ވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަމަށް ތިން ވަޒީރަކު ހާމަކުރައްވައިފިއެވެ.

އެ ތިން ވަޒީރުންނަކީ ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރާއި، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފާއި އަދި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ އެވެ.

Ad
rt

މިގޮތުން މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ބާއްވާ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އޭނާގެ ފުރިހަމަ ތާއީދު ރައީސް ޞާލިޙަށް އޮތް ކަމަށެވެ.

މިނިސްޓަރު މަޚްލޫފް ވިދާޅުވީ، ފާއިތުވި ހަތަރު އަހަރުގެ ތަޖުރިބާގައި އޭނާގެ ތާއީދު ވަނީ ރާއީސް ޞާލިޙް އާއިއެކުގައި ކަަމަށެވެ. އަދި ދެ ކެންޑިޑޭޓުންގެ ސަޕޯޓަރުން ވެސް ރީތި ކެމްޕެއިނެއް ކުރުމަކީ އެމްޑީޕީގެ ކުރިމަގަށް މުހިއްމުކަމެއް ކަމަށް ވިދާޅުވެފަވެއެވެ.

''ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސް ދެއްވި ރައީސް. އަޅުގަނޑުގެ ތާއީދު ރައީސް ޞާލިޙަށް'' ރައީސް ޞާލިޙާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ޑރ. އައިޝާ ވިދާޅުވެފަވެއެވެ.

ތިން ވަޒީރެއް ރައީސް ޞާލިޙަށް ތާއީދު ކުރަށްވާކަން ހާމަކުރެއްވިއިރު، ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް 20 ހާހަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު ރައީސް ޞާލިޙްގެ ކެންޑިޑަސީ ފޯމު މިއަދު ވަނީ ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހުއެވެ.