ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލްގައި ހުޅުމާލޭ ދާއިރާ ތަމްސިލު ކުރައްވާ ކައުންސިލަރ އިބްރާހީމް ޝުޖާޢު އަށް މަރުގެ އިންޒާރުދިން މައްސަލަ، ސީރިއަސް މައްސަލައިގެ ގޮތުގައި ބައްލަވާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފި އެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ޓްވިޓަރ އެކައުންޓެއް މެދުވެރިކޮށް ސުޖާއު އަށް މަރުގެ އިންޒާރު ދީފައިވާތީ، އެމައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
ޝުޖާޢު ކުރެއްވި ޓްވީޓަކަށް @Muzd909 ނަމުގައި ހުޅުވާފައިވާ ޓްވިޓަރ ހެންޑްލް އަކުން ރައްދުދީ ޝުޖާޢު އަށް މަރުގެ އިންޒާރު ދީފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅު ކުރާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އެކައުންޓުން ޝުޖާޢު އަށް މަރުގެ އިންޒާރު ދިން އިރު، އެ އެކައުންޓްގެ ޑިސްޕްލޭ ނަމެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ Coming to Maldives ކަމަށާއި މިހާރު އެ އެކައުންޓްގެ ޑިސްޕްލޭ ނަން HK އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ޝުޖާޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް، އެ ކޯލިޝަނުން ވަނީ ގޮވައިލައްވާފަ އެވެ. އަދި މި އެކައުންޓްގެ ވެރި ފަރާތާއި އެކައުންޓް ހިންގާ ފަރާތް ކޮންމެ ތަނެއްގައި ހުރިނަމަވެސް މިހާރުން މިހާރަށް ހައްޔަރުކޮށް ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވައިލާފަ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުގެ މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ އެ ކޯލިޝަންގެ ލީޑަރޝިޕާއި އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެކި ގޮތްގޮތަށް ދިމާކޮށް ފުރައްސާރަކޮށް ބިރު ދައްކާ މަރުގެ އިންޒާރު ދެމުން އަންނަކަމަށާއި މިފަދަ ކަންކަން ވަރަށް ސީރިއަސް މައްސަލައިގެ ގޮތުގައި ބައްލަވާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި މިއީ ފަރުވާ ކުޑަކޮށް ދޫކޮށްލައިގެން ތިބެވޭނެ ކަންކަން ނޫންކަން ވެސް ސަރުކާރުން ދަންނަންޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ހަމައެއާއެކު މިފަދަ އިންޒާރުތަކުން، ދިވެހި ރައްޔިތުންގެ ރިޔާސީ ކެންޑިޑޭޓް ޕިޕީއެމް ގެ ރައީސް، ޔާމީނަށް ކޮށްފައިވާ ހަރާން ޙުކުމާއި ދެކޮޅަށް ދިވެހި ރައްޔިތުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލާނެ ކަމަށް ވާދަވެރި އެމްޑިޕީއާއި ސަރުކާރަށް ހީވުމަކީ ވެސް ކުށް ހީއެއް ކަމުގައި ވަނީ ބަޔާން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!