ފީފާ ވޯލްޑް ކަޕް 2022 އަށް ފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ގަތަރުގައި ވޯލްޑް ކަޕްގެ މަސައްކަތުގައި ވަރަށް ބިޒީ ދުވަސްކޮޅެއް ހޭދަކުރެއްވުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާގެ ރައީސް، އިންފަންޓީނޯ ރާއްޖެ ވަޑައިގަތީ ޗުއްޓީއަށް ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތީ އަމިއްލަ ޖެޓެއްގައި މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަދި އެ ޖެޓްގައި އިތުރު ބަޔަކު އައިސްފައިވާއިރު، އެއީ އިންފަންޓީނޯގެ ޢާއިލާ ކަމަށް ބެލެވޭ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މަންޒަރު ދުއް ބައެއް މީހުން ބުނެއެވެ.

އިންފަންޓީނޯ ރާއްޖޭގައި ހުންނަވާ ރިސޯޓެއް އެނިގިފައެއް ނުވެއެވެ.

ގަތަރު ވޯލްޑް ކަޕް ސިފަކުރަށް ވައި އިންފަންޓީނޯ ވިދާޅުވެފައި ވަނީ އެއީ އެންމެ ކާމިޔާބު ވޯލްޑް ކަޕް ކަމަށެވެ.

ގަތަރު ވޯލްޑް ކަޕަށްފަހު އިންފަންޓީނޯ ރާއްޖެ ވަޑައިގެންފައިވާއިރު، ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުން ތެރިޔާ އާޖެންޓީނާގެ ކުޅަދާނަ ފޯވާޑް ލިއޮނަލް މެސީ ވެސް ޗުއްޓީއަށް ރާއްޖެ އައުމަށް ނިންމާފައިވާ ކަަމަށް ވަނީ އަޑު ފެތުރިފައެވެ.

ވޯލްޑް ކަޕަށްފަހު އެ މުބާރާތުގެ ބައެއް ތަރިން ވަނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕުގެ ތިންވަނަ ހޯދި ކްރޮއޭޝިއާ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗާއި، ބްރެޒިލްގެ ތަރި ނޭމާ ވެސް ވަނީ ރާއްޖެ އަައިސްފައެވެ. އަދި އުރުގުއާއިގެ ފޯވާޑް ލުއިސް ސުއަރޭޒްއާއި ބްރެޒިލްގެ ކެޕްޓަން ތިއާގޯ ސިލްވާ ވެސް ރާއްޖެ އައިކަމަށް ވަނީ އަޑު ފެތުރިފައެވެ.