޔައެވެ. އޭރުވެސް ޒައިންއަށް ހުރެވުނީ ނަދާއަށް ބަލާށެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. އަމީރާ އިނީ އުޝާއަށް ގުޅައިގެންނެވެ. ނިދުމުގެ ކުރިން އުޝާގެ ޚަބަރެއް ބަލާނުލާ އޭނާއަކަށް ކެތެއް ނުވެއެވެ.

" އަނހަ! ދަރިފުޅުމެން ހާދަ ރީތި ވެގެން ކޮންތާކަށް؟"

ބޭރު ދޮރާ ދިމާލަށް ގޮސް ގޮސް ހުރި ނަދާއާ ޒައިން ފެނި އަމީރާ ބުނެލި ފޯނުގައި އިނދެއެވެ. އެއަޑު އުޝާއަށް ސާފުކޮށް އިވުނެވެ.

" ކޮންބައެއްތަ މަންމާ! "

އުޝާއަށް އަހާލެވުނީ އެނގެން ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.

" ޒައިންއާ ނަދާ ބޭރަށް ދާތީވެ މަންމަ މިއަހާލީ! "

" މިދަނީ ޒައިންދޭ ޑިނަރ އަކަށް.. " އަމީރާއަށް އިވޭވަރަށް ނަދާ ބުނެލީ އުފަލާއެކުއެވެ. އެއާއެކު އަމީރާ މާ އުފާވެއްޖެއެވެ.

" އޯހް! އެހެންތަ؟ އާނ އަވަހަށް ދޭ ދޭ! "

އަމީރާ އެހެން ބުނުމާއެކު މަޑުނުކޮށް ނަދާ ހިނގައިގަތެވެ.

" ޒައިން ، ނަދާއަށް ކެއުމެއް ދޭތީ ބޭރަށް ކާށޯ އެދަނީ.. ލަންކާއަށް އައިއްސުރެ، ނަދާ އެއުޅެނީ ޒައިންގެ ފަހަތުން ހަމަ! ދެން އޭނަ ފޫއްސެއް ނުވާނެއެއްނު! ނަސީބެއްނު ނަދާ ހުރިކަން.."

ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިނދެ އަމީރާ ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކަ ތަކުން އުޝާގެ ހިތަށްވާ ތަދު އަމީރާއަކަށް ނޭނގެއެވެ. ފޯން ބޭއްވުމަށްފަހުގައިވެސް އުޝާއަށް ވިސްނެނީއެވެ. ނަދާގެ ރީތިކަމުގެ ދަލުގައި ޒައިން ޖެހިދާނެތީ އޭނާ ނުހަނު ބިރުވެސް ގަނެއެވެ. ލަންކާއަށް ގޮސް އެއްދުވަސް ވީއިރުގައިވެސް ޒައިންއެއް ނުގުޅައެވެ. އެކަމާވެސް އުޝާާ ހުންނަނީ ވަރަށް ދެރަވެފައެވެ.

" އަހަންނަށް ނުގުޅަނީ ކީއްވެ؟ "

ކެތް ނުވެގެން އުޝާ މެސެޖް ކޮށްލީ އަވަސް ޖަވާބެއްގެ އުއްމީދުގައެވެ.

" ހަމަޖެހިލާފައި ގުޅާނަން! މިރޭ ގުޅާނަން!"

އުއްމީދުކުރި ގޮތަށް ، ޒައިންގެ ޖަވާބު ލިބުނީ ނުހަނު އަވަހަށެވެ. އެހެންކަމުން ޒައިންއަށް ވަގުތުވާންދެން އުޝާ މަޑުކުރިއެވެ.

ނުނިދިގެން ތެޅިފޮޅެނިކޮށް ޒައިންގެ ވައިބަރ ކޯލް އަތުވެއްޖެއެވެ. އެ ނަންބަރު ފެނިފައިވެސް އުޝާގެ މޫނުމަތި އުޖާލާވެއްޖެއެވެ.

" ކިހިނެއްތަ ޙާލު؟ "

ޒައިންގެ އަޑު ޖެހުމާއެކު އުޝާ އަހާލިއެވެ.

" ރަނގަޅު! އަދި ފުރަތަމަ ދުވަސްވީމަ ދެން އެހާއެއްނޫން.. "

" އެހެންތަ؟ އަދި ތި މާޙައުލަށް ހޭނެން ދުވަސްކޮޅެއް ނަގާނެއެއްނު.."

ހަމަޖެހޭގޮތް ދައްކަމުން އުޝާ ބުނެލިއެވެ. އެއާއެކު ޒައިން ހާފުރިލި އަޑު އުޝާއަށް އިވުނެވެ.

" ވަރަށް ނިދި އެބައާދޭ! މިޔަދު ދަތުރުކުރީމަ ވަރުބަލިވީމި! ނިދަންވީ ކަންނޭނގެ! "

ޒައިން ބޭނުންވީ ފޯން ބާއްވާށެވެ. އެހެނަސް އުޝާ ހުރީ ވަރަށް ގިނައިން ވާހަކަ ދައްކަން ބޭނުންވެފައެވެ.

" ޒައިން މަޑުކޮށްބަ! ވަރަށް މިސްވޭ! "

މަޑުމަޑުން އުޝާ އެހެން ބުނެލުމުން ޒައިންއަށް އުޝާއާމެދު ވިސްނާލެވުނެވެ. ހަޤީޤަތުގައިވެސް އުޝާ އޭނާދެކެ ވަރަށް ލޯބިވެޔޭ ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް އެރިއެވެ.

" އެންމެ ރަނގަޅު! ދެން ނިދާލާ! "

ޒައިން އެއްޗެއް ނުބުމުންވެސް އެއްވެސް ޝަކުވާއެއްނެތި އުޝާ އެހެން ބުނެ، ފޯން ކަނޑާލިއެވެ. އުޝާގެ އެ ކިޔަމަންތެރިކަން ޒައިންއަށް ކަމުދިޔައެވެ. އުޝާ ފޯން ކަނޑާލުމުންވެސް ޒައިންއަށް އޮވެވުނީ ކަންފަތުގައި ފޯން ޖައްސައިގެން ޚިޔާލްތަކަށް ގެއްލިފައެވެ. ހަމަހިމޭންވެ، ހަށިގަނޑަށް ތާޒާކަން ލިބުމާއެކު އުޝާގެ ހިޔާލްތަކުން ހިތަށް އުނދަގޫވާން ފެށިއެވެ. ލޯމަރާލާއިރަށް ފެންނަނީ އުޝާގެ މޫނެވެ.

" އަހަރެން އުޝާދެކެ ލޯތްބެއް ނުވެޔޭ! ދެން.. ކީއްވެގެންތަ މިއުޅެނީ"

ފުންމައިގެން ތެދުވެ ބާރުބާރަށް ޒައިންއަށް ބުނެވުނެވެ. އެނދުމަތީގައި އިށީނދެ އިނދެލުމަށްފަހު އަނެއްކާވެސް އޭނާ އޮށޯތީ ނިދޭތޯއެވެ.

އަމީރާއާ ފަހުމީ އެނބުރި މާލެއައީ ޒައިންގެ ކިޔެވުމުގެ ހުރިހާ ކަމެއް ފުރިހަމަކޮށްދީފައެވެ. އަމީރާގެ އިންތިޒާރުގައި ގޭގައި އުޝާއިނީ ޒައިންގެ ވާހަކަތައް އަހާހިތުންނެވެ.

" އޭނަ މިހާރު ހިއެއްވެސް ނުވެ ރާއްޖެ އަންނަހިތްވާހެންނެއް! "

ބަޖިޔަލެއް ހަފާލަމުން އަމީރާ ބުނެލިއެވެ. އަމީރާ ކިތަންމެ އުފާވެފައި އެހެން ބުނި ނަމަވެސް އުޝާއަށް ލިބުނީ އެކަމުން ހިތްދަތިކަމެވެ.

" އަދި އެހާ ދުވަހެއްވެސް ނުވެއެއްނު! ކީއްވެ އެހާ އަވަހަށް ރާއްޖެ މަތިން ހަނދާން ނެތެންވީ؟"

ފަހުމީއަށް ފެންތައްޓެއް އަޅައިދޭންހުރެ އުޝާ އަހާލީ ދުރުދުރުންނެވެ.

" ޒައިންއަށް އެގެއިން މަދުވާނީ އަހަންނާ ފަހުމީ އެކަނި! ނަޒީރުގެ ދެމަފިރިންވެސް އެހާ ހެޔޮ! ދެން ހުރީ ނަދާ! އެދެކުދިންވެސް އެހާ ގުޅޭ! ފަހުމީ އަހަންނަށް ހީވަނީ އެންމެ ފަހުން އެދެމީހުންގެ އެކުވެރިކަން ކައިވެންޏާ ހަމައަށްވެސް ދާނެހެން.. "

އަމީރާ އެހެން ބުނުމާއެކު ބޯން އިން ސައިތަށި އުޝާގެ އަތުން ބަންޑުން ނުވީ ކިރިޔާއެވެ.

" އެހެން އެކަން ވެއްޖެއްޔާ ކިހާ ރަނގަޅު! "

އެންމެ ފަހުން ފަހުމީއަށްވެސް ޖެހުނީ އަމީރާއާ އެއްބައިވާށެވެ. ބަނޑުހައިވެފައި އިން ނަމަވެސް އުޝާއަށް އިތުރަށް ކާނެ ހިތްވަރެއް ނުލިބުނެވެ. އަމީރާއާ ފަހުމީގެ ވިސްނުން އެނގި އުޝާގެ ހިތް މިލާ މޯޅިވެގަތެވެ.

" ބަންގި ގޮވާ ދޯ އެބަ! އަހަރެން މިދަނީ މިސްކިތަށް ގޮސްލަން.."

ޓީވީއިން މަޣްރިބް ނަމާދު ބަންގީގެ އަޑު ގޮވާއަޑަށް ފަހުމީ ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ސައިބޮއި އަވަދި ވެގެން އަމީރާވެސް ދިޔައީ ކޮޓަރިއަށެވެ. އޭރުވެސް އުޝާއަށް އިނދެވުނީއެވެ. އަަޑުއިވުނު ވާހަކައިން އޭނާގެ ހިތަށް ތަދުވީއެވެ. ދެރަވީއެވެ. ޒައިން ބީވެދާނެކަމުގެ އިޙްސާސްކުރެވި ބިރުގަތީއެވެ. ނަމަވެސް އެދެމީހުންގެ ލޯބީގެ ވާހަކަ ފާޅުކުރާނީވެސް ކިހިނެއް ހެއްޔެވެ؟ އެލޯބި ސިއްރެއްގެ ގޮތުގައި އަދިވެސް ބާއްވަންވީ ހެއްޔެވެ؟ އެއީ ދިރުން ނެތް ލޯތްބަކަށް ހަދަންވީ ހެއްޔެވެ؟ މިފަދަ އެތައް ސުވާލަކުން އިސާހިތަކު އުޝާގެ ދެލޯ ކަރުނައިން ތެންމާލައިފިއެވެ.

ޒައިންއަށް ހޭލެވުނީ މެންދުރުވީ ފަހުންނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެސް ވެފައެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ތައްޔާރު ވެލައިގެން ނިކުތެވެ. އެއާއެކު ސޯފާގައި އިން ނަދާ ފެނުނެވެ.

" ހިނގާބަލަ ފިނި އެއްޗެއް ބޯލަން ދާން ސްކޫޕަކަށް.."

ޒައިން އިށީނުމުގެ ކުރިން ނަދާ ތެދުވެ ބުނެލިއެވެ. ގޭތެރެއަށް ނަޒަރު ހިންގާލަމުން މަންމަމެން ކޮބައިތޯ ޒައިން އަހާލިއެވެ.

" އެމީހުން ނޫޅޭނެ ގެއަކު! ހިނގާބަލަ އައިސްކްރީމް ބޯންދާން.. "

" އަހަރެން މިހުރީ ވަރަށް ބަނޑުހައިވެފަ! ބޭނުމީ ރަނގަޅަށް ކާލަން! ކައިގެން ދެވިދާނެ އައިސްކްރީމް ބޯން.."

ޒައިންގެ ޖުމްލައިން ނަދާ ތުން ދަމާލިއެވެ. އޭނާ އަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ކުޑަކުއްޖެއް ފަދައިން މޫނުމަތި ކުނިކޮށްލަމުން ނަދާ އައިސް ހިފީ ޒައިންގެ އަތުގެ މުލައްދަނޑީގައެވެ. އެއާއެކު ޒައިންއަށް އޭނާގެ އަތަށް ބަލާލެވުނެވެ.

" ޕްލީޒް.. އިހަށް ހިނގާބަލަ އައިސްކްރީމް ބޯން. ޒައިން ކައިގެން ދާން މާ ލަސްވާނެ! "

ނަދާ އެހާވަރަށް އާދޭސްކުރާތީ ދެކޮޅު ހަދާކަށް ޒައިންއަކަށް ނުކެރުނެވެ. އޭނާ ދެކޮނޑު އަރުވާލީ މައްސަލައެއްނެތޭ ބުނަމުންނެވެ. އެއާއެކު ނަދާ ޒައިންގެ ކޮނޑުގައި ބޯޖައްސާލަމުން ހިނގައިގަތެވެ.

ނަދާއަކީ ކުރަން ބޭނުންވާ ކޮންމެ ކަމެއް އެވަގުތެއްގައި ކޮންމެ ޙާލެއްގައިވެސް ކުރާނެ ކުއްޖެކެވެ. ގޮތްދޫނުކުރުމުގެ ސިފަވެސް އޭނާގެ ކިބައިން ޒައިންއަށް މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ފާހަގަ ކުރެވުނެވެ. ނަމަވެސް އެހުރިހާ ކަމަކަށްވުރެ، އޭނާގެ އެހުންނަ ރީތިކަމާއި ކުޑަކުއްޖެއްފަދައިން ތުއިވާ ތުއިވުން ޒައިންއަށް މާ ކަމުދިޔައެވެ.

" ކީއްވެތަ ތިވަރަށް ތިބަލަނީ ؟ "

ޓިޝޫއަކުން ތުންފަތް ފޮހެލަމުން ނަދާ ބުނެލިއެވެ. މާގިނައިން ބެލޭކަން ނަދާއަށް ފާހަގަ ކުރެވުނުކަން އެނގުމުން ޒައިން ކޮންމެވެސް ވަރަކަށް ލަދުގަތެވެ.

" އަހަރެން މާ ރީތީތަ؟ "

ހިނިގަނޑެއް ޖަހާލަމުން ނަދާ އަނެއްކާވެސް ބުންޏެވެ.

" ވަރަށް..."

ބޭއިޚްތިޔާރުގައި ޒައިން އެހެން ބުނުމުން ނަދާއަށް މައިތިރިވެވުނެވެ. ރަކި ގޮތަކަށް ޒައިންއަށް ބަލާލަމުން އޭނާ އަނގަޔަށް ވައްތަރެއް ޖައްސާލީ ލަދުންނެވެ.

" ކިހިނެއްވީ ؟ ރީތިވީމަ ދޯ ރީއްޗޭ ބުނާނީ.."

ފެންފޮދެއް ބޯލަމުން ޒައިން ބުނެލިއެވެ. އެއާއެކު ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ނަދާ ވާހަކަ ދައްކަން ފެށިއެވެ.

" އޭ! ކޮބާތަ ތިގޭގަ އުޅުނު ކުއްޖާ؟ "

" ކާކު؟ އުޝާ؟ " ޒައިން އަވަސް އަވަހަށް އެހިއެވެ. އެއާއެކު ނަދާ ހޫމް އަޅުވާލިއެވެ.

" މާލޭގައެއްނު ވާނީ! ގޭގަ.."

" ތިކަން އެނގެޔޭ! އަސްލު ޒައިންގެ މަންމަމެން އޭނަ ގެނައީ ވަރަށް ފަހުންނެއްނު ދޯ! އަސްލު ގިނަމީހުން ކުދިން އެޑޮޕްޓް ކުރަނީ ތުއްތު އިރުގައިދޯ! އެގޮތަށް އަންހެން ކުއްޖަކު ގެނެސް ކޮއްކޮގެ ގޮތުގައި ދެކޭށޭ ބުންޏަސް އަސްލު ނުދެކެވޭނެދޯ! ބުނެބަލަ! އެ ކުލުނެއް ނޯންނާނެ އެއްނު!"

ނަދާގެ ވާހަކަތައް އަޑުއަހަން އިން ޒައިންއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.

" ހިތްވެސް ކިޔާފާނެ ދޯ ހަމަ! " އަނެއްކާވެސް ނަދާ ބުނެލިއެވެ. އޭނާގެ އެ ވާހަކަތަކުން ޒައިންގެ ހިތް ނުތަނަވަސްކުރުވިއެވެ. އުޝާމަތިން ކުއްލިއަކަށް ހަނދާންވީއެވެ.

" ބުނެބަލަ! ޒައިން އެއްވެސް ވަރަކަށް ލައިކެއް ނުވޭތަ؟ މިބުނީ އުޝާދެކެ"

އެސުވާލަށް ޖަވާބުދޭން ޒައިންއަށް އުނދަގޫވިއެވެ..

" ނޫން.. ހަމަ ކޮއްކޮގެ ގޮތުގައި ދެކެވެނީ! ލޯތްބަކީ މުޅިން ތަފާތު އެއްޗެއް"

" ދެން ޒައިން ލޯބިވާ މީހަކު ނުހުރޭތަ؟"

ޒައިންގެ ލޮލުގެ ތެރެއަށް ފީނައިގަންނަމުން ނަދާއެހިއެވެ. އެއާއިއެކު އުޝާގާތު އޭނާ ވީ ޙަޤީޤަތެއްނެތް ލޯބީގެ ވަޢުދުތަކާއި އަހުދުތައް ހަނދާންވިއެވެ. އެ ހަނދާންތަކުން ހިތަށް އުނދަގޫކުރުވަން ފެށިއެވެ. ނަމަވެސް ކުރިމަތީގައި ހެވިފައި އިން ނަދާފެނި، ޒައިން ބޭނުންވީ އުޝާ މަތިން ހަނދާން ނައްތާލާށެވެ. އޭނާގެ ޙަޔާތުގައި ލިޔެވިފައިވާ އެ ބާބު އެއްކޮށް ފޮހެލާށެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (7)

ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (7)

*ކޮންމެ އާދީއްތަ އަދި ބުރާސްފަތި ދުވަހެއްގައި*

(ނިމުނީ)