ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެން ހުޅުލޭގެ ފަޅާއި މަގުތަކުގެ ރޫޓަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ވިދާޅުވީ އެ ދަތުރުފުޅާއި ގުޅިގެން މާދަމާ 15 ޖަނަވަރީ، ހެނދުނު 9:00 އިން 11:00 އަށް އަދި 17 ޖަނަވަރީ – ހެނދުނު 7:30 އިން 8:30 އަށް ހުޅުލޭ ފަޅާއި މަގުތައް ބަންދުވާނެ ކަމަށެވެ.

Ad
rt

މި ވަގުތުތަކުގައި އެމްއޭސީއެލް ސްޓާފް ބަހާއި އެމްޓީސީސީ ބަސް ހުއްޓާނީ ވެސްޓަރން ޕާކިންގ ސަރަހައްދަށް ކަމަށާއި އެމްއޭސީއެލް ފެރީ ގާތް ކުރާނީ ވެސްޓަރން ޕާކިންގ ސަރައްދުގެ ބަނދަރަށް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފަ އެވެ. އަދި މި ވަގުތުތަކުގައި ހުޅުލޭގެ ފަޅަށް ވަދެ ނުކުމެވޭނީ ދެކުނު ނެރުން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ކުންފުނިން ވަނީ އެއް ގަޑިއިރު ކުރިން ފެށިގެން ކާރގޯ ޓާރމިނަލާއި ދިމާލުގައިވާ ނެރުން ފެށިގެން ރަސްމީ ފާލަމާއި ދިމާލުގައިވާ ނެރާއި ހަމައަށްވާ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް އަޅާފައި ނުބޭއްވުމަށް ވެސް އަންގާފަ އެވެ. އަދި އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތިން ފެށިގެން ޑޮމެސްޓިކް ޓަރމިނަލްގެ އުތުރު ކަން މައްޗާއި ދެމެދު، މަގު ވެސް އެ ވަގުތުތަކުގައި ބަންދުވާނެ ކަމަށެވެ.

މީގެ އިތުރުން އެ ސަރަހައްދުން ހިނގުމުގައި ވެސް ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެމްއޭސީއެލް އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު، ރާއްޖެ މި ވަޑައިގަންނަވަނީ ރައީސް ސާލިހުގެ ދައުވަތަކަށެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މިއީ ތިން ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.