ރާއްޖެއާއި ކެމްބޯޑިއާއާއި ދެ ޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއް މިއަދު ބަދަލުކޮށްފިއެވެ.
ދެ ޤައުމުގެ ދެމެދުގައި މި އެއްބަސްވުންތައް ބަދަލުކޮށްފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ.
މި އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކެމްބޯޑިއާގެ ބޮޑުވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އެއްބަސްވުންތަކަކީ:
- "ދަ އެގްރީމެންޓް އޮން ވިސާ އެގްޒެމްޕްޝަން ފޮރ ހޯލްޑަރސް އޮފް ޑިޕްލޮމެޓިކް، އޮފިޝަލްސް އެންޑް އޯޑިނަރީ ޕާސްޕޯޓް" މި އެއްބަސްވުމަކީ، ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރުމުގައި ވިސާގެ ލުއިފަސޭހަތައް ހަމަޖައްސައިދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
- "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓަރަލް ކޮންސަލްޓޭޝަންސް" މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާ ކެމްބޯޑިއާއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
- "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ބައިލެޓެރަލް ކޮންސަލްޓޭޝަންސް" މި އެއްބަސްވުމުގެ މަޤްޞަދަކީ ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން ބަދަހިކޮށް، ހަމަހަމަ ކަމާއެކު ދެޤައުމަށްވެސް ފައިދާކުރާނެގޮތަށް މި ގުޅުން ހަރުދަނާކުރުމެވެ.
- "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ އޮން ހެލްތް ކޯޕަރޭޝަން" މި އެއްބަސްވުމަކީ، ޞިއްޙީ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކެމްބޯޑިއާއިން ދިވެހިރާއްޖެއަށް ޞިއްޙީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
- "މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިން އޮން ޓޫރިޒަމް ކޯޕަރޭޝަން" މި އެއްބަސްވުމުގެ ދަށުން ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، މި ދާއިރާއިން މީހުން ތަމްރީންކުރުމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.
- ވިޔަފާރީގެ ދާއިރާއިން މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބަރ އޮފް ކޮމަރސްގެ މެދުގައި ބަދަލުކުރެވުނު އެއްބަސްވުން: މި މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރުމާއި، ދިވެހިރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ސިނާޢީ ވިޔަފާރިތަކާއި، އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލަން ހަމަޖެހިފައި ވަނީ މާދަމާއެވެ.
ދިވެހިރާއްޖެއިން ކެމްބޯޑިއާ އާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 21 ސެޕްޓެމްބަރު 1995 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!