ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
ޕްލޭނިން މިނިސްޓްރީން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
1,200 މީހުންގެ އާބާދީގެދަރަވަންދޫ އަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. އެގޮތުން، ރަށްގިރުމުގެ ސަބަބުން އެ ރަށުގެ އުތުރު ފަރާތާއި ހުޅަނގު ފަރާތުން ބޮޑުބައެއް ގިރައިގެންގޮސް ގޮނދޮށުގައި އޮތް ރީތި ވެލިގަނޑުވެސް ވަނީ ގިރައި ހުސްވެފައެވެ. އަދި ރަށްގިރުމުގެ ނޭދެވޭ އަސަރުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ރުއްގަހެއް ވެއްޓި ނެތިގެން ދެއެވެ.
ދަރަވަންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި ގެސްޓްހައުސް ވިޔާފަރިން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. އެ ރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ފަތުރުވެރިކަމަށް ބަރޯސާވަމުން އަންނަ މިންވަރު އިތުރުވަމުން އަންނަކަން ދޭހަކޮށްދޭ އެންމެ ބޮޑު އެއް ހެއްކަކީ ރަށުގައި މިހާރުވެސް އެކި ފަންތީގައި ހިންގާ 14 ގެސްޓްހައުސް ހުރުމެވެ.
ރަށްގިރުމުގެ ސަބަބުން ރަށުގެ ގުދުރަތީ ރީތިކަން ގެއްލޭތީ، އެކަން ވަނީ ފަތުރުވެރިކަމަށްވެސް އޮތް ބޮޑު ނުރައްކަލަކަށް ވެފައެވެ. އެހެންކަމުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ
ގެނުވާނެ މުހިއްމު މަޝްރޫއަކަށް ވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މިއީ 22.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ދަރަވަންދޫ ގޮނޑުދޮށް ފަރާތުން ގިރަމުން އައި ސަރަހައްދު ވަނީ ހިމާޔަތްކުރެވިފައެވެ. އެގޮތުން 470 މީޓަރުގެ ބޭރުތޮށި ލުމާއި، 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް
ޖެހުމާއި، 10,800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!