ބޮޑު ތިލަދުންމައްޗާއި ޅ. އަތޮޅުގައި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މެދުވެރިކޮށް ލައްކަ އަކަށްވުރެ ގިނަ މީހުން މިހާތަނަށް ދަތުރުކޮށްފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރަށް ހަތަރު އަހަރު ފުރި ފަސް ވަނަ އަހަރު ގުނެމުންދާއިރު، އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަށް އަލުން އަނބުރާ ހިތްހަމަޖެހުން ގެނެސްދެވިއްޖެކަމުގެ ހިތްހަމަޖެހުން ލިބޭކަމަށެވެ. އަދި އަސާސީ ޚިދުމަތްތައް ރާއްޖޭގެ އެންމެންނަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް މިހާރު ވެސް ބާރަށް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ.
ހަތަރު އަހަރުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ފެށިފައިވާކަން ފާހަގަ ކުރަށްވާފައެވެ.
''މިދިޔަ 6 މަސް ދުވަހުގެ ތެެރޭގައި ޅ. އަތޮޅު ހިމެނޭގޮތަށް ބޮޑުތިލަދުންމައްޗަށް ތަޢާރަފް ކުރެވުނު އާރުޓީއެލް މެދުވެރިކޮށް 1 ލައްކައަށްވުރެ ގިނަ ފަސިންޖަރުން މިހާތަނަށް ދަތުރުކޮށްފައިވޭ، މާލެ، އައްޑޫ، ލ. އަތޮޅާއި ފުވައްމުލަކުގައި މިނީ ބަސް ތައާރަފް ކުރެވިއްޖެ،'' ރައީސް ވިދާޅުވިއެވެ.
ބޮޑު ތިލަދުންމައްޗާއި ޅ. އަތޮޅުގައި ފެށި އާރުޓީއެލް މެދުވެރިކޮށް ލައްކަ އަކަށްވުރެ ގިނަ މީހުން މިހާތަނަށް ދަތުރުކޮށްފައިވާކަމަށް ރައީސް ވިދާޅުވެފައިވާއިރު، ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، އާރް.ޓީ.އެލްގެ ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފަށައި، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރުމަށް ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ.
މުޅި ރާއްޖެ ދަތުރުފަތުރުުން ގުޅާލުމަށް ސަރުކާރުން ހިންގާ މި މަޝްރޫޢުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޒޯން 1 ގެ ޚިދުމަތް ފުރަތަމަ ފެށީ ހދ. އަތޮޅުގައެވެ. މިއީ މި ޚިދުމަތް ފުރަތަމަ ފެށި އަތޮޅު ވެސް މެއެވެ. ހދ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފެށީ މިއަހަރުގެ ޖޫން މަހުގެ 11 ގައެވެ. އެއަށްފަހު ހއ. އަތޮޅުގައި މިޚިދުމަތް ޖުލައި 3 ވަނަ ދުވަހު ރަސްމީކޮށް ފެށިއިރު، ށ. އަތޮޅުގައި މި ޚިދުމަތް ފެށީ މި ހިނގާ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.
ޒޯން 1 ގެ ޚިދުމަތް "ބޮޑުތިލަދުންމަތި ގުޅާލުން" ރަސްމީކޮށް އިފްތިތާޙް ކޮށްފައި ވަނީ 28 ސެޕްޓެމްބަރު 2022 ގައެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ހއ. ދިއްދޫ ބަނދަރު ސަރަޙައްދުގައި އެރޭ ބޭއްވި ޖަލްސާއެއްގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފެށީ 17 ނޮވެމްބަރު 2022 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!