ހދ. ދިއްދޫގައި އެއާޕޯޓެއް ތަރައްގީކުރަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެކުލަވާލާ މެނިފެސްޓޯގައި ހިމަނުއްވާނެ ކަމަށާއި، އަދި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ވެސް ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި އިއްޔެ ދިއްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިހާރު އެރަށުގައި އެޅުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓްގެ ތެރެއަށް އިތުރު 25 ހައުސިން ޔުނިޓް އިތުރުކޮށްދެއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު އެދިލައްވާފައިވާތީ އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށާއި، އަދި މެންބަރު ވަހީދު އެދިވަޑައިގަތް ގޮތަށް އެރަށުގައި އައުޓް ޑޯ ޖިމެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން އެރަށަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް މިހާރު ވެސް ކުރިއަށްދާކަން ފާހަގަ ކުރައްވަމުން މިގޮތުން ދިއްދޫގައި ގާއިމުކުރާ ޖޫނިއާ ކޮލެޖްގެ މަސައްކަތާއި، އެރަށުގެ މަގު ހެދުމުގެ މަސައްކަތާއި އަދި އެރަށުގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ބާރަ ކްލާސްރޫމް އެޅުމުގެ މަސައްކަތް ކުރިއަށް ދާކަން ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދެން އޮތީ އެރަށަށް ކުރަން ބޭނުންފުޅުވި އެންމެ ބޮޑު ދެކަންތައް ކަމަށާއި، އެއީ ދިއްދޫގައި އަޅަން ނިންމި އާ ހޮސްޕިޓަލާއި އެރަށުގެ ބިންހިއްކުން ކަމަށް ވިދާޅުވިއެވެ.
''އިރާދަކުރެއްވިއްޔާ ބިން ބޮޑުކުރެވިގެންދާއިރު ދެންމެ އަބުދުﷲ ވަޙީދު އެ އިޝާރާތް ކުރެއްވި ގޮތައް އެއާޕޯޓެއްގެ ވާހަކައަކީ އަޅުގަނޑުމެންނަށް ނުދެއްކޭނެ ވާހަކައެއް ނޫން، އަޅުގަނޑުމެން އަދި އިރާދަކުރެއްވިއްޔާ އަންނާނަން މި ޕްރައިމަރީއަށް ފަހުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، މެނިފެސްޓޯއެއް އެކުލަވާލާނަން، ތިޔަ ބޭފުޅުންނާ މަޝްވަރާ ކުރާނަން، އޭގައި މިރަށުގައި އެއާޕޯޓެއް ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ، އެހެންވީމަ މިދާއިރާގެ ތަރައްގީއަށްޓަކައި ތިބޭފުޅުން ތި އެދިވަޑައިގަންނަވާ މަގުން އަޅުގަނޑުމެން ދާނީ ކުރިއަށް،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބިން ހިއްކުމަށް ސަރުކާރުން ޕްލޭންކޮށްފައި ހުރި ރަށްތަކުގެ ތެރެއިން ބިން ނުހިއްކި ހުރި ރަށްރަށުގެ ބިން ހިއްކުމަށް ބޭރުގެ ކުންފުންޏަކާ މިހާރު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
''އަމާޒަކީ ބިން ހިއްކުމަށް ވަކިބަޔަކާ ހަވާލުކޮށް، އެގްރީމެންޓެއްގައި ސޮއިކޮށް އެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާލުން، އޭގެ ތެރޭގައި ދިއްދޫ ވެސް ހިމަނާނެކަމުގެ ޔަގީންކަން އަރުވަން'' ރައީސް ވިދާޅުވިއެވެ.
ރޭގެ ވާހަކަފުޅުގައި ރައީސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދިއްދޫ އެމްޑީޕީގެ މެންބަރުން ވިސްނުންތެރިކަމާއެކު ވޯޓުދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ ގެއްލިދާނެ ވޯޓެއްނޫން ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ އެދުމަކީ އެއީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!