މި އަހަރުގެ ފެބުރުވަރީ މަހުގެ 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.
ފެބްރުއަރީ މަހުގެ 6 ވަނަ ދުވަސް ސަރުކާރު ބަންދުކަމަށް ކަނޑައަޅުއްވާފައި ވަނީ އެއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް މިއަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާތީއެވެ.
ކޮންމެ އަހަރެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަނީ އެ އަހަރެއްގެ ފުރަތަމަ ދައުރަށް މަޖިލިސް ހުޅުވާ ދުވަހުއެވެ. އަދި އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައެވެ.
މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވާފައި ވަނީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
ކޮންމެ އަހަރެއްގެ ވެސް ރިޔާސީ ބަޔާނަކީ ރައްޔިތުންގެ މަޖިލިސްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރާންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގެ މައްޗަށް އިއްވަވާ ބަޔާނެކެވެ. އެ ބަޔާނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަޔާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!