ހދ. ނޭކުރެންދޫ ކައުންސިލްއިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ ބީސާދަ ސްޕޯޓްސް ފެސްޓިވަލްގައި ހޯމަދުވަހު ކުޅުނު މެޗުތަކުން މޮޅުވެ މާޒިންސް އެފްސީ އަދި ޑީސީ ފްރެޓާނިޓީ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.

ގްރޫޕް އޭ ގައި ކުޅުނު ތިން މެޗުން ދެމެޗު ކާމިޔާބުކޮށް މާޒިންސް ސެމީގެ ޖާގައެއް ހޯދިއިރު، މި ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމެއް ކަށަވަރުވާނީ މިޔާދު ސެނޯން އަދި ސިވިކް ބައްދަލުކުރާ މެޗައްފަހުގައެވެ. މި މެޗު އެއްވަރު ކޮށްލައިގެންވެސް ސެނޯންއަށް ސެމީއަށް ދެވެން އެބައޮތެވެ. ސިވިކް އަށް ސެމީގެ ޖާގައެއް ލިބޭނީ މިމެޗުން މޮޅުވެގެންނެވެ. އަދި ގްރޫޕްގެ އެއްވަނަ ދެވަނަ ވެސް ކަށަވަރުވާނީ ސިވިކް އަދި ސެނޯން ބައްދަލުކުރާ މެޗަށްފަހުގައެވެ.

Ad
rt

ގްރޫޕްބީ ގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ޑީސީއިން ސެމީގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕް އެއްވަނަ ޓީމްގެ ގޮތުގައެވެ.
ހޯމަ ދުވަހު ކުޅުނު މެޗުން ހާމަނަސްއާއި ބައްދަލުކޮށް މާޒިންސް މޮޅުވީ 11-1 ގެނަތީޖާއިންނެވެ. މި މެޗުގައި މާޒިންސްގެ ގޯލުތަށް ޖަހައިދިނީ އަލީ ޝިޔާހް، ހަސަން ޝިފާޒް، އަލީ ނިޝާން، އަދި މާޒިންސް ކީޕަރު އަހުމަދު ޝަރުވާން އެވެ. ހާމަނަސް އިން ޖެހި ހަމަ އެކަނި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ޔާނިއު އެވެ.މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވިފައިވަނީ މާޒިންސްގެ ޖާޒީ ނަމްބަރ 17 އަލީ ޝިޔާހް އެވެ.

ހޯމަދުވަހު ކުޅުނު މެޗު ޑީސީ ފްރެޓާނިޓީ ކާމިޔާބުކުރީ ތާޖް އެސްސީ އާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއިންނެވެ. ފުރަތަމަ ގޯލު ވިލްފް ކާމިޔާބު ކޮށްދިންއިރު ދެވަނަ ގޯލު ޖަހައިދިނީ ޔާމީން އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޑީސީގެ ޖާޒީ ނަމްބަރ 13 މުހައްމަދު ވިލްފް އެވެ.

މި ޓޯނަމަންޓްގައި ހޯމަދުަވަހުވަނީ ހޭންޑްބޯލް މެޗެއްވެސް ކުޅެފައެވެ. މަކުނުދޫ އަދި ފެލްކަންސް ބައްދަލުކުރި މެޗު ނިމުނީ 4-4 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. މި މެޗް އެއްވަރުވުމުން މަކުނުދޫ ޓީމް އަށް ވަނީ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައެވެ. މެޗު އެއްވަރު ވުމުން ފެލަކަންސް އަށް ޖެހޭނީ މިޔަދު ހަވީރު އެންއެޗްސީ އަދި ކަސަބު ބައްދަލުކުރާ މެޗުގެ ނަތީޖާއަށް އިންތިޒާރު ކުރާށެވެ. މިއަދު ހަވީރު ކުޅޭ މެޗުން އެންއެޗްސީ މޮޅުވެއްޖެނަމަ އެންމެ ފަހުގެ ޗެމްޕިއަންސް ފެލްކަންސް އަށް މިފަހަރު މުބާރާތް ނިއްމާލަން ޖެހޭނީ ފައިނަލުގެ ޖާގައެއް ނުލިބިއެވެ.

މަކުނުދޫ އަދި ފެލްކަންސް ބައްދަލު ކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފެލަކަންސްގެ ކީޕަރ ޒީނާ އެވެ.