އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް. ޖައިޝަންކަރު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހާރިޖީ ވުޒާރާ އިން ވިދާޅުވީ ޖައިޝަންކަރުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ސާލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ކުރައްވާނެ ކަމަށާއި މިއީ ރާއްޖޭގެ ހާރިޖީ ވަޒީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ހާމަކުރައްވަ އެވެ.
ޖައިޝަންކަރުގެ އެ ދަތުރުފުޅުގައިދެގައުމުގެ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރުމާއި ތަރައްގީގެ މަޝްރޫއުތަކެއް އިފްތިތާހު ކުރުމާއި މަޝްރޫއުތައް ނިންމައި ތަންތަން ހަވާލުކުރުން އޮންނާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ ހާމަކުރައްވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި މިރޭ އޮންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސް ސާލިހުގެ ސަރުކާރުން އަވަށްޓެރި އިންޑިއާ އާ ގާތްގުޅުމެއް އުފައްދާފައިވާއިރު، ޖައިޝަންކަރު އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. އެ ފަހަރު އޭނާ ވަނީ އައްޑޫގައި އިންޑިއާ އިން ހެދި ޕޮލިސް އެކަޑަމީ ހުޅުއްވައި ދެއްވާފަ އެވެ.
އޭގެ ކުރިން ވެސް ޖައިޝަންކަރު ވަނީ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!