ވޯލްޑް ވެޓްލޭންޑްސް ޑޭ ފާހަގަ ކުރުމުގެ ގޮތުން ށ. ފޭދޫ ކުޅީ ސަރަހައްދާއި ޗަސްބިން ހިމެނޭ ސަރަހައްދު ސާފު ކުރުމުގެ ހަރަކާތެއް އެ ރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
ވޯލްޑް ވެޓްލޭންޑްސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ ދެވަނަ ދުވަހެވެ. މި އަހަރު މި ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ކުޅި، ފާ، ޗަސްބިން އިޢާދަކުރަންވީ ވަގުތު" މި އެވެ.
މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ފޭދޫ ކުޅީ ސަރަހައްދާއި ޗަސް ބިން ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ފޭދޫ ކައުންސިލާއި ރޮޓަރީ ކްލަބް އޮފް މާލޭ ގުޅިގެންނެވެ. މި ހަރަކާތުގައި ފޭދޫގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުގެ އިތުރުން އެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
އެ ހުރިހާ ފަރާތްތަކެއް ގުޅިގެން އިއްޔެ ކުރިއަށް ގެންދެވުނު ސާފު ކުރުމުގެ ހަރަކާތުގައި ޕްލާސްޓިކްގެ އިތުރުން ފަނާވެ ނުދާ ކުނީގެ ބާވަތްތައް ވަނީ އެތަންތަނުން ނަގާފައެވެ. އިއްޔެގެ އެ ހަރަކާތުގެ ތެރެއިން ފޭދޫގެ ކުޅިއާއި ޗަސްބިން ހިމެނޭ ސަރަހައްދުން 245 ކިލޯގެ ކުނި ވަނީ ނަގައި ނައްތާލާފައެވެ.
ރޮޓްރީ ކުލަބް އޮފް މާލޭ އަކީ މީގެ ދިހަ އަހަރު ކުރިން ރަޖިސްޓަރީ ކޮށްފައިވާ ޖަމިއްޔާއެކެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަކީ އެ ޖަމިއްޔާގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރަމުން ރޮޓްރީ ކުލަބްގެ ރައީސާ ޝަހީދާ ބުނެފައި ވަނީ ދުނިޔޭގެ ކުޅި، ފާ، ޗަސްބިން ހިމާޔަތް ކުރުމުގެ ދުވަސް މި އަހަރު ފާހަގަ ކުރުމުގެ ގޮތުން ފޭދޫ ކައުންސިލާއި ގުޅިގެން އެ ރަށުގެ ކުޅިއާއި ޗަސް ބިން ސާފުކުރުމުގެ ހަރަކާތެއް ކާމިޔާބު ކަމާއިއެކު އިއްޔެ ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.
ޝަހީދާ އިތުރަށް ބުނެފައި ވަނީ އެ ކުލަބުގެ މެމްބަރުން ވެސް ބައިވެރިވި މި ހަރަކާތުން އެ ރަށުގެ ކުޅިއާއި ޗަސްބިން ހިމެނޭ ސަރަހައްދުން ނެގުނު ފަނާނުވާ ކުނި ކިރައި އެ ތަކެތީގެ ބަރުދަން ބަލާފައިވާ ކަމަށާއި އޭގެ ބޭނުމަކީ އެ މުޖުތަމަޢުގައި ދިރިއުޅެމުން އަންނަ ފަރުދުންގެ އަތުން އެތަންތަނަށް އެޅިފައިވާ ކުނީގެ ނިސްބަތާއި މެދު ވިސްނައިގަންނަން ފަސޭހަ ކުރުމާއި އެކަމަށް ހޭލުންތެރި ކަން އިތުރުކުރުން ކަމަށެވެ.
ފާއިތުވެދިޔަ 50 އަހަރުގެ ތެރޭ ދުނިޔޭގެ ގުދުރަތީ ކުޅި، ފާ، ޗަސްބިންތަކުގެ ތެރެއިން 35 އިންސައްތަ ވަނީ ގެއްލިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!