ށ. ބިލެތްފަހިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެރަށު ކައުންސިލުން ކުރައްވާފައިވާ އާންމު އިއުލާނެއްގައި ވަނީ "ބިންފަހި ޕްރޮގްރާމް" ގެ ދަށުން އެރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓުގެ ގޯތި ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.
މީގެ އިތުރުން ޝަރުތު ފުރިހަމަވާ ފަރާތްތަކުން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 15 ފެބުރުއަރީ 2023 ވަނަ ދުވަހުގެ މެންދުރު ފަހު 2 ޖެހުމުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް އިއުލާނުގައި ވެއެވެ.
އެ ކައުންސިލުން ވިދާޅުވީ ފޯމް ދޫކުރުމާއި ބަލައިގަތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރު 2 ޖަހަންދެން ކައުންސިލް އިދާރާގައި ކުރިއަށްދާނެ ކަމަށެވެ.
މިކަމާއި ގުޅިގެން އެއްވެއް މައުލޫމާތެއް ސާފުކުރައްވަން ބޭނުންނަމަ، 6540047 ނަންބަރު ފޯނާއި ގުޅުއްވުމަށް ވަނީ އެދިފަ އެވެ.
ގޯއްޗަށް އެދޭ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުތު ހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓް ލިބޭމީހުން ކަނޑައަޅާނީ ބިލެތްފަހުން ގޯތި ދިނުމުގެ ޢަމަލީ މަސައްކަތްކުރުމަށް ހޮވާފައިވާ ގެވަޅު ކޮމެޓީންނެވެ.
ފޯމު ހުށަހަޅާ ފަރާތުގެ ރަށްވެހިކަމާއި ޢުމުރު އަދި ކައިވެނީގެ ބައިގެ މުއްދަތު ބަލާނީ ގޯއްޗަށް އެދި އިޢުލާންކުރާ ތާރީޚަށެވެ. ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ނިޔާވެއްޖެނަމަ އެފަރާތުގެ ފޯމު ބާޠިލްކުރެވޭނެ އެވެ.
ބިލެތްފަހިން ގޯތި ދޫކުރާނެ އަދަދު ކަނޑައަޅަން ނިންމާފައި ވަނީ އެކަމަށް އެދޭ ފަރާތްތަކުގެ ނިސްބަތަށް ބެލުމަށްފަހުއެވެ. އެ އަދަދު ކަނޑައަޅާނީ އެރަށު ކައުންސިލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!